ހުޅުމާލެ

26 ބިމަށް 211 ބީލަން

Feb 9, 2022

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ގޮނޑު ދޮށާ ކައިރިން -- ބީޗް ފްރޮންޓުން ވިއްކަން ހުޅުވާލި 26 ބިމަށް 211 މީހަކު ބީލަން ހުށަހަޅައިފި އެވެ.

އެޗްޑީސީން ބީލަން ބަލައިގަތުން މިއަދު ކުރިއަށް ގެންދިޔައީ ހެނދުނު 9:00 އިން މެންދުރު 12:00 އަށް ހ. މީރުމާގެ ފަސް ވަނަ ބުރީގަ އެވެ. ހަމަ އެތަނުގައި ބީލަން ކެނޑުން ކުރިއަށް ގެންދިޔައީ މިއަދު މެންދުރުފަހު 1:00 އިން ފެށިގެންނެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 60 ބިން ވިއްކަން އެޗްޑީސީން ވަނީ ނިންމާފަ އެވެ. ބިން ދޫކޮށްލަނީ އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަށެވެ.

އެޗްޑީސީން ވިއްކަން ނިންމާފައިވަނީ 1603.07 އަކަފޫޓާއި 2633.93 އަކަ ފޫޓާ ދެމެދުގެ ސައިޒުގެ ބިން ތަކެކެވެ.

ބީޗު ފްރޮންޓުން ވިއްކާ 26 ބިމުގެ އަގު ފެށެނީ އަކަފޫޓެއް 3،900 ރުފިޔާ އިންނެވެ. އެ ތަނުން ބިމެއްގެ އެންމެ ކުޑަ އަގު ވެސް 6.2 މިލިއަން ރުފިޔާ ޖެހެ އެވެ.

މިއަދު ހުށަހެޅި ބީލަންތަކުގެ ތެރޭގައި އަކަފޫޓެއް 10 މިލިއަން ރުފިޔާ އަށް ގަންނަން ވެސް މީހަކު ހުށަހަޅާފައިވެ އެވެ. އެއީ އެންމެ ބޮޑު އަގު ހުށަހެޅި ބީލަމެވެ. އެންމެ ކުޑަކޮށް ހުށަހަޅާފައިވަނީ އަކަފޫޓަކަށް 3،900 ރުފިޔާ އެވެ.

ބީޗު ސައިޑުން ވިއްކަން ނިންމާފައިވާ ބާކީ 34 ބިމުގެ އަގު ފެށެނީ އަކަފޫޓެއް 3،500 ރުފިޔާ އިންނެވެ. އެ ބިން ތަކުގެ ބީލަން ހުޅުވުން އޮންނާނީ މިމަހުގެ 16 ވަނަ ދުވަހު އެވެ. އެ ތަނުން ބިމެއްގެ އެންމެ ކުޑަ އަގު ވެސް 5.6 މިލިއަން ރުފިޔާ ޖެހެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިއްކާފައިވާ ހުުޅުމާލޭގެ ދެވަނަ ފިޔަވަހިން އެންމެ ފަހުން ބިން ވިއްކާފައިވަނީ 2017 ވަނަ އަހަރު އެވެ. އެ ފަހަރު 42 ބިން ވިއްކާފައިވެ އެވެ.