ހުޅުމާލެ ބީޗް ފްރަންޓުން ވިއްކާ ބިންތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު މާދަމާ އޮންނާނެ އެވެ.
ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މާދަމާ ހެނދުނު 9:00 އިން 12:00 ގެ ނިޔަލަށް މި ބިންތަކަށް ހުށަހަޅާ ބީލަންތައް ބަލައިގަތުން އޮންނާނެ ކަމަށެވެ. ބީލަން ބަލައި ގަތުން އޮންނާނީ ހ. މީރުމާ، ފަސް ވަނަ ފްލޯގަ އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ވިއްކަން ކަނޑައަޅާފައިވަނީ 60 ބިމެވެ. އެޗްޑީސީން ވިއްކަން ނިންމާފައިވަނީ 1603.07 އަކަފޫޓާއި 2633.93 އަކަ ފޫޓާ ދެމެދުގެ ސައިޒުގެ ބިން ތަކެކެވެ.
ސަރުކާރުގެ ސިޔާސަތުގެ ދަށުން މާލޭ މީހުންނަށް ބިން ދިނުމަށް އިސްކަން ދިނުމުގެ ގޮތުން އެޗްޑީސީ އިން ވަނީ މި ބިންތަކަށް ބީލަށް ހުށަހެޅޭނީ ހަމައެކަނި މާލޭގެ މީހުންނަށް ކަމަށް ކަނޑައަޅާފަ އެވެ. ބިންތައް ވިއްކާނީ އެންމެ މަތިން އަގު ހުށަހަޅާ ފަރާތް ތަކަށެވެ.
ބިން ގަތުމަށް ޝަރުތު
- މާލޭ ސަރަހައްދުން ދިރިއުޅުމަށް 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނުވަތަ ގޯއްޗެއް ރަޖިސްޓްރީކޮށްފައިވާ މީހަކަށް ނުވުން
- މާލެ ސަރަހައްދުން ބިމެއް ނުވަތަ ގޯއްޗެއް އެކަކަށް ވުރެ ގިނަ މީހުންގެ ނަމަށް ރަޖިސްޓްރީ ކޮށްފައިވާ ނަމަ 600 އަކަފޫޓަށް ވުރެ ބޮޑު ބައެއް ލިބިފައިވާ މީހަކަށް ނުވުން
- ހުޅުމާލެއި ން ބީލަމުގެ އުސޫލުން ބިމެއް ގަނެފައިވާ ފަރާތަކަށް ނުވުން
ހުޅުމާލެ، ބީޗު ފްރޮންޓުން ވިއްކާ 26 ބިމުގެ އަގު ފެށެނީ އަކަފޫޓެއް 3،900 ރުފިޔާ އިންނެވެ. އެ ތަނުން ބިމެއްގެ އެންމެ ކުޑަ އަގު ވެސް 6.2 މިލިއަން ރުފިޔާ ޖެހެ އެވެ. ބީޗު ސައިޑުން ވިއްކާ 34 ބިމުގެ އަގު ފެށެނީ އަކަފޫޓެއް 3،500 ރުފިޔާ އިންނެވެ. އެ ތަނުން ބިމެއްގެ އެންމެ ކުޑަ އަގު ވެސް 5.6 މިލިއަން ރުފިޔާ ޖެހެ އެވެ.