މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ގައިދީން ބަލިން ރަނގަޅުވުމުން ޖަލު އާންމު ހާލަތަށް

Feb 10, 2022

މާފުށި ޖަލުގައި ކޮވިޑް 19 އަށް ފަރުވާ ހޯދަމުން ހުރިހާ ގައިދީން ބަލިން ރަނގަޅުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނީ ހުރިހާ ގައިދީން ބަލިން ރަނގަޅު ވެފައިވާތީ މާފުށި ޖަލު މިހާރު އާންމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

މިބަދަލާ އެކު ގައިދީންނާއި ބަންދު މީހުންނަށް އާއިލީ އަދި ވަކީލް ބައްދަލުވުންތަކާއި ކޯޓުގެ އަޑުއެހުންތައް ކުރިއަށް ގެންދާނީ އާ އަންމު ހާލަތާ ގުޅިގެން އެކުލަވާލާފައިވާ އުސޫލާ އެއްގޮތަށް ކަމުގައިވެސް ކަރެކްޝަނަލް ސާވިސް އިން ބުނެފައިވެ އެވެ.

މާފުށި ޖަލުގައި ތިބި ގައިދީންގެ ތެރެއިން 272 ގައިދީ އަކު ކޮވިޑް ބައްޔަށް ޕޮޒިޓިވްވި އެވެ. އެއް ގައިދީ އަކަށް ކޮވިޑް ފެސިލިޓީއެއްގައި ފަރުވާ ދީފައިވެ އެވެ.

މާފުށި ޖަލުން ކޮވިޑް ކޭސްތަކެއް ފެނުމާ ގުޅިގެން މާފުށި ޖަލު ކުއްލި ހާލަތަކަށް ގެނެސް ގައިދީންނާ ގުޅޭ ބައްދަލުވުންތައް އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމީ މިދިޔަ ޖެނުއަރީ 14 ވަނަ ދުވަހު އެވެ.