އުމަރު ނަސީރު

އިންޑިއާ ސިފައިން ރާއްޖޭން ފޭބުން ނޫން ގޮތެއް ނެތް: އުމަރު

Feb 10, 2022
5

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމުން ނިކުންނަ ނަތީޖާ ނޭނގޭ ދިވެއްސަކު ނެތް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދޅާުވެއްޖެ އެވެ.

އުމަރު މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބެގެން ނުރައްކަލެއް އޮތް ކަމަކަށް ފާހަގަނުކުރޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވަމުންނެވެ.

އުމަރު ވިދާޅުވީ އިންޑިއާ ސިފައިން އެމީހުންގެ އުޅަނދުތަކާ އެކު އަނބުރާ ރާއްޖެއިން ފޭބުން ނޫން ގޮތެއް ނޯންނާނެ ކަމަށެވެ.

އިންޑިއާ ސިފައިން މީގެ 12 އަހަރު ކުރިން ރާއްޖެ އައީ ހެލިކޮޕްޓަރެއް ހަދިޔާކުރުމުގެ ނަމުގައި ކަމަށް ފާހަގަކުރައްވާ އުމަރު ވިދާޅުވީ ރާއްޖެއިން ނުފައިބާންވެގެން އެމީހުން އެކިއެކި ބަހަނާ ދައްކަމުންދާ ކަމަށެވެ.

އިންޑިއާ ސިފައިން ރާއްޖޭގެ އެކި ހިސާބުތަކަށް އިތުރުކުރަމުންދާ މަންޒަރުާ ފެންނަ ކަމަށާއި އެކަމުގެ ސަބަބުން ނިކުންނާނެ ނުބައި ނަތީޖާ ނޭނގޭ އެއްވެސް ދިވެއްސަކު މިއަދު ނެތް ކަމަށްވެސް އުމަރު ވިދާޅުވި އެވެ.

"މި ރާއްޖޭގައި އިންޑިއާގެ ރައްޔިތުން ތިބެގެން ދިވެހިން ރުޅިއައިސްގެނެއް ނޫޅޭ. ރުޅިއައިސްގެން އުޅެނީ އިންޑިއާ ސިފައިން ތިބެގެން." އުމަރު ވިދާޅުވި އެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އުމަރު ތަކުރާރުކޮށް ވާހަކަދައްކަވަމުން ގެންދެވި ނަމަވެސް އިންޑިއާ ސިފައިން ބޭލުމަށް އިދިކޮޅު ޕީޕީއެމް / ޕީއެންސީ ގުޅިގެން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގައި އުމަރު އަދި ފެނިފައެއް ނުވެ އެވެ.

އިންޑިއާ އައުޓް ހަރަކާތް މުޅި ރާއްޖެ އަށް ފުޅާކުރަމުންދާއިރު އެ ހަރަކާތް ހުއްޓުވުމަށް އަމާޒުކޮށްފައިވާ ބިލެއް އަންނަ ހަފްތާ މަޖިލީހަށް ހުށަހެޅުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. އަދި މަޖިލީހުގެ 241 ކޮމިޓީން ގެންދަނީ އިންޑިއާ އައުޓް ހަރަކާތުގެ މައްސަލަ ބަލަމުންނެވެ.

އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވަމުންދާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހުގެ 241 ކޮމިޓީގައި އިއްޔެ ވިދާޅުވެފައިވެ އެވެ. އެކަމަކު އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންދަވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އެންމެން ރާއްޖެއިން ފައިބަންދެން އިންޑިއާ އައުޓް ހަރަކާތް ކުރިއަށް ގެންދާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.