ކަނޑުފަޅުގެ ދިރުންތަކާ ގުޅޭ ރިސާޗް ހަދަން ހުއްދައަށް އެދި ހުށަހެޅުމަށް ހާއްސަ އޮންލައިން ޕޯޓަލްއެއް ތައާރަފްކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ހާއްސަ ޕޯޓަލެއް ހެދީ ކަނޑު ފަޅުތަކާއި، ކަނޑުގެ ގުދުރަތީ ވަސީލަތްތަކާ ގުޅޭ ދިރާސާތައް ކުރުމަށް މިނިސްޓްރީން ދޫކުރާ ހުއްދައަށް އެދުމުގެ ކަންކަން ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށެވެ.
މި ޕޯޓަލް އަކީ ކަނޑުގެ ވެއްޓާ ބެހޭ ގޮތުން ކުރާ ތަހުލީލުތަކާއި ދިރާސާތައް އިތުރުކުރުމުގެ ގޮތުންނާއި އެގޮތުން ހޯދޭ މައުލޫމާތާއި އިލްމު އިތުރަށް މުއްސަނދިވެގެން ދިއުމުގައި މުހިއްމު ދައުރެއް އަދާކުރާނެ ވަސީލަތެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.
ޕޯޓަލް ބޭނުން ކުރުމަށްޓަކައި ޔޫޒާ ނޭމެއް ހަދަންޖެހޭއިރު ޔޫޒާ ބޭނުންކޮށްގެން ހުއްދައާއި ގުޅޭ ކަންކަން އަމިއްލަ އަށް މެނޭޖްކޮށްގެން ކުރިއަށް ގެންދެވޭނެ ފަސޭހަ ގޮތްތައް ވަނީ ހަދާފަ އެވެ.
ރާއްޖެ އަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށް ވެފައި ތިމާވެށީގެ މައްސަލަތައް އެންމެ ބޮޑު އެއް ގައުމެވެ. އެހެންވެ ރާއްޖޭގައި ކަނޑުފަޅުގެ ދިރުންތަކާ ގުޅޭ ދިރާސާތައް ހެދުމަކީ ވަރަށް އާންމުކޮށް ރާއްޖޭގައި ކުރާ ކަމެކެވެ.