މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުން އަތުގައި ހުރި ބަނގުރާ ނައްތާލައިފި

Feb 7, 2022

ތަފާތު އެކި މައްސަލަތަކާ ގުޅިގެންނާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އެކި އޮޕަރޭޝަންތަކުގައި އަތުލައިގެންފައިވާ ބަނގުރާ ނައްތާލައިފި އެވެ.

މިތަކެތި މިއަދު ނައްތާލާފައިވަނީ ފުލުހުން ޖަލެއް ހިންގަމުން ގެންދާ ދޫނިދޫގަ އެވެ. ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 82 މައްސަލައެއްގައި ހިމެނޭ 717 ބަނގުރާ ފުޅި އާއި 67 ބިޔަރު ދަޅާއި ނުވަ ޕެޓް ފުޅިއާއި އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނޭ 46 އައިޓަމެވެ.

ފުލުހުން ބުނީ ނައްތާލި ތަކެއްޗަކީ ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ އަދި ނައްތާލުމުގެ ހުއްދަ ޕީޖީ އޮފީހުން ދީފައިވާ ތަކެއްޗާއި، ދައުވާ ނުކުރުމަށް ނިންމައި ފައިލްކޮށްފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރާ ކަމަށެވެ. ނައްތާލި ބަނގުރަލުގެ ތެރޭގައި ތުހުމަތު ކުރެވޭ ވަކި ފަރާތެއްގެ މައުލޫމާތު ނޭނގޭ ގޮތަށް ހުރި ބަނގުރާ ވެސް ހިމެނެ އެވެ.

ބަނގުރާ ނައްތާލީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރަންޖެހޭ ގަވާއިދުގެ ދަށުން، އެކަމަށް އެކުލަަވާލި ޓީމަކުންނެވެ.