ލައިފްސްޓައިލް

ސާދަ އަހަރުގެ ދަރިފުޅު ލައްވާ ކޮއްކޮމެން ބެލުވި މަންމަ ޖަލަށް

ސާދަ އަހަރުގެ ކުޑަ ކުއްޖަކު ލައްވާ އޭނާގެ ހަގަށް ތިބި ކޮއްކޮމެން ބެލުވި މަންމައަކު ޖަލަށް ލާން ހުކުމް ކޮށްފި އެވެ. މި ކުދިން ބަލަން 14 އަހަރު ކުއްޖާ އާ ހަވާލުކޮށްފައި އެކުދިންގެ މަންމަ ކޮންމެ ދުވަހަކު ދިޔައީ ވަޒީފާ އަދާކުރާށެވެ. އޭނާއަކީ އެކަނިވެރި މަޔަކަށް ވާތީ ދަރިންނަށް ބޭނުންވާ ޚަރަދުތައް ކުރާނެ ފައިސާ ހޯދުމަށެވެ. މި މީހާ 14 އަހަރުގެ ދަރިފުޅު ދެން ހަގަށް ތިބި ހުރިހާ ކުދިން ބަލަން ހަވާލުކޮށްފައި ވަޒީފާއަށް ދާން ފެށީ ކޮރޯނާވައިރަހުގެ ޕެންޑެމިކް ފެށުނުތަނާ އެވެ.

ޖޯޖިއާގެ ބްލެއަސްވީލްގައި ދިރިއުޅޭ އެކަނިވެރި މަޔެއްކަމަށްވާ މެލީސާ ހެންޑަސަންގެ ފަސް ދަރިން ތިބެ އެވެ. އޭގެ ތެރެއިން އެންމެ ދޮށީ 14 އަހަރުގެ ލިންލޭ އެވެ. ޕެންޑެމިކް ފެށުމާއެކު ޑެއާ ކެއާ ސެންޓަރުތައް ބަންދުކުރުމުން މެލީސާ ކޮންމެ ދުވަހަކުވެސް ވަޒީފާއަށް ދަނީ ދޮށީ ދަރިފުޅާ ހުރިހާ ކުދިން ބަލަން ހަވާލުކޮށްފަ އެވެ.

އެއް ދުވަހަކު ލިންލޭ އޮންލައިން ކްލާހެއްގައި އިންދާ އޭނާގެ ހަތަރު އަހަރުގެ ކޮއްކޮ ތަޑިއުސް ކޮންމެވެސް ގޮތަކުން ގެއިން ބޭރަށް ނުކުމެގެން އެކުވެރިންނާއެކު ކުޅެން ދިޔައީ އެވެ. ލިންލޭއަށް ކޮއްކޮ ނެތްކަން އެނގުނީ 15 ވަރަކަށް މިނިޓް ފަހުންނެވެ. އޭނާ ވަގުތުން ގޮސް ހޯދިއިރު ކޮއްކޮ ހުރީ އެ ގެއާ މާ ދުރުނޫން ހިސާބެއްގައި ހުރި ގެއެއްގައި ކުދިން ތަކަކާއެކު ކުޅޭށެވެ. އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވެސް އެ ގޭ އަންހެންމީހާ ގުޅައިގެން ފުލުހުން އެތަނަށް އައީ އެވެ. އޭގެ ދެ ހަފުތާ ފަހުން މެލީސާ ހައްޔަރުކޮށްގެން ފުލުހުން ގެންދިޔައީ އޭނާގެ ކުޑަ ފަސް ކުދިންގެ ކުރިމަތީގަ އެވެ.

މެލީސާގެ މައްޗަށް ކުށް ސާބިތު ވެއްޖެނަމަ އެއް އަހަރަށް ޖަލަށް ލައި 1000 ޑޮލަރުން ޖޫރިމަނާ ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

ފުލުހުންގެ ރިޕޯޓުގައި ލިޔެފައިވާ ގޮތުގައި ތަޑިއުސް ރަނގަޅަށް ނުބެލެހެއްޓިގެން ގެއިން ބޭރަށް ނުކުމެ އުޅެނިކޮށް ބަޔަކު އޭނާ ކިޑްނެޕް ކުރުން ނުވަތަ ދުއްވާ އެއްޗަކުން އޭނާގެ ގައިގައި ޖެހުން ނުވަތަ ވިހަގަދަ ހަރުފައެއް ވިހަލުން ފަދަ ކަމެއް ވެސް މެދުވެރިވުމަކީ އެކަށީގެންވާ ކަމެކެވެ.

މެލީސާ ބުނި ގޮތުގައި ދަރިންގެ ކުރިމަތީގައި އޭނާ ހައްޔަރުކުރުމުން ވީ ދެރައެއް ބުނަން ވެސް ނޭނގުނެވެ. އަދި ޖަލުގެ ގޮޅީގެ ކަނެއްގައި ހަދާނެގޮތް ހުސްވެފައި އޭނާ އެތައް އިރެއް ވަންދެން އިން ކަމަށް މެލީސާ ބުންޏެވެ.

ކަފާލާތުގެ ދަށުން މެލީސާ މިނިވަން ވުމުގައި އޭނާއަށް އެހީތެރިވީ ދަރިންގެ ބައްޕަ އެވެ. މި މައްސަލަ ކޯޓުގައި ހިނގަމުންދާތާ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.