ޢަރަބީންގެ ތެރެއިން ޖާހިލިޔަށް ޒަމާނަށް ނިސްބަތްވާ ޅެންވެރިޔަކު ކިޔާފައިވާ ޅެންބައިތެއްގެ މާނައިގައިވެއެވެ. "މަރުވެ، (ދުނިޔޭގެ އުނދަގޫތަކުން) ރާޙަތެއް ލިބެއްޖެ މީހަކީ އަދި މައްޔިތެއް ނޫނެވެ. މައްޔިތުންނަކީ ދިރިތިބި އެހެނަސް މަރުވެފައިވާ މީހުންނެވެ."
ޝާޢިރުގެ މިބަހުގެ ޝަރަޙައަކީ، ދުނިޔެއަށް ނޭވާ ލުން ހުއްޓި، ދުނިޔެވީ ބުރަތަކާއި ކެކުޅުންތައް ދޫކޮށް، ދުނިޔެއިން ވަކިވެފައިވާ މީހުންނަކީ ޙަޤީޤީ މައްޔިތުންނެއް ނޫނެވެ. ޙަޤީޤީ މައްޔިތުންނަކީ މީސްތަކުންގެ ތެރޭގައި ދިރިއުޅެމުންދާ، މިދުނިޔެއަށް ނޭވާ ލަމުންދި ކަމުގައިވިޔަސް، ދުނިޔެއާމެދު އުއްމީދު ކެނޑިފައިވާ، ހިތާމަތަކާއި ގިލަންތަކުން ފޯވެފައިވާ، އޭނާގެ އެއްވެސް ފައިދާއެއް ދުނިޔޭގައި ތިބި މީހުންނަށް ނުކުރާ، އޭނާއަށްވެސް ދިރިހުރުމުގެ ފައިދާއެއް ނެތް މީހާއެވެ. އެފަދަ މީހަކު ދުނިޔޭގައި ހުއްޓަސް ނެތް ފަދައެވެ.
މި ޅެންބައިތުގައި އެބުނާފަދަ، ދިރިތިބީންގެ ތެރޭގައިވާ މައްޔިތުންނަކީ ކޮބައިތޯ، މާތް ސަޙާބީ އިބްނު މަސްޢޫ رضي الله عنه އާ ސުވާލު ކުރުނެވެ. އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. "الذي لا يعرف معروفا ولا ينكر منكرا" މާނައީ: "ހެޔޮ ކަމެއް ނުދަންނަ، އަދި މުންކަރާތްތައް މަނާ ނުކުރާ މީހާއެވެ." މިއީ އިބްނުލް ޤައްޔިމު رحمه الله އެކަލޭގެފާނުގެ مدارج السالكين އޭ ކިޔުނު ފޮތުގައިވެސް ގެންނަވާފައިވާ ބަސްފުޅެކެވެ. އެހެނަސް، މިބަސްކޮޅަކީ މާތް ﷲ އެކަލޭގެފާނަށް ރުއްސުންލެއްވި އިބްނު މަސްޢޫދު رضي الله عنه ގެ ބަސްކޮޅެއް ނޫންކަމުގައި، ރިވާޔަތްތައް ދިރާސާ ކުރައްވާ ޢިލްމުވެރި ވިދާޅުވެއެވެ.
ބައެއް ދަންނަބޭކަލުން، މާތް ޞަޙާބީ ޙުޒައިފާ رضي الله عنه ގެ އަރިހުން މިބަސްފުޅު ރިވާކުރައްވައެވެ. އޭގައިވަނީ މިފަދައިންނެވެ.
ޙުޒައިފާ رضي الله عنه ވިދާޅުވެއެވެ. "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުން ތިމަން ކަލޭގެފާނުގެ އަރިހުގައި ސުވާލު ކޮށްބަލާށެވެ. ހަމަކަށަވަރުން، އެހެން އެންމެން ކީރިތި ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި ސުވާލުކޮށް އުޅުނީ ހެޔޮ ކަންކަމާ ބެހޭގޮތުންނެވެ. ތިމަން ކަލޭގެފާނު ސުވާލު ކޮށް އުޅޮންފިލުވީ ނުބައިކަންކަން (ފިތުނަތަކާ) ބެހޭގޮތުންނެވެ. ފަހެ، ދިރިތިބީންގެ ތެރޭގައިވާ މައްޔިތުންނަކީ ކޮބައިތޯ ތިމަންކަލޭގެފާނުގެ އަރިހުގައި ނާހާނުތޯއެވެ؟"
އެއަށްފަހު ވިދާޅުވިއެވެ. "ހަމަކަށަވަރުން މާތް ﷲ މުޙައްމަދު صلى الله عليه وسلم ރަސޫލުކަމާއިގެން ފޮނުއްވަވައި، އެކަލޭގެފާނުގެ ދަޢުވަތަށް އިޖާބަދިން ކޮންމެ މީހަކު، ޖަހާލަތުގެ އަނދިރީން ހިދާޔަތުގެ އަލިކަމަށް ނެރެދެއްވިއެވެ. ކުފުރުން އީމާންކަމަށް ގެނެސްދެއްވިއެވެ. އިތުރު އެކަލޭގެފާނަށް އިޖާބަ ދިން ބަޔަކު އިޖާބަ ދިނެވެ. މީސްތަކުންގެ ތެރެއިން މައްޔިތުންތަކެއް ފަދައިން ތިބި މީހުންނަށް