ރަށްރަށުގެ ބިމުގެ މައްސަލަތަކުގައި އެ ރަށްރަށުގެ ކައުންސިލްތަކަށް ކޯޓުތަކުގައި ދައުލަތް ތަމްސީލް ނުކުރެވޭނެ ކަމަށް ހައިކޯޓުން ނިންމި މައްސަލަ އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުގައި މިއަދު އަޑުއެހުންތައް ފަށައި ބަހުސަކާ ނުލައި ހުކުމާ ހަމައަށް ހިނގައްޖެ އެވެ.
ހައިކޯޓުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކުރި ހުކުމެއްގައި ބުނެފައިވަނީ ގާނޫނުއަސާސީގައި ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ހިމެނޭ ބިން މިލްކު ވަނީ ދިވެހި ދައުލަތަށް ކަމަށެވެ. އެހެންކަމުން ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން މެނުވީ ބަންޑާރަ ބިމުގެ މައްސަލަތަކުގައި ކައުންސިލް ތަކަށް ދައުލަތް ތަމްސީލު ކުރެވިދާނެ ކަމަށް ބުރަ ނުވެވޭ ކަމަށެވެ.
ހައިކޯޓުން މިގޮތަށް ހުކުމްކޮށްފައިވަނީ އދ. ފެންފުށީގެ ބިމެއްގެ މައްސަލާގައި އެ ރަށު ކައުންސިލާ ދެކޮޅަށް ރައްޔިތަކު ހުށަހެޅި މައްސަލައެއްގަ އެވެ. އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ ދައުލަތަށް ރައްދުވާ މައްސަލައެއްގެ ގޮތަށެވެ.
ހައިކޯޓުން އެ ނިންމުން ނިންމާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެ ނިންމުމުގެ ސަބަބުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތައް ހަނިވެގެން ދާނޭ ކަމަށް ބުނެ އޭޖީ އޮފީހުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.
މި މައްސަލައިގެ އަޑުއެހުންތައް މިއަދު ފަށައިފައިވާއިރު އޭޖީ އޮފީހުގެ އިތުރުން ފެންފުށި ކައުންސިލް އަދި މައުލޫއީ މައްސަލަ ހުށަހެޅި އަމިއްލަ ފަރާތް ބައިވެރިވި އެވެ. އޭޖީ އޮފީހުން އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމުން ދެ ފަރާތުން ވެސް ބުނެފައި ވަނީ އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ.
އަމިއްލަ ފަރާތުގެ ދިފާއީ ވަކީލް ވިދާޅުވީ ހައިކޯޓުން މައްސަލައިގައި ހުކުމް ކުރީ ހަސްމުންގެ މެދުގައި އެއްވެސް ބަހުސެއް ކުރުމަށްފަހުގައި ނޫން ކަމަށެވެ.
މި މައްސަލައިގައި އިތުރަށް ކުރާނެ ބަހުސެއް ނެތުމުން ދައުލަތުން ވަނީ ހުލާސާ ބަޔާން އިއްވާފަ އެވެ. ހުލާސާ ބަޔާން އިއްވަމުން ދައުލަތުން ބުނެފައިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 21 ވަނަ މާއްދާގައި، ރަށު ކައުންސިލްތަކަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ ގާނޫނީ ޝަހުސިއްޔަތަކަށް ވާތީ ރަށްރަށުގެ ބިމުގެ މައްސަލަތަކުގައި ދައުލަތުން ވަކާލާތުކުރަން ނުޖެހޭ ކަމަށެވެ.
ސުޕްރީމް ކޯޓުން މައްސަލައިގައި ގޮތެއް ނިންމަންދެން ހައިކޯޓުން ނިންމި ނިންމުން ތަންފީޒުކުރުން ފަސްކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށް ވެސް ދައުލަތުން އެދުނެވެ. އެކަމަކު ފަނޑިޔާރުންގެ ބެންޗުގައި އިންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ މައްސަލައިގައި ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށެވެ.
ހައިކޯޓުގެ ނިންމުމުގައި ބުނެފައިވަނީ ކައުންސިލަކީ ގާނޫނީ ޝަހްސަކަށް ވީނަމަވެސް ދައުލަތް ތަމްސީލުކުރުމުގެ ބާރު ކައުންސިލަށް ލިބިދީފައި ނެތް ކަމަށެވެ. ރަށު ކައުންސިލްގެ އިހްތިސާސްގައި ނުވަތަ ރަށު ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި ކޯޓުތަކުގައި ދައުލަތް ތަމްސީލުކުރުން ހިމެނި އެބާރު ކައުންސިލްތަކަށް ލިބިދީފައި ނުވާ ކަމަށެވެ. އެހެންކަމުން ކައުންސިލްތައް ތަމްސީލުކުރަން ޖެހޭނީ އޭޖީ އޮފީހުން ކަމަށް އެ ނިންމުމުގައި ބުނެފައިވެ އެވެ.
ދައުލަތުގެ އާންމު މަސްލަަހަތު ހިމެނޭ މިބާވަތުގެ މައްސަލަތަކުގައި ބަންޑާރަނާއިބާއި ކައުންސިލްތަކާ ދެމެދުގައި އޮންނަންޖެހޭ އިދާރީ ގުޅުން ތަންޒީމު ކުރުމަކީ ދެ މުއައްސަސާގެ ދެމެދުގައި ހަމަޖައްސަންޖެހޭ ކަމެއް ކަމަށްވެސް ހުކުމްގައި ބުނެފައިވެ އެވެ.