މުއައްސަސާތައް އަމިއްލަ އިމާރާތްތަކުގައި ހިންގާތީ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް ހުށަހެޅުއްވި ބިލުގެ ބަހުސްގައި އަލީ ހުސެއިން މިއަދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ބިމެއް އޮތީ ދިވެހި ދައުލަތުގައި ކަމަށާއި އިމާރާތްތައް ކުރަން ބޭނުންވާ ފައިސާ އާއި ކުންފުނިތައް ވެސް ދައުލަތުގައި އެބަ ހުރި ކަމަށެވެ.
އޭނާ ވިދާޅުވީ އެހެން އޮތް ނަމަވެސް ދައުލަތުގެ ގިނަ މުއައްސަސާތަކާއި އިދާރާތައް ހިންގަނީ އަމިއްލަ މީހުންގެ ގޭގައި ކަމަށާއި އެއީ އޭނާ ކަންބޮޑުވާ ކަމެއް ކަމަށެވެ.
"މި މަޖިލިހުގެ [މަސައްކަތްތައް] ނިންމާލާފަ ސައިކަލުގަ ދާއިރުގައި އެބަ ފެނޭ އަމިއްލަ މީހެއްގެ ގެއެއްގެ ފާރުގެ ބޭރުގައި އޭސީސީގެ ނަން ބޯޑު. ޖޭއެސްސީގެ ނަން ބޯޑު. މާފަންނުން ދާއިރުގައި ވެސް އެބަ ފެނޭ ބައެއް މިނިސްޓްރީތަކުގެ ނަން ބޯޑު ބައެއް އަމިއްލަ މީހުންގެ ގޭގޭގަ ޖަހާފައި." އަލި ހުސެއިން ވިދާޅުވި އެވެ.
މި ހިނގަމުންދަނީ 21 ގަރުުނު ކަމުގައިވީ ނަމަވެސް ޖުޑީޝިއަރީއާ ގުޅުން ހުރި އިމާރާތްތަކާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ މުހިންމު ދައުލަތުގެ އިމާރާތްތައް ހިންގުމަކީ އެންމެ ރަނގަޅު ކަމެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ. އަދި އެކަން ބަދަލުވާނެތޯ އަބަދުވެސް ހިތުގައި ސުވާލު އުފެދޭ ކަމަށެވެ.
އަލީ އިތުރަށް ވިދާޅުވީ 2008 ގެ ފަހުން މާލޭގައި ކޯޓުތަކުގެ އާ އިމާރާތެއް އަޅާފައި ނުވާ ކަމަށެވެ. އަދި މިހާރު ވެސް ކޯޓުތަކުގައި ޖާގައިގެ ދަތިކަން ވަރަށް ބޮޑު ކަން ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުވެސް ދިވެހި ކޯޓުތަކުގައި ވަކާލާތު ކުރަން އުޅުނު އިރު އަޅުގަނޑުމެންނަށް އޭރު ވެސް ފެނޭ ތުހުމަތު ކުރެވޭ މީހާއާއި ތުހުމަތުކުރެވޭ މީހާއާ ދެކޮޅަށް ހެކީގެ ގޮތުގައި ގެންދާ މީހާއާ ދެމެދު ތިބޭނީ ގާތްގަނޑަކަށް އަތް ޖެހޭ ހިސާބު ކައިރީގައި. މަދު އިމާރާތްތަކެއް ހުރީ އެކަށީގެންވާ ކޯޓު އިމާރާތްތަކެއްގެ ގޮތުގައި." އަލީ ހުސެއިން ވިދާޅުވި އެވެ.