ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ މި ދައުރުގައި 36 ބިލެއް ހުށަހަޅަނީ

ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރުގައި ގިނަ އަދަދެއްގެ ބިލުތަކެއް ހުށަހަޅަން ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނެފި އެވެ.

އެޓާނީ ޖެނެރަލް އޮފީހުން މިއަދު ކުރި ޓުވީޓެއްގައި ވަނީ ހުށަހަޅަން ނިންމާފައިވާ ބިލުތައް ހާމަކޮށްފަ އެވެ. އެގެ ތެރޭގައި 36 ބިލެއް ހިމެނެ އެވެ.

މަޖިލީހަށް ހުށަހަޅަން ނިންމި ބިލުތަކުގެ ތެރޭގައި ސިއްހީ ދާއިރާއާ ގުޅޭ ބިލުތަކާއި، އިޖުތިމާއީ އަދި ގައުމީ ސަލާމަތާ ގުލޭ ދާއިރާތަކާ ގުޅޭ ބިލުތައް ހިމެނެ އެވެ. ނަމަވެސް އިދިކޮޅު ޕީޕީއެމް/ ޕީއެންސީން އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލައި ހިންގަމުންދާ "އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވުމުގެ ބިލު މީގެ ތެރޭގައި ނުހިމެނެ އެވެ.

ހުށަހަޅާ މުހިންމު ބިލުތައް

  • މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ގޭންގް ކުށްތައް މަނާކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހި ރައްޔިތުންގެ ދީނި އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީގެ ބިލު
  • އާއިލާއާ ބެހޭ ބިލު
  • ކުންފުނީގެ ބިލު
  • ކުނި ނައްތާލުމާ މެނޭޖުކުރުމާ ބެހޭ ބިލު
  • ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

މަޖިލީހުގެ ނިމިގެން ދިޔަ ދައުރުގައި ވެސް ގިނަ އަދަދެއްގެ ބިލުތަކެއް ހުށަހަޅާނެކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނެފައި ވެއެވެ. ނަމަވެސް ހުށަހަޅާނެކަމަށް ބުނި ބިލުތަކުގެ ތެރެއިން މަޖިލީހަށް ހުށަހެޅުނީ މަދު ބިލުތަކެކެވެ.