ޙައްޤުގެ މަގުފެނި ދިރުން ލިބިގެން ދިޔައެވެ. އަދި ބާޠިލުގެ މަތީގައި ދެމިތިބި މީހުން މަރުވެފައިވާ މައްޔިތުންތަކެއް ފަދައިންވިއެވެ. ދެން، ނަބީކަމުގެ ޒަމާން ނިމިގޮސް ސުންނަތުގެ މަތީގައި ދެމިއޮތް ޚިލާފަތުގެ ޒަމާނެއް އައެވެ. ދެން އެއަށްފަހު އަނިޔާވެރި ޖައްބާރު ރަސްކަލުންގެ ޒަމާނެއް އަންނާނެތެވެ. މީސްތަކުންގެ ތެރެއިން، އެމީހުންގެ ހިތާއި ދުލާއި އަތުން (މަގު ފުރެދުމާއި، އަނިޔާވެރިކަމަށް) އިކާރުކޮށްފި މީހަކު ފުރިހަމަ ޙައްޤުގައި ދެމިހުރެއްޖެއެވެ. އަދި މީސްތަކުންގެ ތެރެއިން އެމީހެއްގެ ހިތާއި ދުލުން އެކަނި އިކާރުކޮށް އަތުން އިކާރުކުރުމުން އެއްކިބާވެއްޖެ މީހާ، އެ ދޫކޮށްލަނީ ޙައްޤު މަގުން ބައެކެވެ. އަދި އޭގެ ތެރެއިން ހަމައެކަނި ހިތުން އިކާރުކޮށް، ދުލާއި އަތުން އިންކާރު ކުރުމުން އެއްކިބާވެއްޖެ މީހުން އެދޫކޮށްލަނީ ޙައްޤުގެ ދެ ބައެވެ. އަދި މީސްތަކުންގެ ތެރެއިން އެމީހެއްގެ ހިތާއި ދުލާއި އަތުންވެސް އިއްކާރު ނުކުރާ ބަޔަކީ ދިރިތިއްބަސް މައްޔިތުންތަކެކެވެ." الحلية (1/275)
މީސްތަކުން ދުނިޔޭގައި ލެއްވުމުގެ މަޤްޞަދަކީ މާތް ﷲ އަށް އަޅުކަންކުރުމެވެ. ހެޔޮ ކަންކަމަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރުމަކީ، މި ބިންމަތީގައި ދީން ޤާއިމު ކުރުމުގެ ތެރެއިން ހިމެނޭ މުހިންމު ބައެކެވެ. ވީއިރު، ޙައްޤު ދީން އެނގި، އެދީނުގައި އަންގަވާފައިވާ ގޮތަށް ތިމާގެ ޢަމަލުތައް ބަހައްޓައި، ދީނުގައި ނަހީކުރައްވާފައިވާ ކަންކަމުން ތިމާގެ ނަފްސު އެއްކިބާ ކުރަންޖެހެއެވެ. ހަމައެފަދައިން ހެޔޮ ބަސްތައް މީސްތަކުންނާ ހަމައަށް ފޯރުކޮށްދީ، މުންކަރާތްތައް ނަހީކޮށް ހަދަން ޖެހެއެވެ.
މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَاراً) (التحريم 6) މާނައި: "އޭ އީމާންވި މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ނަފްސުތަކާއި، ތިޔަބައިމީހުންގެ އަނބިދަރީންވެސް ނަރަކައިން ސަލާމަތް ކުރާށެވެ!"
މި އާޔަތުގެ ތަފްސީރުގައި އައްޟަޙާކް އާއި މުޤާތިލު رحمها الله ވިދާޅުވެފައިވެއެވެ. "ކޮންމެ މީހަކުވެސް، އޭނާގެ އަނބިދަރީންނާއި، އޭނާގެ ޚާދިމުންނާއި އަޅުންނަށް، މާތް ﷲ އެމީހުންގެ މައްޗަށް ފަރުޟުކުރެއްވި ކަންކަމާއި، ނަހީކުރެއްވިހައި ކަމެއް އުނގަންނައިދިނުމަކީ އޭނާ ކުރަންޖެހޭ ކަމެކެވެ."
މި އާޔަތުގައި އަންގަވާފައިވާ ފަދައިން، ތިމާގެ ނަފްސު ނަރަކައިން މުއްތިކޮށް، ދިންނަވާތޯ މަސްއްކަތްކުރާ ފަދައިން، އަނބިދަރީން ނަރަކައިން ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރުމަކީ ކޮންމެ މީހެއްގެ މަސްއޫލިއްޔަތެކެވެ. މި ސަބަބައްޓަކައި، ދަރީންނަށް ހަތް އަހަރުވުމުން، ނަމާދު ކުރުމަށް އަމުރު ކުރުމަށާއި، ދިހަ އަހަރުވުމުން އެކުދިންނަށް އަދަބު ދީގެން ނަމަވެސް ނަމާދު ކުރުވުމަށް ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ އަމުރު ކުރައްވާފައެވެ.
