ރައީސް މުހައްމަދު ނަޝީދު

ހައިކޯޓު ފަނޑިޔާރުންނަށް ނަޝީދު ގޮން ޖައްސަވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެ، ހ. ދޫވެހީގައި ދެމި "އިންޑިއާ އައުޓް" ޖަހާފައިވާ ބޮޑު ބެނާ ނެގުމަށް ފުލުހުން ކްރިމިނަލް ކޯޓުން ހޯދި ކޯޓު އަމުރަކީ ގާނޫނާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ހައިކޯޓުން ކަނޑައަޅާފައި ވަނީ ގޯސްކޮށް ކަމަށް ވިދާޅުވެ ހައިކޯޓު ފަނޑިޔާރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮންޖައްސަވައިފި އެވެ.

ފުލުހުން ކޯޓު އަމުރު ހޯދާފައިވަނީ އާންމު މަސްލަހަތަށް ހުރަސް އެޅޭ ފަދަ އަމަލެއް ހިންގާ ކަމަށް ތުހުމަތުކޮށް އެ ބެނާ ނެގުމަށެވެ. ނަމަވެސް ކުށެއްގެ ތުހުމަތުގައި ހެއްކެއް ހޯދަން ބަލައި ފާސްކުރުމުގެ އަމުރެއް ހޯދި ނަމަވެސް އަމުރު ނެރެން އެކަށީގެންވާ ސަބަބެއް އަމުރުގައި ބަޔާންކޮށްފައި ނުވާ ކަަމަށް ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްޔެ އިއްވި ހުކުމުގައި ބަޔާންކުރައްވާފައިވެ އެވެ.

އަމުރުގައި ބަޔާންކޮށްފައިވާ ކުށަކީ އާންމު މަސްލަހަތު ގެއްލޭ ކަމަށް ތުހުމަތުކުރެވޭ ކުށަކަށްވި ނަމަވެސް އަމިއްލަ މީހެއްގެ ތަނަކީ އާންމު ތަނެއް ނޫން ކަމަށް ހުކުމުގައި ބުނެ އެވެ.

އެ ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ކަންކަން ފާހަގަކުރެއްވުމަށްފަހު މަޖިލީސް ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ކްރިމިނަލް ކޯޓުން އެ ކޯޓު އަމުރު ނެރެފައިވާ ސަބަބުތައް ހައިކޯޓުގެ ފަނޑިޔާރުންނަށް ސާފުވެވަޑައިގެންފައި ނުވާ ކަމަށެވެ. އެ އަމުރުގައި ފާހަގަކޮށްފައި ވަނީ އެންމެ ސަބަބެއް ނޫން ކަމަށާއި އޭގައި އެތައް ސަބަބެއް ވާކަމަށް ނަޝީދު ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުން މިދިޔަ އޭޕްރީމް މަހުގެ 21 ވަނަ ދުވަހު ދޫވެހި ބަލައިފާސްކުރުމަށް ނެރުނު އަމުރުގައި ހަ ކަމެއް ފާހަގަކޮށްފައިވާކަން ނަޝީދު ފާހަގަކުރެއްވި އެވެ. އެގޮތުން ރާއްޖެއާ އެހެން ގައުމުތަކާ އޮންނަ ގުޅުންތަކަށް ނުރަގަޅު އަސަރުކުރާ ގޮތައް އިންޑިއާ އާ ދެކޮޅަށް ލިޔުންތަކެއް ލިޔެ ބެނާ ހަރުކުރަމުން ދާ މައްސަލައަކީ އިންޑިއާއަށް ނިސްބަތްކޮށް އެ ގައުމުގެ ގަދަރާއި ކަރާމާތަށް އުނިކަން ލިބޭފަދަ އަމަލެއް ކަމުގައި ސިފަވާކަން ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އަދި އޭގެ ސަބަބުން އެގައުމުގައި ދިރިއުޅޭ އަދި އެގައުމަށް ޒިޔާރަތްކުރާ ރައްޔިތުންގެ މަސްލަހަތަށް ގެއްލުން ވެދާނެ ކަމަށާއި، އޭގެ ސަބަބުން ބައިނަލްއަގްވާމީ ގުޅުންތަކާއި އަވަށްޓެރި ގައުމުތަކާއި ދިވެހިރާއްޖެ އާއި ދެމެދު އޮންނަ ހާރިޖީ އަދި ސަގާފީ ގުޅުންތަކަށް ނުރަގަޅު އަސަރުކުރާނެ ކަމަށް އަމުރުގައިވާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގެ ދަށުން ރާއްޖޭގެ ހިމާޔަތާއި ރައްކާތެރިކަމުގައި ތިބޭ ބިދޭސީ ޑިޕްލޮމެޓުންނާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ދިވެހި ދައުލަތުގެ މަސްއޫލިއްޔަތު ކަމުގައިވާ ކަމާއި، މިފަދަ އަމަލުތަކަކީ އޭގެ ވަށައިގެންވާ ކަންކަމުގެ ސަބަބުން އެފަރާތްތައްވެސް ނުރައްކަލަކަށް ހުށަހެޅޭ ކަންކަން ކަމުގައި ކޯޓު އަމުރުގައިވާ ކަމަށް ވިދާޅުވި އެވެ.

އެ ބެނާތައް ނެގުމަށް ވެރިފަރާތްތަކަށް އެންގުމުން ނަގާފައިނުވާތީ އަމުރަށް ނުކިޔަމަންވެފައި ވާތީއާއި، އެތަކެއްޗަކީ މިތުހުމަތުތަކާ ގުޅިގެން ހިންގަން ޖެހޭ ތަހުގީގައި ބޭނުންކުރަންޖެހޭ އަސާސީ އަދި މާއްދީ ހެކިތަކަށް ވާތީ ކުށުގެ ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި ހެކީގެ ގޮތުގައި ބޭނުންކުރެވޭނެ ތަކެތިކަން ވެސް އެ އަމުރުގައި ފާހަގަކޮށްފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"...މި މަޖިލީހުން ފާސްކުރާ ގާނޫނުތައް މާނަކުރާއިރު އެ ގާނޫނު އެކުލަވާލި ފަރާތް ރައްޔިތުންގެ މަޖިލީހުގެ ނިޔަތް އެ މާނަކުރުމުގައި ރަމްޒުވެފައި ނެތްކަން. އެ ނިޔަތް އެންމެ ރަގަޅަށް ރަމްޒު ނުވާނަމަ ގާނޫނުތައް އިސްލާހުކޮށް އެކަންކަން ބަދަލުކުރަން މި މަޖިލީހުން މަސައްކަތްކުރަން ވާނެ،" ނަޝީދު ވިދާޅުވި އެވެ.

އެ ކޯޓު އަމުރަކީ ގާނޫނާ ހިލާފު އަމުރެއް ކަމަށް ވިދާޅުވެ، ކޯޓު އަމުރު ބާތިލުކޮށްދިނުމަށް އެދިވަޑައިގެން ހައިކޯޓުގައި މައްސަލަ އިސްތިއުނާފް ކުރީ ރައީސް ޔާމީންގެ ފަރާތްޕުޅުންނެވެ. ހައިކޯޓުން އިއްޔެ ނިންމާފައި ވަނީ އެއީ ގާނޫނާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށެވެ.

މި މައްސަލަ ބެއްލެވީ ހައިކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު، ފަނޑިޔާރު މުހައްމަދު ނިޔާޒު އަދި ފަނޑިޔާރު ހުސައިން ޝަހީދު އެވެ.