އަލީ އާޒިމް

އިންޑިއާ އައުޓް ބިލް: އެމްޑީޕީ މެމްބަރުންގެ ހިޔާލު ތަފާތުވުމެއް

ދިވެހި ދައުލަތުން އެކި ގައުމުތަކާއެކު ގާއިމުކޮށްފައިވާ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ހިންގާ އަމަލުތަކަކީ ޖިނާއީ ކުށަކަށް ހަދަން ޑްރާފްޓް ކޮށްފައިވާ "އިންޑިއާ އައުޓް" ބިލަށް އެމްޑީޕީގެ ބައެއް މެމްބަރުން ތާއީދު ނުކުރާ ކަމަށް މެދުހެންވޭރު ދާއިރާ މެމްބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ހުންނެވިއިރު އެންމެ ފަހުން ބޭއްވި ޖަލްސާގައި ހުށަހެޅުނު ކަމަކީ "އިންޑިއާ އައުޓް" ހުއްޓުވުމުގެ ބިލް ކަމަށެވެ. އާޒިމް ވިދާޅުވީ އެ ބިލާއި ގުޅިގެން އެމްޑީޕީގެ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތައް އެބަހުރި ކަމަށެވެ.

އާޒިމް ވިދާޅުވީ ސަރުކާރުގެ އެހީތެރިކަން އެކި އެކި ކަންކަމަށް ބޭނުންވާ މެންބަރުން އިންޑިއާ އައުޓް ބިލާއި މެދު ވަރަށް ބޮޑު ހިތްނުތަނަވަސް ކަމެއް އެބަހުރި ކަމަށެވެ.

"އެމްޑީޕީގެ ބައެއް މެމްބަރުނަން އިންޑިއާ އައުޓް ބިލާ މެދުގައި ހިތް ގައިމު ނޫން ކަމަށް ނުވަތަ ގަބޫލް ނޫން ކަމެއް ފެނިގެން ދިޔަ." އާޒިމް ވިދާޅުވިއެވެ.

އަލަށް އިންތިހާބު ކުރެވުނު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑާޝިޕުން އިންޑިއާ އައުޓް ބިލާމެދުގައި ގޮތެއް ނިންމާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި ގޮތެއް ނިންމުމުގައި ސަރުކާރުގެ ހިޔާލު ހޯދަން ޖެހޭ ކަމަށް އާޒިމް ވިދާޅުވި އެވެ.

އިންޑިއާ އައުޓް ބިލްގައިވާ ގޮތުން ގާނޫނީ އަދި ބައިނަލްއަގްވާމީ ހަމަތަކާއި އެއްގޮތަށް ގައުމަކާ އެކު ރާއްޖެއިން ގުޅުން އުފައްދާފައި ވަނިކޮށް ސިޔާސީ ޕާޓީ އަކުން ނުވަތަ ވަކި ބަޔަކު ރައްޔިތުންގެ ނަމުގައި ވަކި ގައުމަކާ ދެކޮޅަށް ނުވަތަ ވަކި ގައުމެއްގެ ވަކި މުއައްސަސާ އަކާ ދެކޮޅަށް ހަރަކާތްތެރިވުމަކީ ކުށެކެވެ. ރާއްޖެ އޮތީ ވަކި ގައުމެއްގެ އަޅުވެތިކަމުގައި ކަމަށް ދެއްކުމުގެ ގޮތުން ވަކި ގައުމަކާ ދެކޮޅަށް ހަރަކާތްތައް ހިންގުމަކީ ވެސް ކުށެކެވެ. އެހެންކަމުން މި ބިލް އެކުވާލުމުގެ ބޭނުމަކީ ބޭރު ގައުމުތަކާއެކު ރާއްޖެއިން ގާއިމުކޮށްފައިވާ ގުޅުންތަކަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމަށް ފެންނަ އަމަލުތައް ހުއްޓުވުން ކަމަށް ބުނެފައިވެ އެވެ.

ބިލްގައިވާ ފަދަ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ އަދަބެއްގެ ގޮތުގައި 20،000 ރުފިޔާ އިން ޖޫރިމަނާ ކުރުމާއި، އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭބަންދު ކުރުމާއި، ހަމަސް ދުވަހަށް ވުރެ ކުރު މުއްދަތަކަށް ޖަލަށް ލުން ވެސް ހިމެނެ އެވެ.

މިބިލް އެކުލަވާލާފައި އޮތީ ބިލް ގާނޫނަކަށްވެ ތަސްދީގު ކުރާ ދުވަހު އަމަލުކުރާ ގޮތަށެވެ. މި ބިލްގެ ދަށުން ހަދަންޖެހޭ ގަވައިދުތައް ތިން މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވަނީ ފޮރިން މިނިސްޓްރީ އަށެވެ.

ދިވެހި ދައުލަތުން އެކި ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ހިންގާ އަމަލުތަކަކީ ޖިނާއީ ކުށަކަށް ހަދަން ބިލެއް ޑްރާފްޓް ކޮށްފައި މިވަނީ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން "އިންޑިއާ އައުޓް"ގެ ނަމުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި ވަރުގަދަ ހަރަކާތެއް ހިންގަމުންދާ ވަގުތެއްގަ އެވެ.