ފެޝަން

އޮޅިގެން މިސް ޔުނިވާސް ތާޖު ކޮލަމްބިއާއަށް

މިސް ޔުނިވާސްގެ ތާޖު ލިބޭ ފަރާތަކީ ކޮބައިތޯ ބެލުމަށް ކެތް މަދުވެފައި ތިބި ވަގުތެކެވެ. ދުނިޔޭގެ އެންމެ ރީތި އަންހެނުން ކަމަށް ބުނާ އަންހެނުން ތިބީ ސްޓޭޖްމަތީގައި ނޭވާ ހިފާއްޓާލައިގެންނެވެ. ހަމަހިމޭން ވަގުތުކޮޅަކަށްފަހު ތަރުހީބުގެ އަޑުތައް އިވެން ފެށީ މިސް ޔުނިވާސް 2015 ތާޖު ލިބޭ ފަރާތަކީ ކޮލަމްބިއާގެ އެރީދްން ޖިޓްރޭޒް އަރްވެލޯ ކަން އިއުލާނު ކުރުމުންނެވެ.

އިންތިޒާރުގެ ވަގުތުތައް ނިމި އުފާވެރިކަމުގެ ޝުއޫރުތައް މުބާރާތުގެ ބައިވެރިންނާއި އެޝޯވ ބަލަންތިބި މީހުންގެ މޫނުމަތިން ފިލައި ދިޔައީ ކުޑަވަގުތުކޮޅަކަށްފަހުއެވެ. ޝޯވ ހުށަހަޅަން ހުރި ސްޓީވް ހާވޭ އެއީ އޮޅުމެއް ކަމަށް ބުނުމުންނެވެ. ސްޓީވް ވަނީ މިސް ޔުނިވާސްގެ ލަގަބު ލިބުނު ފަރާތަކީ ކޮލަމްބިއާ ނޫން ކަމަށާއި އެހެން ބުނެވުނީ އޮޅިގެން ކަމަށް ބުނެ މައާފަށް އެދިފައެވެ.

އެރީދްނާ އަށް ލިބުނު އުފާވެރިކަން ނެތުނު ވަގުތު ސްޓީވް އިއުލާނު ކުރީ ކޮލަމްބިއާ އަކީ މި މުބާރާތުގެ ފުރަތަމަ ރަނަރަޕް ކަމުގަ އެވެ.

މިއަހަރުގެ މިސް ޔުނިވާސްގެ ލަގަބު ފިލިޕީންސްގެ ޕިއާ އަލޯންޒޯ ބެކް އަށް ލިބުނުކަން އިއުލާނު ކުރުމާއެކު އަނެއްކާވެސް އެންމެންގެ މޫނުމަތިން އުފާވެރިކަން ފެނިގެން ދިޔަ އެވެ. ޕިއާގެ ނަން އިއުލާނުކުރުމާއެކު 30،000 ޑޮލަރުގެ އަގުހުރި ބްލޫ ޑައިމަންޑް އަދި ޓޮޕާޒް ތާޖުވަނީ ކުރީގެ މިސް ޔުނިވާސް ޕޯލިނާ ވެގާ، އެރީދްނާގެ ބޮލުން ނެގުމަށްފަހު ޕިއާގެ ބޮލުގައި އަޅުވާފަ އެވެ.

ސްޓީވް ހާވޭ އަށް ހެދުނު ގޯހަށް އޭނާ ވަނީ މިސް ކޮލަމްބިއާ އަދި މިސް ފިލިޕީންސްގެ ފަރާތުން މާފަށް އެދިފައެވެ. އަދި އޭނާ ވަނީ އެމީހުންގެ ފަރާތުން މައާފަށް އެދި ޓްވީޓްވެސް ކޮށްފައެވެ. މިއީ އެޝޯވ އޭނާ ހުށަހަޅައިދިން ފުރަތަމަ ފަހަރެވެ.

މިސް ޔުނިވާސްގެ ދެވަނަ ރަނަރަޕް ލިބިފައިވަނީ އެމެރިކާ އަށެވެ.