ދުނިޔެ

ތޯލިބާނުން ވަރަށް އަވަހަށް ހެލްމަންޑް ޕްރޮވިންސް ހިފާނެ: އޮފިޝަލުން

އަފްގާނިސްތާނުގެ ހެލްމަންޑް ޕްރޮވިންސް ވަރަށް އަވަހަށް ތާލިބާނުންގެ ބާރުގެ ދަށަށް ގެންދާނެ ކަމަށް އަފްގާނިސްތާނުގެ ޑެޕިއުޓީ ގަވަރުނަރު މުހައްމަދު ޖަން ރަސޫލްޔާރް ވިދާޅުވެއްޖެ އެވެ.

މުހައްމަދު އޭނާގެ ފޭސްބުކްގައި ރައީސް އަޝްރަފް ގާނީއަށް އެޑްރެސްކޮށް ލިޔެފައިވާ ސްޓޭޓަސް އެއްގައި ބުނީ ފާއިތުވެދިޔަ ދެދުވަހު ތާލިބާނުން ދިން ހަމަލާތަކުގައި އަފްގާނިސްތާނު ހަނގުރާމަވެރިންގެ 90 މީހުން މަރާލާފައިވާ ކަމަށެވެ.

މުހައްމަދު ބުނީ ހެލްމަންޑް ޕްރޮވިންސް ތާލިބާނުންގެ ބާރުގެ ދަށަށް ގެންދިޔުން ހުއްޓުވަން މިހާރުން މިހާރަށް މަސައްކަތް ފަށަންޖެހޭ ކަމަށެވެ. އަދި އިނގިރޭސި ސިފައިންނާއި އެމެރިކާގެ ސިފައިން ހިމެނޭ ފައުޖުތައް އަހަރު ތަކެއް ވާންދެން އެސަރަހައްދު އެހެން ބައެއްގެ ބާރުގެ ދަށަށް ދިޔަ ނުދިނުމަށް އެތައް މަސައްކަތްތަކެއް ކުރި ކަން ފާހަގަކުރެއްވި އެވެ.

މިމައްސަލަ ސޯޝަލް މީޑިއާގައި ހާމަ ކުރުމަކީ ރައީސް ވަރަށް ހިތްހަމަޖެހިނުލައްވާނެ ކަމެއްކަން އެނގޭ ކަމަށް އަދި އެހެން ނަމަވެސް މިއީ ހަނު ހުރެވޭނެ މައްސަލައެއް ނޫންކަން މުހައްމަދު އޭނާގެ ސްޓޭޓަސްގައި ފާހަގަކުރި އެވެ.

"ހެލްމަންޑް ޕްރޮވިންސް މިއޮތީ ވަރަށް ނާޒުކު ފައްތަރެއްގައި. އެ ޕްރޮވިންސްގެ ޖެރެޝިކް އަދި ސަންގިން އަވަށުން ދެދުވަސް ތެރޭ 90 މީހުން އެވަނީ މަރާލާފައި. މިއީ ހަނު ހުރެވޭނެ މައްސަލަ އެއް ނޫން" މުހައްމަދު ލިޔެފައިވެއެވެ.

މިދިޔަ އާދިއްތަ ދުވަހު މުހައްމަދު އަޕްޑޭޓް ކުރި ސްޓޭޓަސް އާއި ގުޅިގެން ރައީސް އަޝްރަފްގެ އޮފީހުން މިހާތަނަށް އެއްވެސް ފިޔަވަޅެއް ނާޅަ އެވެ.

ކާބުލްގެ ޑިފެންސް މިނިސްޓްރީ އިން ވަނީ ހެލްމަންޑް އަވަށް ތާލިބާނުގެ ބާރުގެ ދަށަށް ގެންދާނެ ކަމަށް ބުނި ވާހަކަ ދޮގު ކޮށްފައެވެ. ނަމަވެސް ފާއިތުވެދިޔަ ދެދުވަހު 90 މީހުން މަރާލި ކަމަށް ބުނާ މައްސަަލަ ދޮގުކޮށްފައެއް ނުވެއެވެ.

މުހައްމަދުގެ އިތުރުން އެހެން އޮފިޝަލުންވެސް ވަނީ ތާލިބާނުން ހެލްމަންޑް ޕްރޮވިންސް އެމީހުންގެ ބާރުގެ ދަށަށް ގެންނަށް އުޅޭ ކަމަށް ބުނެފަ އެވެ.

އަފްގާނިސްތާނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައަށް އެމެރިކާ ސިފައިން ފޮނުވާނެ ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ އޮކްޓޫބަރު މަހުގެ ތެރޭގައި އިއުލާނު ކޮށްފަ އެވެ.

މުހައްމަދަކީ ފޭސްބުކްގައި މިމައްސަލަ ފެންމަތި ކުރި ދެވަނަ އޮފިޝަލެވެ. އަފްގާނިސްތާނުގެ ސްޕައި އެޖެންސީގެ ޗީފް ރަހްމަތުﷲ ނާބިލް ވެސް ވަނީ ޕާކިސްތާނުގައި ރައީސް އަޝްރަފް ޑިޕްލޮމެޓިކް ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާ މިންވަރު ފޭސްބުކްގައި ހާމަކުރުމަށްފަހު މަގާމުން އިސްތިއުފާ ދީފައެވެ.