އަލީ އާޒިމް

"އިންޑިއާ އައުޓް" ހުއްޓުވާ ބިލަށް މާދަމާ ގޮތެއް ނިންމަނީ

Feb 8, 2022

ދިވެހި ދައުލަތުން އެކި ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ހިންގާ އަމަލުތަކަކީ ޖިނާއީ ކުށަކަށް ހަދަން ޑްރާފްޓް ކޮށްފައިވާ ބިލް މަޖިލީހަށް ހުށަހެޅުމާ މެދު މާދަމާ ގޮތެއް ނިންމަވާނެ ކަމުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ބުނެފި އެެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ ބިލްގެ ޑްރާފްޓް ވާނީ އެމްޑީޕީގެ މެންބަރުންނާ ހިއްސާކުރައްވާފައި ކަމަށެވެ.

"މެންބަރުންގެ ހިޔާލަށް ބިލް ފޮނުވާފައިވާތީ މާދަމާ އަޅުގަނޑުމެންނަށް ގޮތެއް ނިންމޭނެ މި ބިލް މަޖިލީހަށް ހުށަހެޅުމާ މެދު،" އާޒިމް ވިދާޅުވި އެވެ.

މިބިލް އަމާޒުކޮށްފައިވަނީ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ކަމަށް ވާހަކަތައް ދެކެވުނު ނަމަވެސް އާޒިމް ވިދާޅުވީ އެއީ ހަގީގަތެއް ނޫން ކަމަށެވެ.

ބިލްގެ ނަމަކަށް މިވަގުތު ޖަހާފައިވަނީ "ދިވެހިރާއްޖެއިން ބޭރު ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ ފަދަ އަމަލުތައް ހުއްޓުވުމުގެ ބިލް" އެވެ.

މިބިލްގައިވާ ގޮތުން ގާނޫނީ އަދި ބައިނަލްއަގްވާމީ ހަމަތަކާއި އެއްގޮތަށް ގައުމަކާ އެކު ރާއްޖެއިން ގުޅުން އުފައްދާފައި ވަނިކޮށް ސިޔާސީ ޕާޓީ އަކުން ނުވަތަ ވަކި ބަޔަކު ރައްޔިތުންގެ ނަމުގައި ވަކި ގައުމަކާ ދެކޮޅަށް ނުވަތަ ވަކި ގައުމެއްގެ ވަކި މުއައްސަސާ އަކާ ދެކޮޅަށް ހަރަކާތްތެރިވުމަކީ ކުށެކެވެ. ރާއްޖެ އޮތީ ވަކި ގައުމެއްގެ އަޅުވެތިކަމުގައި ކަމަށް ދެއްކުމުގެ ގޮތުން ވަކި ގައުމަކާ ދެކޮޅަށް ހަރަކާތްތައް ހިންގުމަކީ ވެސް ކުށެކެވެ. އެހެންކަމުން މި ބިލް އެކުވާލުމުގެ ބޭނުމަކީ ބޭރު ގައުމުތަކާއެކު ރާއްޖެއިން ގާއިމުކޮށްފައިވާ ގުޅުންތަކަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމަށް ފެންނަ އަމަލުތައް ހުއްޓުވުން ކަމަށް ބުނެފައިވެ އެވެ.

ބިލްގައިވާ ފަދަ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ އަދަބެއްގެ ގޮތުގައި 20،000 ރުފިޔާ އިން ޖޫރިމަނާ ކުރުމާއި، އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭބަންދު ކުރުމާއި، ހަމަސް ދުވަހަށް ވުރެ ކުރު މުއްދަތަކަށް ޖަލަށް ލުން ވެސް ހިމެނެ އެވެ.

މިބިލް އެކުލަވާލާފައި އޮތީ ބިލް ގާނޫނަކަށްވެ ތަސްދީގު ކުރާ ދުވަހު އަމަލުކުރާ ގޮތަށެވެ. މި ބިލްގެ ދަށުން ހަދަންޖެހޭ ގަވައިދުތައް ތިން މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވަނީ ފޮރިން މިނިސްޓްރީ އަށެވެ.

ދިވެހި ދައުލަތުން އެކި ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ހިންގާ އަމަލުތަކަކީ ޖިނާއީ ކުށަކަށް ހަދަން ބިލެއް ޑްރާފްޓް ކޮށްފައި މިވަނީ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން "އިންޑިއާ އައުޓް"ގެ ނަމުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި ވަރުގަދަ ކެމްޕޭނެއް ހިންގަމުންދާ ވަގުތެއްގަ އެވެ.

ޕީޕީއެމްގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ގެންދަވަނީ އިންޑިއާ ސިފައިންގެ އެއްވެސް މީހަކަށް ރާއްޖޭގައި ނުހުރެވޭނެ ކަމަށް ވިދާޅުވެ އިންޑިއާ އައުޓް ކެމްޕޭން އިތުރަށް ވަރުގަދަ ކުރުމަށް ތަކުރާރުކޮށް ގޮވާލައްވަމުންނެވެ. އެހެންވެ އިންޑިއާ އައުޓް ކެމްޕޭނަކީ ދެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ނުރައްކަލަކަށް ވާތީ އެ ކެމްޕޭން ހުއްޓުވާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ. ނަމަވެސް ކެމްޕޭން ހަރަކާތްތައް ދުވަހުން ދުވަހަށް ދަނީ އިތުރުކުރަމުންނެވެ.

އިންޑިއާ އައުޓް ހަރަކާތާ ގުޅޭ މައްސަލައެއް މަޖިލީހުގެ 241 ކޮމިޓީން ވެސް ދަނީ ބަލަމުންނެވެ. އެ މައްސަލަ ކޮމިޓީ އަށް ހުށަހެޅުއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ.