ބޮލީވުޑް

ލަތާގެ ގަބުރަށް ކުޅުޖެހި ކަމަށް ބުނެ ޝާހް ރުކާ ދިމާކޮށްފި

އިންޑިޔާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރްގެ ޖަނާޒާގައި ބައިވެރިވި ޝާހް ރުކް ޚާންށް ކުރެވުނު ކަމަކުން ބަޔަކު އޭނާ ދެކެ ރުޅިއަތުވެއްޖެ އެވެ. އެ މީހުން ތުހުމަތުޗކުރަނީ ޝާހް ރުކް ގަސްތުގައި ލަތާގެ ގަބުރަށް ކުޅު ޖެހީ ކަމަށެވެ.

ސޯޝަލް މީޑިއާގައި ބަޔަކު މިގޮތަށް ޝާހް ރުކް އާ ދިމާކޮށްލީ މުމްބައިގެ ޝިވާޖީ ޕާކްގައި އޮތް މި ޖަނާޒާގައި ޝާހް ރުކް "ދުއާ" ކުރީމަ ކަމަށް އޭނާގެ ދިފާއުގައި ވާހަކަ ދައްކަމުންދާ ފޭނުން ބުނެފައި ވެއެވެ.

މި ޖަނާޒާގައި ޝާހް ރުކް އާއެކު ގޮސް ހުރީ އޭނާގެ މެނޭޖަރު ޕޫޖާ ދަދްލާނީ އެވެ. ދުއާ ކުރުމަށް ފަހު ޝާހް ރުކް ދެ އަތް ޖޯޑުކޮށް އެންމެންނަށް އިހުތިރާމް އަދާކުރަން ތަން ވެސް މި މަންޒަރު ފެންނަ ވީޑީއޯއެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވާ ވީޑީއޯގައި ފެނެ އެވެ. އޭގެ ފަހުން އޭނާ މާސްކް ތިރިކޮށް ވައިގެ ތެރެއަށް ފުމެލާތަން ފެނެ އެވެ. އެއީ އިންޑިޔާގެ ބައެއް މުސްލިމް ޝައިތާނާ ދުރަށް ލާން ކަމަށް ބުނެ ކޮށް އުޅޭ ކަމެކެވެ.

އެންމެ ފުރަތަމަ މި ކަން ބޮޑުކޮށްލައިގެން ޓުވީޓްކުރީ ހަރްޔާނާ ބީޖޭޕީގެ އައިޓީ ސެލް ސްޓޭޓް-އިން-ޗާޖް އަރުން ޔާދަވް އެވެ. ޝާހް ރުކް ވައިގެ ތެރެއަށް ފުމެލާތަން ފެންނަ ވީޑީއޯ އަކާއެކު އޭނާ ކުރި ޓުވީޓްގައި "އޭނާ ކުޅު ޖެހީ ހޭ" ސުވާލު ކޮށްފައި ވެއެވެ.

އެއާއެކު މީހުންތައް ޝާހް ރުކް އަށް ޓްރޯލް ކުރަން ފެށި އެވެ. އެ ދުވަހު ހަތަރުދަމު ދެން އޮތީ މުޅިން އެކަމެވެ.

ހަގީގަތް ހޯދައި ހާމަކުރާ ވަރަށް ގިނަ އެޖެންސީން ތަކުން ވެސް މި ވީޑިއޯއާ ބެހޭ ގޮތުން ވާހަކަ ދައްކާފައި ވެއެވެ. އެ ހުރިހާ ފަރާތްތަކުން ވެސް ބުނަނީ ޝާހް ރުކް ކުޅު ޖެހީ ނޫން ކަމަށެވެ. އޭނާ ވައިގެ ތެރެއަށް ފުމެލީ ކަމަށާއި އެއީ ޝައިތާނާ ދުރަށް ލާން މީހުން ކޮށް އުޅޭ ކަމެއް ކަމަށެވެ.

ޝާހް ރުކްގެ ދިފާއުގައި އިންޑިއަން ފިލްމް އެންޑް ޓީވީ ޑައިރެކްޓާޒް އެސޯސިއޭޝަނުން ވެސް ބަޔާނެއް ނެރެފައި ވެއެވެ. މި ބަޔާނުގައި ޝާހް ރުކް އަށް ޓްރޯލްކުރާ މީހުން ކުށްވެރިކޮށްފައި ވެއެވެ.

މައުލާނާ އާޒާދު ނެޝަނަލް އުރުދޫ ޔުނިވަސިޓީގެ ކުރީގެ ޗާންސެލާ ޒަފަރް ސަރޭޝްވާލާ ބުނި ގޮތުގައި މިއީ އިންޑިޔާގެ އެކި ދީންތަކުގެ މީހުންގެ އެއްބައިވަންތަކަން ހަޖަމު ނުވާ ބައެއް މީހުން ދައްކާ ވާހަކަ ކަމަށެވެ. ލަތާ އަކީ އަބަދުވެސް އެންމެންގެ ގުޅުން ބަދަހިކުރަން މިއުޒިކާއި ލަވައިގެ ޒަރިއްޔާއިން މަސައްކަތްކުރި ޝަޚްސިއްޔަތެއް ކަމަށާއި ޝާހް ރުކް ވެސް އެކުރީ ލޯބި ފަތުރަން ކުރި މަސައްކަތެއް ކަމަށެވެ.

ޝާހް ރުކްގެ ދިފާއުގައި ފިލްމީ ތަރިންނާއި ސިޔާސީ ބައެއް މީހުން ވެސް ވާހަކަ ދައްކާފައި ވެއެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން އޭނާ އެއްވެސް އެއްޗެކޭ ނުބުނެ އެވެ.