ގެއްލުމުގެ ބަދަލުގައި ދީބާޖާ އަށް 348.10 މިލިއަން ރުފިޔާ ދިނުމަށް ދައުލަތުގެ މައްޗަށް ކުރި ހުކުމް ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތާވަލް ކޮށްފި އެވެ. މިއަޑު އެހުން ތާވަލް ކޮށްފައި ވަނީ މާދަމާ ހެނދުނު 11:00 އަށެވެ.
ދެހާސް ދިހަ ވަނަ އަހަރުގެ ތެރޭގައި ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏަށް ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅު އަދި ޅ. އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދޭން ހަވާލުކުރި އެވެ. ނަމަވެސް އެ އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަކޮށް ދޭން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް 2013 ވަނަ އަހަރު އެއްބަސްވުން ވަނީ ބާތިލުކޮށްފަ އެވެ.
ސަރުކާރުން އެއްބަސްވުން ބާތިލުކުރީ ދީބާޖާ ކުންފުނިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ. އެ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ރިސޯޓް ތަރައްގީ ކުރުމަށާއި ފެރީ ޓާމިނަލްތައް ހެދުމަށް ބިން ދޫކުރަން އޮތީ ލާޒިމްކޮށްފަ އެވެ. ނަމަވެސް އެ ބިންތައް ވެސް އެ ކުންފުންޏަށް ދޫކޮށްފައެއް ނުވެ އެވެ.
އެއްބަސްވުން ބާތިލު ކުރުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ހޯދަން ދީބާޖާ ކުންފުނިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އެ މައްސަލަ ނިންމީ ވެސް އެ ކުންފުންޏާ އެއްކޮޅަށެވެ. އެއީ ބިންތައް ހަވާލު ނުކޮށް އޮތުމަކީ ދައުލަތުން އެއްބަސްވުމާ ހިލާފުވުން ކަމުގައި ކަނޑައެޅުމަށްފަހު އެވެ. އެހެންވެ ގެއްލުމުގެ ބަދަލު ދީބާޖާއަށް ދޭން ސިވިލް ކޯޓުން ހުކުމް ކުރި އެވެ. އެއީ 348.10 މިލިއަން ރުފިޔާ އެވެ. އެ ހުކުމް ކޮށްފައި ވަނީ އޮކްޓޫބަރު 23، 2014 އިގަ އެވެ. އެ ހުކުމާ ހިތްހަމަ ނުޖެހި، ދައުލަތުގެ ފަރާތުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރި އެވެ. ހައިކޯޓުން ހުކުމް ކުރީ ދައުލަތާ އެއްކޮޅަށެވެ. އަދި ސިވިލް ކޯޓުގެ ހުކުމް ބާތިލުކުރި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހެދި އެއްބަސްވުމެއް އޭގެ ފަހުން އުވާލި މައްސަލާގައި ލިބުނު ގެއްލުމުގެ ގޮތުގައި ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދިނުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރީ ދީބާޖާ ކުންފުނިންނެވެ. އެ ކުންފުނީގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ އިލްތިމާސްކުރީ އެންމެ ނުކުތާއެއްގެ މައްޗަށް ރިއާޔަތްކޮށެވެ. އެއީ އެ މައްސަލާގައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވަނީ އިސްތިއުނާފަށް ކަނޑައަޅާފައިވާ މުއްދަތަށްވުރެ ފަހުން ކަމަށް ބުނާ ނުކުތާ އެވެ.
އޭރު އަމަލު ކުރަމުން ދިޔަ އުސޫލުގައިވާ ގޮތުން ދަށު ކޯޓުތަކުގެ ހުކުމްތައް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް 90 ދުވަހުގެ މުއްދަތެއް ލިބެ އެވެ. މިހާރު އެކަމަށް ލިބެނީ 10 ދުވަހުގެ މުއްދަތެކެވެ.
ދައުލަތުން ހައިކޯޓަށް އެ މައްސަލަ ހުށަހެޅީ ޖުލައި 22، 2015 އިގަ އެވެ. ނަމަވެސް އިސްތިއުނާފު ކުރަން ލިބޭ 90 ދުވަހަށް ބަލާއިރު އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ މާޗް 12، 2015 އެވެ.
