ބޭރު ކުޅިވަރު

ކުލަބު ވޯލްޑް ކަޕް ބާސެލޯނާ އަށް، މޮޅު ކުޅުންތެރިއަކަށް ސުއަރޭޒް

ދުނިޔޭގެ ކުލަބުތަކުގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ބާސެލޯނާ ހޯދައިފި އެވެ.

އެ ޓީމު ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި އާޖެންޓީނާގެ ރިވަޕްލޭޓް 3-0އިން ބަލިކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ގޯލު ޖެހީ ލަޔޮނަލް މެސީ އެވެ. އަނެއް ދެ ގޯލު ޖެހީ ލުއިސް ސުއަރޭޒް އެވެ. މި ދެ ލަނޑާއެކު އޭނާ ވަނީ މުބާރާތުގައި ފަސް ގޯލު ޖަހާފަ އެވެ.

މި ދެ ކުޅުންތެރިންގެ ތެރެއިން މުބާރާތުގެ މޮޅު ކުޅުންތެރިޔާ އަށް ދޭ ރަންބޯޅަ ލިބުނީ ސުއަރޭޒަށެވެ. ހާނިއްކައިގެ ސަބަބުން ސެމީ ފައިނަލް މެޗުގައި ނުކުޅެވުނު މެސީ އަށް ލިބުނީ ރިހިބޯޅަ އެވެ. ރަންވަންލޯ ބޯޅަ ލިބުނީ ކެޕްޓަން އަންދްރޭސް އިނިއެސްޓާ އަށެވެ.

މިއީ މި އަހަރު ތެރޭގައި ބާސެލޯނާ ކާމިޔާބު ކުރި ފަސް ވަނަ ތައްޓެވެ. އެ ޓީމު ވަނީ ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕް އަދި ޔޫރަޕިއަން ޗެމްޕިއަންސް ލީގާއި ޔޫރަޕިއަން ސުޕަ ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.

މިކާމިޔާބީ ބާސެލޯނާ އެންމެ ފަހުން ހޯދީ އެ ޓީމުގެ ކޯޗުކަމުގައި ޕެޕް ގާޑިއޯލާ ހުރި ދުވަސްވަރު އެވެ. ނަމަވެސް އަލުން ކާމިޔާބީ ތަކުރާރުވުމުން މެސީ ބުނީ މިއީ އުއްމީދު ނުކުރާ ކާމިޔާބީ އެއް ކަމަށާއި ނަމަވެސް ކުލަބު ވޯލްޑް ކަޕަކީ ބާސެލޯނާ ކާމިޔާބުކުރަން މުހިންމު މުބާރާތެއް ކަމަށެވެ.

މިއީ މެސީ އާއި އިނިއެސްޓާ އަދި ބުސްކެޓްސް އާއި ޑެނީއަލްވެޒް ތިބެގެން ބާސެލޯނާ މި މުބާރާތް ކާމިޔާބުކުރި ތިން ފަހަރު ވެސްމެ އެވެ. އަދި މުބާރާތުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ވެސް މެސީ އެވެ. އޭނާ ވަނީ މި އަހަރު ބޭއްވި ހުރިހާ މުބާރާތެއްގައި ލަނޑު ޖަހައިފަ އެވެ.