ނަމަވެސް، ހިތާމައަކީ ބައެއް މައިންބަފައިންނަކީ ފަރުޟު ފަސްނަމާދު ބަރާބަރަށް، ވަގުތަށް އަދާކުރާ ބައެއް ކަމުގައިވީނަމަވެސް، އެމީހުން ދަރީންނަކީ ނަމާދު ކުރާ ބައެއްކަމުގައި ނުވުމެވެ. އަދި އެފަދަ މައިންބަފައިންވަނީ ދަރީން ލައްވާ ނަމާދު ކުރުވުމާއި، ދީނުގެ ކަންކަން އެކުދީން ލައްވާ ކުރުވާ، ދީނުގައި ނަހީކުރެއްވި ކަންކަމުން އެއްކިބާވުމަށް އަމުރުކޮށް ހެދުމުގައި އިހުމާލުވެފައެވެ. މިއަށްވުރެންވެސް ހިތާމަވެރިކަން ބޮޑީ، އަދުގެ ޖީލުގެ މައިންބަފައިންގެ ތެރޭގައި، ނަމާދު ނުކުރާ މީހުން ތިބުމާއި، އެމީހުންގެ ދަރީންނަށްވެސް ނަމާދު ނުކުރުމާއި، ދީނުގެ ކަންކަމަށް އަމުރުކޮށް މުންކަރާތްތައް ނަހީކޮށް އުޅޭ ބަޔަކު ކަމުގައި ނުވުމެވެ.
އިބްނުލް ޤައްޔިމު رحمه الله ވިދާޅުވެފައިވެއެވެ. "މާތް ﷲ ގެ އަޅެއްގެ ޢުމުރަކީ އޭނާގެ ޙަޔާތެވެ. މާތް ﷲ އަށް ފުރަގަސްދީ އެނޫން ކަންތައްތަކެއްގައި ވަގުތުތައް ފުރާލައިފި މީހެއްގެ ޙަޔާތެއް ނެތެވެ. އަދި ކިއެއްތަ! ގެރިބަކަރީގެ ޙަޔާތްވެސް އޭނާގެ ޙަޔާތަށްވުރެ ހެޔޮވެގެންވެއެވެ. އެހެނީ އިންސާނެއްގެ ޙަޔާތަކީ (ދިރުމަކީ) އޭނާގެ ހިތާއި ރޫޙުގެ ޙަޔާތެވެ. (ހިތާއި ރޫޙުގެ ދިރުމެވެ.) ވީމާ، އެ ހިތަށް، އޭނާ އުފެއްދެވި ފަރާތް ނޭނގޭނަމަ، ނުވަތަ އެއިލާހު އެއްކައުވަންތަކޮށް އަޅުކަންކޮށް، އެއިލާހުގެ ހަޟުރަތަށް ރުޖޫޢަވެ، އެއިލާހު ހަނދުމަކުރުމުން ހިތް ހަމަޖެހުން ލިބި، އެއިލާހުއާ ކުއްތަންވުމުން އެކަނިވެރިކަން ފިލައި، މިއިން ކަމެއް ނުވާ ހިތެއްގައި ޙަޔާތެއް (ދިރުމެއް) ނުވެއެވެ. އެމީހެއްގެ ޙަޔާތުން މިކަންކަން ގެއްލިއްޖެ މީހެއްގެ ހުރިހާ ހެވެއް ގެއްލިއްޖެކަން ކަށަވަރެވެ." (الجواب الكافي لابن القيم رحمه الله)
ތިބާ ހެއްދެވިފަރާތާމެދު ޣާފިލުވެފައިވާނަމަ، ތިބާއަކީ ދިރިހުރި މީހެއްކަމުގައިވިޔަސް މައްޔިތެއް ފަދަ މީހެކެވެ. އެހެނީ، ދިރިހުރުމުގެ މާނައެއް ނެތުމަކީ ދިރިހުރުމުގެ ބޭނުން ކެނޑިގެން ދާކަމެކެވެ. މީސްތަކުން މިބިމުގައި ލައްވާފައިވާ މަޤުޞަދަކީ މާތް ﷲ އަށް އަޅުކަންކޮށް މި ބިންމަތީގައި ދީން ޤާއިމު ކުރުމެވެ. އިސްލާމް ދީނަށް ފުރަގަސްދީފި މީހާގެ ދިރިއުޅުމަކީ ނުތަނަވަސްކަމާއި، ގިލަންވެރިކަމެއް ކަމުގައިވެގެން ދެއެވެ. އަދި އިސްލާމް ދީން ނޫން ދީނެއްގެ މަތީގައި، ނުވަތަ ޝިރުކު ކުރުމުގެ މަތީގައި ދުނިޔެ ދޫކޮށްފި މީހަކަށް އާޚިރަތުގެ ޙަޔާތަކީ، ބިރުވެރިކަމާއި އަބާއްޖަވެރިކަމުން ފުރިފައިވާ ޙަޔާތެކެވެ.