ހައިކޯޓް

ބެނާ މައްސަލަ: އަމުރު ހޯދި ބޭނުމާ މެދު ސުވާލު

"އިންޑިއާ އައުޓް" ޖަހާފައި ހުރި ބޮޑު ބެނާ ނަގަން ފުލުހުން ހޯދި ކޯޓު އަމުރަކީ ކޮން ބޭނުމެއްގައި ހޯދި އަމުރެއް ކަމާމެދު ހައިކޯޓުގެ ފަނޑިޔާރުން ގިނަ ސުވާލުތަކެއް ދައުލަތާއި ފުލުހުންނަށް އަމާޒު ކޮށްފި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ގެ، ހ. ދޫވެހީގައި ދަމާފައި ހުރި ބޮޑު ބެނާ ފުލުހުން މިދިޔަ މަހުގެ 21 ވަނަ ދުވަހު ނަގާފައިވަނީ ކޯޓު އަމުރެއް ހިފައިގެން ގޮހެވެ.

ކްރިމިނަލް ކޯޓުން ނެރެފައިވާ އެ އަމުރަކީ ގާނޫނާ ހިލާފު އަމުރެއް ކަމަށާއި އަދި ބެނާ ނެގުމުގައި ފުލުހުން އަމަލު ކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ޔާމީންގެ ފަރާތްޕުޅުން ވަނީ އެ އަމުރު އިސްތިއުނާފް ކޮށްފަ އެވެ.

މި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފައިވާއިރު ދައުލަތުން މިއަދު ވަނީ ރައީސް ޔާމީނަށް ރައްދު ދީފަ އެވެ. ދައުލަތުން ބުނި ގޮތުގައި ކޯޓު އަމުރު ނެރެދިނުމަށް ފުދޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށް އަމުރުގައި ބަޔާން ކޮށްފައިވެ އެވެ. ބަލައި ފާސް ކުރުމުގެ އަމުރުގައި ބަޔާން ކޮށްފައިވާ ކުށުގެ ރުކުންތައް ފުރިހަމަ ނުވާކަމަށް ކަނޑައަޅައިފިނަމަ މައްސަލައިގެ ތަހުގީގަށް ހުރަސް އެޅިގެންދާނެ ކަމަށްވެސް ދައުލަތުން ވަނީ ބުނެފަ އެވެ.

ދައުލަތުގެ ރައްދަށްފަހު ފަނޑިޔާރުންގެ ބެންޗުން ވަނީ ކޯޓު އަމުރު ހޯދުމުގެ އަސްލު ބޭނުމާ ގުޅޭ ގޮތުން ގިނަ ސުވާލުތަކެއް ފުލުހުންނަށް އަމާޒުކޮށް ގިނަ ކުރައްވާފަ އެވެ. އެގޮތުން ކޯޓު އަމުރު ހޯދީ ކޮން ހެއްކެއް ހޯދަން ކަމާއި، ކުރިން ބެނާ ނަގަން އެންގުމުން ހެކި ނައްތައިލުމުގެ ފުރުސަތު ނޯންނާނެތޯ ތަކުރާރުކޮށް އެއްސެވި އެވެ. އަދި ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަލައި ފާސް ކުރިއިރު ސުވާލުކޮށް އެއްވެސް މީހެއްގެ ބަޔާން ނަގާފައިވޭތޯ ސުވާލު ކުރެއްވެވި އެވެ.

ފުލުހުން ބުނީ ކޯޓު އަމުރަކާ އެކީ ދޫވެއްސަށް ވަނީ "އިންޑިއާ އައުޓް" ޖަހާފައިވާ ބެނާގެ ސަބަބުން މީހުންގެ ތެރޭގައި ބިރުވެރިކަން އުފެދޭތީ ކަމަށެވެ. އަދި ބެނާ ނަގަން އެންގުމުން ނުނަގާ ހުރުމަކީ ކުށަކަށްވާތީ ހެކި ހޯދުމަށް ކަމަށެވެ. އެކަމަކު އެ ބެނާ ނޫން އިތުރު ހެއްކެއް ހޯދާފައި ނުވާނެ ކަމަށާއި މީހަކާ ސުވާލުކޮށް ބަޔާން ނަގާފައިވެސް ނުވާނެ ކަމަށް ބުންޏެވެ. އަދި ގާނޫނީ އިންޒާރު ދީފައި ނުވާނެ ކަމަށްވެސް ބުންޏެވެ.

އާންމު މަސްލަހަތަށް ގެއްލުންވުމުގެ އަމަލެއް ހިންގައިގެން މައްސަލަ ހުށަހަޅަން ޖެހޭނީ ކޮން ފަރާތެއްތޯ ވެސް ފަނޑިޔާރު އެއްސެވި އެވެ. ޖަވާބުގައި ފުލުހުން ބުނެފައި ވަނީ އެފަދަ މައްސަލަތައް ރިޕޯޓުކުރަން ޖެހޭނީ އާންމުން ކަމަށެވެ. އެކަމަކު މިއީ ފުލުހުން އަމިއްލައަށް ފެނިގެން ހިންގާ ތަހުގީގެއް ކަމަށެވެ.

ޔާމީންގެ ވަކީލް އާދަމް ޝަމީމް ވިދާޅުވީ ކޯޓު އަމުރު ހިފައިގެން ފުލުހުން ވަނީ ދޫވެހީގައި ޔާމީން ދިރިއުޅުއްވާ ބަޔަށް ނޫން ކަމަށެވެ. އެބަޔަށް ވަދެވޭނެ ދޮރެއް ހުއްޓައި އެހެން ދޮރަކުން ވަދެގެން ގޮސް ބެނާ ނެގީ ކަމަށާއި ބެނާ ފިޔަވައި އިތުރު އެއްވެސް އެއްޗެއް ފުލުހުން ނުގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލާފަ އެވެ. ދެން އޮންނާނީ މައްސަލައިގައި ހުކުމް އިއްވުން ކަމަށް ފަނޑިޔާރުން ވިދާޅުވި އެވެ.