ހައިކޯޓް

އިންޑިއާ އައުޓް ބެނާ ނަގަން ނެރުނު އަމުރު ބާތިލްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެ، ހ. ދޫވެހީގައި ދެމި "އިންޑިއާ އައުޓް" ޖަހާފައިވާ ބޮޑު ބެނާ ނެގުމަށް ފުލުހުން ކްރިމިނަލް ކޯޓުން ހޯދި ކޯޓު އަމުރަކީ ގާނޫނާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ކަނޑައަޅައި ހައިކޯޓުން އެ އަމުރު ބާތިލްކޮށްފި އެވެ.

ކޯޓު އަމުރަކާއެކީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ފުލުހުން ދޫވެއްސަށް ވަދެ އެގޭގައި ހަރުކޮށްފައި ހުރި ބޮޑު ބެނާ ނެގި އެވެ.

އެ ކޯޓު އަމުރަކީ ގާނޫނާ ހިލާފު އަމުރެއް ކަމަށް ވިދާޅުވެ، ކޯޓު އަމުރު ބާތިލުކޮށްދިނުމަށް އެދިވަޑައިގެން ހައިކޯޓުގައި މައްސަލަ އިސްތިއުނާފް ކުރީ ރައީސް ޔާމީންގެ ފަރާތްޕުޅުންނެވެ. މައްސަލަ ރައްދުވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށެވެ.

ހައިކޯޓުން މިއަދު އިއްވި ހުކުމުގައިވަނީ ދަށު ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވާ ކުށަކީ ގާނޫނަކުން މަނާކޮށްފައިވާ ކުށެއް ނޫން ކަމަށެވެ.

ފުލުހުން ކޯޓު އަމުރު ހޯދާފައިވަނީ އާންމު މަސްލަހަތަށް ހުރަސް އެޅޭ ފަދަ އަމަލެއް ހިންގާ ކަމަށް ތުހުމަތުކޮށް އެ ބެނާ ނެގުމަށެވެ. ނަމަވެސް ކުށެއްގެ ތުހުމަތުގައި ހެއްކެއް ހޯދަން ބަލައި ފާސްކުރުމުގެ އަމުރެއް ހޯދި ނަމަވެސް އަމުރު ނެރެން އެކަށީގެންވާ ސަބަބެއް އަމުރުގައި ބަޔާންކޮށްފައި ނުވާ ކަަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު އިއްވި ހުކުމުގައި ބަޔާންކުރައްވާފައިވެ އެވެ. އަމުރުގައި ބަޔާންކޮށްފައިވާ ކުށަކީ އާންމު މަސްލަހަތު ގެއްލޭ ކަމަށް ތުހުމަތުކުރެވޭ ކުށަކަށްވި ނަމަވެސް އަމިއްލަ މީހެއްގެ ތަނަކީ އާންމު ތަނެއް ނޫން ކަމަށްވެސް ހުކުމުގައި ބުނެ އެވެ.

ފުލުހުން ބުނެފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ދޫވެއްސަށް ވަދެ ބެނާ ނެގީ އިންޑިއާއާ ދެކޮޅަށް ލިޔުންތަކެއް އުފައްދައި ބެނާ ހަރުކުރާތީ އެކަން ނުކުރުމަށް އަނގަ ބަހުންނާއި ލިޔުމުން ޔާމީނަށް އެންގުމުން ވެސް އެގޮތަށް އަމަލުކޮށްފައި ނުވާތީ ކަމަށެވެ.

ހުކުމުގައި ބަޔާންކޮށްފައި ވަނީ "އިންޑިއާ އައުޓް" ބެނާ ދެމުން ކުށަކަށް ވާގޮތާއި އެ ބެނާ ނަގަން ފުލުހުން އެންގީ ކީއްވެކަން ދައުލަތަށް ވެސް އަދި ފުލުހުންނަށް ވެސް ބުނެދެވިފައި ނުވާ ކަމަށެވެ. އަދި އެ ބެނާ ހަރުކޮށްފައި ހުރީ ދޫވެހީގެ ބޭރުން ހަރުކޮށްފައިވާ ދާގަނޑެއްގައި ހުރި ހޮޅިތަކެއްގައި އައްސާފައި ކަމަށްވާތީ ކޯޓު އަމުރެއްގެ ދަށުން އެގެއަށް ވަދެ އެ ބެނާ ނަގަން ޖެހޭ ސަބަބެއް އޮތް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ވެސް ފަނޑިޔާރު ނިޔާޒުގެ ރައުޔުގައި ފާހަގަކުރައްވާފައިވެ އެވެ. ބެނާ އަކީ ރައީސް ޔާމީންގެ ގޭގެ އިމުން ބޭރުގައި ހުރި އެއްޗެއް ކަމުން ކޯޓު އަމުރަކާ ނުލައި ވެސް ބެނާ ނަގައިގެން ފުލުހުންނަށް ގެންދެވޭނެ ކަމަށްވެސް ހައިކޯޓުގެ އަމުރުގައި ބަޔާންކުރައްވާފައިވެ އެވެ.