ރައީސް އަބްދުﷲ ޔާމީން

"އިންޑިއާ އައުޓް" ބެނާ ނެގި މައްސަލަ ހައިކޯޓަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެ، ހ. ދޫވެހީގައި ދަމާފައި ހުރި ބޮޑު ބެނާ ނަގަން ކްރިމިނަލް ކޯޓުން ނެރުނު ކޯޓުއަމުރު ބާތިލު ކޮށްދިނުމަށް އެދި ހައިކޯޓަށް ހުށަހަޅައިފި އެވެ.

ޔާމީންގެ އިސް ވަކީލެއް ކަމަށްވާ އަބްދުﷲ ޝިޔާޒް ވިދާޅުވީ ހައިކޯޓަށް ދަނީ ބެނާ ނެގި މައްސަލައިގައި ކަމަށެވެ. ފުލުހުންނަށް އެ އަމުރު ނެރެދީފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި އަދި ފުލުހުން ބެނާ ނެގުމުގައި އަމަލުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކުރިން ވެސް ވަކީލުން ވިދާޅުވި އެވެ.

ފުލުހުން ކޯޓު އަމުރެއް ހިފައިގެން މިދިޔަ މަހުގެ 21 ވަނަ ދުވަހު ދޫވެއްސާއި ހުރަފާގެއަށް ވަދެ ބެނާތައް ނަގާފައި ވަނީ އެ ތަންތަނަށް ވަނުމުގެ ކުރިން އެ ތަންތަނުގައި ހުރި ބެނާތައް ނެގުމަށް އެންގުމަށްފަހު އެ ބެނާތައް ނުނެގުމުންނެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހަޅާފައިވާ މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައި ވަނީ މިއަދު 11:15 އަށެވެ.

"އިންޑިއާ އައުޓް" ބެނާތައް ފުލުހުން ނަގާވަރަކަށް އިދިކޮޅު ސަޕޯޓަރުން ދަނީ އަލުން ބެނާތައް ދަމައި، އަދި ފާރުތަކުގައި އާއި ޕްރިންޓްކޮށްގެން މަގުމައްޗަށް ވެސް އަޅަމުންނެވެ.

އެ ކެމްޕޭނާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގަރާރެއް ވެސް ނެރުއްވާފަ އެވެ. ގަރާރުގައި ރައީސް ބަޔާން ކުރައްވާފައި ވާގޮތުގައި، މި ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަމެއް ކަމަށް ގައުމީ ސަލާމަތާބެހޭ މަޖިލީހުން ކަނޑައަޅައިފައިވާ ކަމަށެވެ.

އެ ގަރާރަކީ ބާތިލު ގަރާރެއް ކަމަށް ކަނޑައަޅައިދިނުމަށްއެދި އިދިކޮޅުން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ.