ހދ. ކުޅުދުއްފުށި އެއާޕޯޓް ސަރަހައްްދުގެ ގޮނޑުދޮށް އަދި ނ. ކުޑަފަރި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
ފްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ މަޝްރޫގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގް އެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ.
ކުޅުދުއްފުށި އެއާޕޯޓް ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫގެ ދަށުން އެ ސަރަހައްދުގައި ޖަހާފައިވާ 590 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް މަރާމާތުކުރުމާއި އުސްކުރުމާއި 292 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ގާއިމްކުުރުމާއި 30 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިންއެއް ގާއިމްކުރުން ހިމެނޭ ކަމަށް އެމްޓީޓީސީސީން ބުނެ އެވެ.
ކުޑަފަރީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ރަށުގެ އިރު އުތުރު ފަރާތުގައި 100 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓެއް ގާއިމްކުރުމާއި ރަށުގެ ދެކުނު ފަރާތު ގޮނޑުދޮށް ހިމާޔަތްކުރުމަށްޓަކައި 618 މީޓަރުގެ ޖީއޯބޭގް ރިވެޓްމަންޓެއް ގާއިމްކުރާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.
ކުޅުދުއްފުށި އެއާޕޯޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ 42.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫގެ މަސައްކަތް 200 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.
ކުޑަފަރީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ 15.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫގެ މަސައްކަތް 300 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.