ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޕްރީ ސްކޫލެއް އަޅައި ދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
މި މަޝްރޫއަށް ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ ހަމައެކަނި ދިވެހި ކުންފުނިތަކަށެވެ.
ބިޑް ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަތަކުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޕޯޓަލްގައި ރަޖިސްޓްރީ ވުމަށްފަހު މިމަހުގެ 15 ވަނަ ދުވަހުގެ ހެނދުނު 11:00ގެ ކުރިން ބީލަން ހުށަހަޅަންޖެހެ އެވެ. ބީލަން ހުޅުވުމަށް ވެސް ހަމަޖެހިފައިވަނީ އެ ދުވަހުގެ އެ ގަޑީގަ އެވެ.
އެޗްޑީސީން އިއްޔެ ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ މި މަޝްރޫއަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 680،000 ރުފިޔާ ހުށަހަޅަންޖެހޭ ކަމަށެވެ.
އެޗްޑީސީން ޑިޒައިން ތައްޔާރުކޮށްފައިވާ ޕްރީ ސްކޫލު ހަދަނީ އެއް ފަންގިފިލާ ހިމެނޭ ގޮތަށް 22،000 އަކަފޫޓުގެ ތަނެއްގެ ގޮތުގަ އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޕްރީ ސްކޫލެއް އެޅުމަށް އެޗްޑީސީން މިދިޔަ ޖެނުއަރީ މަހު ވެސް އިއުލާންކޮށްފައިވެ އެވެ. މީގެ އިތުރުން ދެވަނަ ފިޔަވަހީގައި ސްކޫލުތަކެއް އެޅުމުގެ މަސައްކަތް ބައެއް ކުންފުނިތަކާ ހަވާލުކޮށްފައިވާއިރު އިތުރު ސްކޫލުތައް އެޅުމަށް ކުންފުނިތައް ހޯދުމުގެ މަސައްކަތް ވެސް އެޗްޑީސީން ދަނީ ކުރަމުންނެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓްތަކުގެ ތެރެއިން ގިނަ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާފައިވާއިރު އެ ސަރަހައްދުގައި އެއްވެސް ސްކޫލެއް އަދި ހަދާފައެއް ނުވެ އެވެ.