ޓެރަރިޒަމްގެ ދައުވާކޮށް 13 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ނުކޮށްދޭނެ ކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުން ބުނާ ވާހަކަ އަކީ ގާނޫނީ ގޮތުން އެއްވެސް ބުރަދަނެއް ހުރި ވާހަކަ ތަކެއް ނޫން ކަމަށް އެ ޕާޓީގެ މެންބަރު އަދ ކުރިން އެ ޕާޓީގެ ނައިބު ރައީސް ކަމުގައި ހުންނަވަނިކޮށް ބޭރުކޮށްލެވުނު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
ނަޝީދުގެ މައްސަލަ އިސްތިއުނާފް ކުރުމަށް މިއަދު ސުޕްރީމް ކޯޓަށް ހުށަހެޅުމާއި ގުޅިގެން އަލްހާން ވިދާޅުވީ މައްސަލައެއް އިސްތިއުނާފް ކުރާނަމަ އެންމެ ފުރަތަމަ ހުށަހަޅަން ޖެހޭނީ ހައި ކޯޓަށް ކަމަށާއި ނަމަވެސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުން އެކަން އެގޮތަށް ނުކުރައްވާ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ކަމަށެވެ.
ކޯޓްތަކުގައި ވަކާލާތު ކުރުމުގެ ހުއްދަވެސް އޮންނަ ގާނޫނީ ވަކީލު، އަލްހާން ވިދާޅުވީ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފް ކުރަން ހުށަހެޅުމުގެ ކުރިން އެބާވަތުގެ މައްސަލައެއް އެކޯޓުން ނިންމާފައިވޭތޯ އާއި ނިންމާފައިވަނީ ކިހިނެއްތޯ ބަލަން ޖެހޭނެ ކަމަށެވެ. އެހެެން ނަމަވެސް ނަޝީދުގެ ވަކީލުންގެ ޓީމުން އެފަދަ ކަމެއް ނުކުރައްވާ ކަމަށެވެ.
"މިމައްސަލައިގައި ހައިކޯޓަށް ނުދިއުމަށް މި ބޭފުޅުން [ނަޝީދުގެ ވަކީލުންގެ ޓީމް] މި ނިންމަވަނީ ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ދަށު ކޯޓުން ރައީސް ނަޝީދުގެ މި މައްސަލައިގައި ތިއްބެވި ފަނޑިޔާރުން ތިއްބަވާތީކަން. އެއީ އެއްވެސް ހާލެއްގައި ރައީސް ނަޝީދަކާއި ބެހިވަޑައިގަންނަވާ ކަމެއް ނޫން. އެއީ ރައީސް ނަޝީދުގެ ވަކީލުން ވިސްނާ ވަޑައިގަންނަވަންވީ ކަމެއް ވެސް ނޫން. މައްސަލަ ފޮނުވަނީ ކޯޓަށް. މައްސަލަ ފޮނުވަނީ ހައިކޯޓުގެ ގާޒީގެ އަތްޕުޅަކަށް ނޫން. މައްސަލަ ފޮނުވަނީ ހައިކޯޓަށް." އަލްހާން ވިދާޅުވިއެވެ.
އަލްހާން ވިދާޅުވީ ދަށު ކޯޓުން ނިންމާ މައްސަލައެއް އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށަހަޅެމުން އެމައްސަލައެއްގައި ދައުވާ ކުރާ ފަރާތާއި ކުރިން ދަށު ކޯޓުގައި އެމައްސަލަ ބައްލަވާފައި ތިބޭ ގާޒީންނާއި ކޮންފްލިކްޓްވާ ނަމަ، އެމައްސަލަ ބަލާނެ ބެންޗެއް ކަނޑައަޅާނެ ހައިކޯޓުން ކަމަށެވެ.
"މީގައި ވިސްނަންޖެހޭ ކަމަަކީ ކޯޓުތަކުގައި ތިބޭ ވަކި ވަކި ބައެއް ނޫންކަން އިންސާފުދެނީކީ އެއް. އިންސާފު އަންނާނީ މުޅި ކޯޓުން." އަލްހާން ވިދާޅުވިއެވެ.
އަލްހާން އިތުރަށް ވިދާޅުވީ ދައުލަތުގައި ކަނޑައަޅާފައި އޮންނަ ހައްގެއް ހޯދަން މަސައްކަތް ކުރާނަމަ ކޮންމެ ބޭފުޅަކުވެސް މަސައްކަތް ކުރައްވަން ޖެހޭނީ އޮންނަ ނިޒާމުގެ ތެރެއިން ކަމަށެވެ.
އަލްހާން ވަނީ ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އެ ޓީމަކީ އެކަމަށް ކުފޫ ހަމަވާ ޓީމެއް ނޫން ކަމަށް އަލްހާން ވިދާޅުވިއެވެ. އަދި އެޓީމުން މަސައްކަތް ކުރައްވަނީ ޝަރީއަތަށް ޖެއްސުން ކުރައްވަން ކަމަށް އަލްހާން ތުހުމަތު ކުރެއްވިއެވެ.
ރައީސް ނަޝީދުގެ ފަރާތްޕުޅުން އެ މަނިކުފާނުގެ މައްސަލަ ސުޕްރީމް ކޯޓްގައި އިލްތިމާސް ކުރެއްވީ މިއަދު އެވެ.