ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ އިސްލާމިކް ބޭންކިން އަށް އާ ޑިރެކްޓަރެއް

ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބޭންކިންގެ ޑިރެކްޓަރުގެ މަގާމަށް އާ ބޭފުޅަކު އައްޔަނުކުރައްވައިފި އެވެ.

ޑިރެކްޓަރުގެ މަގާމަށް މިއަދު އައްޔަނު ކުރައްވާފައިވަނީ ހަސަން ކަލާމް އެވެ.

ކަލާމް އަކީ ފައިނޭންޝަލް ސާވިސަސް އަދި ބޭންކިން ދާއިރާގައި 10 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ލައިސެންސްޑް ޝަރީއާ އެޑްވައިޒަރެކެވެ.

އޭނާ ބީއެމްއެލްއާ ގުޅިވަޑައިގެންނެވީ 2013 ވަނަ އަހަރު އެެވެ. އަދި އިސްލާމިކް ބޭންކިންގެ ޑިރެކްޓަރުގެ މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ބީއެމްއެލް އިސްލާމިކްގެ އިންޓެރިމް އިންޗާޖުގެ މަގާމުގަ އެވެ.

ބީއެމްއެލްގެ ހިދުމަތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް ކަލާމް މުހިއްމު ދައުރެއް އަދާކުރައްވާފައިވާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ކަލާމް ޑިރެކްޓަރުގެ މަގާމަށް އައްޔަނުކުރެއްވުމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވަނީ އޭނާ އަށް މަރުހަބާ ވިދާޅުވެފަ އެވެ.

ސީއީއޯ ވިދާޅުވީ ޝަރުއީ ހަމަތަކަށް ފުރިހަމަ އަށް ފެތޭ ގޮތަށް އިސްލާމިކް ބޭންކިންގެ ހިދުމަތް ބީއެމްއެލް އިން އިތުރަށް ފުޅާކުރަމުންދާއިރު އިސްލާމިކް ބޭންކިންއާ ގުޅޭގޮތުން ކަލާމަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި ކަސްޓަމަރުން ބޭނުންވާ ފަދަ ރަނގަޅު ބަދަލުތަކެއް ގެނެސްދެއްވާނެ ކަމުގެ ފުރިހަމަ އުއްމީދު އެބައޮތް ކަމަށެވެ.

ބީއެމްއެލް އަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ރާއްޖޭގައި އެންމެ ގިނަ ވަޒީފާ ދެމުންދާ އެއް ކުންފުނިވެސް މެއެވެ. ބޭންކުގެ 99 ޕަސެންޓް މުވައްޒަފުންނަކީ ދިވެހިންނެވެ. ބޭންކުން ދަނީ ވަޒީފާ ދިނުމާއި ތަމްރީނުކުރުމާއި އަދި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ސިޔާސަތުތައް އެކުލަވާލައި އަމަލުކުރަމުންނެވެ.