މުޒާހަރާ

ދޫނިތައް މަރާލުމުން އިހުތިޖާޖު ކޮށްފި

ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކުރި ދޫނި ތަކެއް މަރާލި މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެކަމާ ދެކޮޅަށް އިހުތިޖާޖު ކޮށްފި އެވެ.

އާޓިފިޝަލް ބީޗް ސަރަހައްދުގައި ކުރިއަށް ދިޔަ ހިމޭން އިހުތިޖާޖުގައި ބައިވެރިވި މީހުން ވަނީ އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑްތައް ހިފައިގެން ތިބެ އިހުތިޖާޖު ކޮށްފައެވެ. ދޫނިތަކެއް އަނިޔާވެރިކޮށް މަރާލުން ކުށްވެރި ކޮށް އެކަމާއި ދެކޮޅަށް ފިޔަވަޅު އެޅުމަށްވެސް ގޮވާލިއެވެ.

ދޫނިތައް ރާއްޖެ އެތެރެކޮށްފައިވަނީ އެ މަސައްކަތް ކުރާ ޕެޓްމާސް ކިޔާ ކުންފުންޏަކުންނެވެ. ދޫނިތައް ނައްތާލާފައިވަނީ އެއާޕޯޓުން ދޫނިތައް ހިފަހައްޓާފައިވާ މައްސަލަ ސިވިލް ކޯޓާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ. ރެއިން ފެށިގެން އެ މައްސަލަ އާންމުންގެ ސަމާލު ކަމަށް އައިސް ބޮޑު މައްސަލައަކަށް އެކަން ވަނީ ވެފައެވެ.

ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ ދޫނި ތަކެއް މަރާލީ ބަންޑާރަނައިބް ދެއްވި ގާނޫނީ ލަފާގެ މަތިން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. ނަމަވެސް އޭޖީން ވަނީ އެކަން ދޮގުކޮށްފައެވެ. ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކުރި ދޫނި ތަކެއް މަރާލުމުގެ ބަދަލުގައި ފޮނުވާލެވެން އޮތް ކަމަށާއި ލަފާ ދީފައިވާނީ ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމާ ބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން އަމަލުކުރުމަށް ކަމަށް ބަންޑާރަނައިބްގެ އޮފީހުން ވަނީ ބުނެފައެވެ.

ދޫނި ތަކެއް މަރާލި މައްސަލާގައި ކަން ހިނގާފައިވާ ގޮތުގެ ތަފްސީލު ހިމެނޭ ރިޕޯޓެއް ހަދަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްވެސް ވަނީ އަންގަވާފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި ދޫނި ތަކެއް މަރާލި މައްސަލާގައި ކަން ހިނގާފައިވާ ގޮތުގެ ތަފްސީލު ހިމެނޭ ރިޕޯޓެއް ހެދުމަށް ފަހު ހުށައެޅުއްވުމަށް މިނިސްޓަރު އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާއަށް އަންގަވާފައިވާ ކަމަަށެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ހުސައިން ވިދާޅުވީ ދޫނި ތަކުގެ މައްސަލައިގައި ފިޝަރީޒް މިނިސްޓްރީއާއި ބަންޑާރަނައިބް އޮފީހާ ދެމެދު ލިޔުމުން މުއާމަލާތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން މައްސަލައިގައި ސާފު އެއްޗެއް ދަންނަވަން އެނގޭނީ ލިޔުމުން ބަދަލުކޮށްފައި ހުރި ލިޔުންތައް ބަލައި ދިރާސާކުރުމަށްފަހު ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި މިނިސްޓްރީން އެއްޗެއް ބުނީމާ އޭޖީ އޮފީހުން ވެސް ކޮންމެވެސް އެއްޗެއް ދޫނިތަކުގެ މައްސަލައިގައި ބުނެފި. މިހުރިހާ މައުލޫމާތެއް އަޅުގަނޑަށް މި ފެންނަނީ މީޑިއާ އިން. އެހެންވީމާ ފިޝަރީޒް މިނިސްޓްރީއާ ހަވާލުވެ ހުރި ވަޒީރުގެ ހައިސިއްޔަތުން އަޅުގަނޑު ބަލާނަން ލިޔުންތައް. ބަލާފައި އަޅުގަނޑަށް އެންމެ ރަނގަޅު އެއްޗެއް ދެންނެވޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ހުސައިން ވިދާޅުވީ ފިޝަރީޒް މިނިސްޓްރީން ބަންޑާރަނައިބްގެ އޮފީހަށް ފޮނުވާފައި ހުރި ލިޔުންތަކާއި ދޫނިތައް މަރާލުމުގެ އަމަލުކުރި ގޮތް މިއަދު އެމަނިކުފާނު ބައްލަވާނެ ކަމަށެވެ. އެކަމުގައި މިނިސްޓްރީގެ އެއްވެސް މުވައްޒަފެއްގެ އިހްމާލެއް އޮތް ނަމަ ވަކި މުވައްޒަފެއް ބެލުމެއް ނެތި ފިޔަވަޅު އަޅާނެ ކަމުގައި ވިދާޅުވި އެވެ. އެކަމުގައި އެމަނިކުފާނުގެ އިހްމާލެއް މައްސަލައެއް އޮތް ނަމަ ކަމާ ގުޅޭ ފަރާތްތަކުން އެމަނިކުފާނަށް ވެސް ފިޔަވަޅު އަޅަންޖެހޭނެ ކަމުގައި ވިދާޅުވި އެވެ.

"އަޅުގަނޑު މިމައްސަލައިގައި ޖަވާބުދާރީވެ، އެއްބާރުލުން ދޭންޖެހޭ ފަރާތްތަކަށް އެއްބާރުލުން ދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.