ހަބަރު

ޖޭއެސްސީގެ ނިންމުމާމެދު މަޖިލީހަށް ގޮތް ކަނޑަނޭޅޭނެ: އަލީ ހުސެއިން

Jun 17, 2019
6

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމާފައިވާ ނިންމުމެއް ގާނޫނާ އެއްގޮތްތޯ ކަނޑައެޅުމުގެ އިހްތިޔާރު ރައްޔިތުންގެ މަޖިލީހަށް ނެތް ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

އަލީ ހުސެއިން އެހެން ވިދާޅުވީ ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަލް ކޮމެޓީގެ ބައްދަލުވުމުގަ އެވެ. ރޭ އެ ކޮމެޓީއިން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރުމަށް ޖޭއެސްސީއިން ނިންމާފައިވާ ނިންމުމަށް ތާއިދުކޮށް އެކަން މަޖިލީހުން ފާސްކުރުމަށް ތަޅުމަށް ހުށަހަޅަން ނިންމާފަ އެވެ.

އެކަމާ ދެކޮޅަށް އަލީ ހުސެއިން ވޯޓު ދެއްވި އެވެ. އޭނާ ވިދާޅުވީ މިނިވަން މުއައްސަސާތަކުން ނިންމާ ނިންމުންތަކަށް ރައްޔިތުންގެ މަޖިލީހުން ޖުޑިޝަލް ވިއުއެއް ނުދެވޭނެ ކަމަށާއި އެއީ ޝަރުއީ ކޯޓުތަކަށް ލިބިގެންވާ ބާރުތަކެއް ކަމަށެވެ. އަދި ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރުމަށް ޖޭއެސްސީން ނިންމާފައިވާ ފަނޑިޔާރަށް ޖަބާދުވާރީވުމުގެ އެއްވެސް ފުރުސަތެއް ނުލިބި ކަމަށް މައުލޫމާތު ލިބޭއިރު ޖުޑިޝަރީ ކޮމިޓީން އެ ކަން ވެސް ބަލަން ޖެހޭނެ ކަމަށް އަލީ ވިދާޅުވި އެވެ.

އަލީ ހުސައިންގެ ވާހަކައަށް ރައްދު ދެއްވައި މެންބަރު ހަސަން ލަތީފު ވިދާޅުވީ އެއީ ރައްޔިތުންގެ މަޖިލީހަށް ކުރެވިދާނެ ކަމެއް ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކުން ގާނޫނާ ހިލާފަށް އަމަލު ކުރަމުންދާނަމަ އެ މުއައްސަސާތައް ޖަވާބުދާރީކޮށް އެ މުއައްސަސާތަކަށް އިލްތިމާސްތައް ކުރުމަކީ މަޖިލީހުގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި ފަނޑިޔާރުގެ ބަސް ހޯދަން ޖެހެނީ ވަކި ކުރުމުގެ ކުރިން ކަމަށާއި ވަކި މުއްދަތަކަށް ސަސްޕެންޑް ކުރުމުގެ ކުރިން ފަނޑިޔާރުގެ ބަސް ހޯދަން ޖޭއެސްސީގެ ގާނޫނުގައި ނެތް ކަމަށް ހަސަން ވިދާޅުވި އެވެ.

ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމި ނިންމުމަށް އަމަލު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ނަމަވެސް ޖޭއެސްސީން ސުޕްރީމް ކޯޓުގެ އަމުރު ގަބޫލުނުކޮށް ފަނޑިޔާރު ދީދީގެ ސަސްޕެންޝަން ދެމި އޮތް ކަމަށް ބުނެފަ އެވެ. ޖޭއެސްސީން އެހެން ބުނި ނަމަވެސް ފަނޑިޔާރު ދީދީ އަދިވެސް ވާޒީފާއަށް ނުކުމެވަޑައިގަންނަވާއިރު އޭނާ ބައްދަލަވާ މައްސަލައެއްގެ ޝަރީއަތެއް ވެސް މިއަދު އެބަ އޮތެވެ.