އައިޖީއެމްއެޗްގެ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި އެވެ.
އައިޖީއެމްއެޗުން ބުނީ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމްގެ ހަވަނަ ބުރު ފަށާނީ ކުރިއަށް އޮތް މާޗް މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.
އިންޓާންޝިޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން މާޗް 10 ވަނަ ދުވަހުގެ ނިޔަަށް ރަސްމީ ދުވަސް ތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 1:00 އަށް އައިޖީއެމްއެޗަށް ފޯމް ހުށަހެޅޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ. އީމެއިލް އިން ފޮނުވާ ފޯމުތައް ބަލައިނުގަތުމަށް ވަނީ ނިންމާފަ އެވެ.
މާޗްގައި ފަށާ އިންޓާންޝިޕް ޕްރޮގްރާމުގައި ބައިވެރިވުމަށް 25 ފަރާތަކަށް ފުރުސަތު ދިނުމަށް ނިންމާފައިވެ އެވެ. ނަމަވެސް އިންޓާންޝިޕް ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށްް އެއްވެސް މުސާރައެއް ނުވަތަ ނުދެވޭނެ ކަމަށް ބުނެފައިވެ އެވެ.
އިންޓާންޝިޕަށް އެދި ހުށަހެޅުމުގެ ޝަރުތު:
- މެޑިކަލް ކޮލެޖު / ޔުނިވަސިޓީ އިން ދޫކޮށްފައިވާ އެމްބީބީއެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް އޮތުން
- މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ސެޓްފިކެޓް އޮތުން
- ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި އެއްވެސް ޕޮލިސް ރިކޯޑެއް ނެތުން
އައިޖީއެމްއެޗުން ބުނީ އިންޓާންޝިޕް ޕްރޮގްރާމަށް ޝަރުތު ފުރިހަމަވާ 25 އަށް ވުރެ ގިނަ ފަރާތުން ކުރިމަތިލައިފިނަމަ ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި އިސްކަން ދޭނީ އެމްބީބީއެސް ފުރިހަމަ ކޮށްފައިވާ ތާރީހަށް ބަލައި، ކޯސް ފުރިހަމަ ކުރި ފަހުން ގިނަ ދުވަސް ވެފައިވާ ފަރާތްތަކަށް ކަމަށެވެ.