އައިޝަތު ރިޝްމީ

ރަވީ އާއި ރިޝްމީ ވަރިވެއްޖެ

މަޝްހޫރު ފިލްމީ ތަރި ރަވީ ފާރޫގު އާއި އައިޝަތު ރިޝްމީގެ ކައިވެނި ރޫޅާލާ އެކަން ހާމަކޮށްފި އެވެ.

ކައިވެނި ރޫޅާލާފައިވާކަން ރިޝްމީ ވަނީ އޭނާގެ އިންސްޓަގްރާމް ޕޭޖްގައި ކުރި ޕޯސްޓެއްގައި ޔަގީން ކޮށްދީފައެވެ. އަދި އެކަމުގެ ސަބަބުތައްވެސް ތަފްސީލުކޮށްދީފައިވެއެވެ.

ރިޝްމީ ބުނީ މާޗް 25، 2019 ގައި ރަވީއާއެކު ޖަވާޒީ ހަޔާތެއް ފެށީ ދެ މީހުން އެކުގައި ހަޔާތުގެ ބާކީ ދުވަސްތައް ހޭދަކުރުމުގެ އުންމީދުގައި ކަމަށެވެ. އަދި ދިރިއުޅުމުގައި ކުރިމަތިވި ކަންކަމާއި ދެ މީހުން އެކުގައި ކުރިމަތިލީ އެ އަމާޒަށް ވާސިލުވުމަށް ކަމަށެވެ.

އެހެން މީހުންގެ ދިރިއުޅުމުގައި ދިމާވާ ތަފާތު ކަންކަމާއި ކުރިމަތިލާން ޖެހުނު ކަމަށާ ފުރާނައަށް ނުރައްކާވި ދެ ހާދިސާއެއްގައިވެސް ދެ މީހުން އެކުގައި ކުރިމަތިލާން ޖެހުނު ކަމަށެވެ. އެފަދަ އެއް ހާދިސާއަކީ މިދިޔަ އަހަރު ފަހު ކޮޅު ހިނގި ކަނޑުމަތީގެ ހާދިސާއެއްގައި އަންހެނަކު މަރުވެ އޭނާގެ ކުޑަ ދަރިފުޅު ގެއްލުނު ހާދިސާ އެވެ. އެ ހާދިސާ ހިނގިއިރު ލޯންޗުގައި ރިޝްމީ އާއި ރަވީވެސް ތިއްބެވެ.

ރިޝްމީ ބުނީ މިދިޔަ މުއްދަތުގައި ދެ މީހުންނަށް ކުރިމަތިވި އެކި ކަންކަމުގެ ސަބަބުން ދެ މީހުންނަށް މުހިންމު ކަންކަން ބަދަލުވެއްޖެ ކަމަށެވެ. އެކަމާއި ގުޅިގެން އެންމެ ރަނގަޅު ގޮތަކީ ސުލްހަވެރި ގޮތުގައި ވަކިވުން ކަމަށް ނިންމާ އެ ގޮތަށް އަމަލު ކޮށްފައިވާ ކަމަށެވެ.

އަދި ވަކިވި ނަމަވެސް އުންމީދަކީ ރަވީއާއެކު ގާތް އެކުވެރި ކަމެއް އޮތުން ކަމަށް ވަނީ ބުނެފައެވެ. އަދި ދިރިއުޅުން ރޫޅިފައިވާ މި ވަގުތު އޭނާއަށް ހިތްވަރު ދިނުމަށް ފޭނުންގެ ކިބައިން އެދިފައިވެއެވެ،.