ހދ. ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކުޅުދުއްފުށީގައި ސަރުކާރުން އަޅަން ނިންމާފައިވާ 400 ފްލެޓް، ޑިޒައިންކޮށް އަދި އިމާރާތްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ބީލަމުގައި ބައިވެރިވުމަށް ފުރުސަތު ދިނުމަށް ނިންމާފައިވަނީ ޕްލޭނިން މިނިސްޓްރީން އެކުލަވާލާފައިވާ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެ މަތީން ރަޖިސްޓަރީވެފައިވާ އަދި ވަކި ގިންތިތަކަކަށް ފެތޭ ކުންފުނިތަކަކަށެވެ.
މަސައްކަތް ކޮށްދިނުމަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިން -- އެންސީބީ އުސޫލުންނެވެ.
ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެ އެވެ. މަސައްކަތާ ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓުގައި މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށް އިއުލާންގައިވެ އެވެ.
އިއުލާންގައި ބުނެފައިވަނީ ބީލަމާ ގުޅިގެން ހާމަކުރާ މައުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށެވެ. އަދި މިމަސައްކަތާ ބެހޭގޮތުން އެއްވެސް ކަމެއް ސާފުކުރަން ބޭނުންވާނަމަ މިމަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ޖެހުމުގެ ކުރިން އީމެއިލް ކޮށްގެން މައުލޫމާތު ސާފުކުރުމަށްވެސް އެދިފައިވެ އެވެ.
މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 2.1 މިލިއަން ރުފިޔާ ހުށަހަޅަންޖެހެ އެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.
މިމަސައްކަތުގެ ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމަށް ހަމަޖައްސާފައިވަނީ ކުރިއަށް އޮތް މާޗް މަހުގެ ތިންވަނަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރު ފިނޭންސް މިނިސްޓްރީގަ އެވެ.