އެހެންވެ ހައިކޯޓުގެ ހުކުމް ބާތިލުކޮށް، ސިވިލް ކޯޓުގެ ހުކުމަކީ އެ ހުކުމް އިސްތިއުނާފު ކުރުމަށް ލިބުނު މުއްދަތުގައި އިސްތިއުނާފަށް ހުށަހަޅާފައި ނުވާ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ. އަދި އެ މައްސަލާގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަކީ ނިހާއީ ހުކުމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދީބާޖާއަށް ދިނުމަށް ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
ނަމަވެސް ސުޕްރީމް ކޯޓުން ކުރި ހުކުމް ރިވިއު ކުރުމަށް ދައުލަތުން އެ ކޯޓަށް ހުށަހެޅި އެވެ. އެންމެ ފަހުން ބޭއްވި އަޑު އެހުމުގައި ދައުލަތުން ވަނީ ސުޕްރީމް ކޯޓުން މި މައްސަލާގައި އިޖުރާއީ ގޮތުން ނިންމި ނިންމުން ބާތިލުކޮށް ހައިކޯޓުގެ ހުކުމަށް ތާއީދު ކުރަން އެދިފަ އެވެ. އެގޮތުން ސިވިލް ކޯޓުން މި މައްސަލައިގައި ހުކުމް ކޮށްފައިވަނީ ހުރިހާ އިޖުރާއީ ނުކުތާތަކެއްގެ މައްޗަށް ރިއާޔަތް ނުކޮށް ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނީ ދީބާޖާއަށް ބަދަލު ދިނުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ ދީބާޖާއިން އަމިއްލައަށް ތައްޔާރުކުރި ލިޔުމަކަށް ބިނާކޮށް ކަމަށާއި އެއީ އޮޑިޓިންގެ އުސޫލުތަކަށް ނުފެތޭ ލިޔުމެއް ކަމަށެވެ. އެހާ ގިނަ އަދަދެއްގެ ފައިސާ ދީބާޖާއަށް ދެއްކުމަށް ދައުލަތުގެ މައްޗަށް ހުކުމް ކުރީ ކޮންޓްރެކްޓާބެހޭ ގާނޫނުގެ ދަށުން ބަދަލު ނަގައިދިނުމުގެ އުސޫލާއި ހިލާފަށް ކަމަށާއި އެކަމުން ހާމަވެގެން ދަނީ ދީބާޖާއިން މިކަމަށް ފާޅުކަން ބޮޑު ގޮތެއްގައި އަދުލު އިންސާފަށް ހުރަސް އަޅަމުން ދިއުމަށް ކަމަށް ވެސް ދައުލަތުން މިއަދު ސިފަ ކުރި އެވެ.
މީގެ އިތުރުން ދީބާޖާއަށް 348 މިލިއަން ރުފިޔާ ދިނުމަށް ހުކުމް ކުރި އިރު އެ އަދަދަށް ވާސިލްވި ގޮތެއް ހުކުމުން އެނގެން ނެތް ކަމަށާއި އެހެން ކަމުން މި މައްސަލާގައި ސުޕްރީމް ކޯޓުން ކުރި ހުކުމް ބާތިލްކޮށް ހައިކޯޓުގެ ނިންމުން ދަމަހައްޓަން ދައުލަތުން ވަނީ އެދިފަ އެވެ.
އެދުވަހުގެ އަޑުއެހުމުގައި ދީބާޖާ އިން ބުނީ އަދުލު އިންސާފަށް ހުރަސް އަޅާ ކަމަށް ދައުލަތުން ކުރަމުންދާ ތުހުމަތަކީ ކޮށްގެން ވާނެ ތުހުމަތެއް ނޫން ކަމަށެވެ. އަދި ސުޕްރީމް ކޯޓުން މި މައްސަލައިގައި ހުކުމް ކޮށްފައި ވަނިކޮށް އަލުން މި މައްސަލަ މުރާޖައާ ކުރުމަށް ދައުލަތުން ހުށަހެޅީ ކޮން އުސޫލަކުންތޯ ސުވާލު ކޮށްފައި ވެއެވެ. ސުޕްރީމް ކޯޓުގެ ހުކުމް އައުމުން ދީބާޖާއަށް ބަދަލު ދިނުމާ ބެހޭ ގޮތުން ކޯޓުން ބޭރުގައި ދައުލަތުން މަޝްވަރާކޮށް، ސެޓްލްމަންޓް ކޮމެޓީން ނިންމުމެއް ނިންމާފައި އޮތުމަކީ ސުޕްރީމް ކޯޓުގެ ހުކުމް ދައުލަތުން ވެސް ގަބޫލުކުރާ ކަމުގެ ދަލީލެއް ކަމަށްވެސް ދީބާޖާ އިން ބުންޏެވެ.