ބޮލީވުޑް ތަރިންގެ ލޯބީގެ ވާހަކަ އަކީ މަޝްހޫރު ވާހަކަ ތަކެކެވެ. މީގެ ތެރެއިން ގިނަ ވާހަކަތަކަކީ ޕަރީންގެ ވާހަކަތައް ކަހަލަ ވާހަކަތަކެއް ނަމަވެސް ގިނަ ވާޙަކަތަކުގެ ނިމުން އެހާ ރަނގަޅެއް ނޫނެވެ. ބައެއް ތަރިންނަށް ލޯބީގެ ގޮތުން ގުޅިގެން އުޅެވިފައިވަނީ އެމީހުން އެކުގައި އެ ކުޅޭ ފިލްމެއް ނިމެންދެނެވެ. އަނެއްބައި ތަރިންގެ ލޯބި އެންގޭޖްމަންޓާ ހަމައަށް ގޮސްފައި ވެސް ނިމިފައި އެބަހުއްޓެވެ.
އަބީޝެކް ބައްޗަން އާއި ކަރިޝްމާ ކަޕޫރުގެ ލޯތްބަށް ވީ މިފަދަ ގޮތެކެވެ. "ހާން މައިނޭ ބީ ޕިޔާރް ކިޔާ"ގައި އެކުގައި މަސައްކަތްކުރި މި ދެ ތަރިން ފަސް އަހަރެއްހާ ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުނެވެ. އަދި އަބީޝެކްގެ ބައްޕަ އަމީތާބު ބައްޗަންގެ 60 ވަނަ އުފަން ދުވަހު ވަރަށް ކުލަގަދަ ރަސްމިއްޔާތެއް ބާއްވައި މި ދެ ތަރިންގެ އެންގޭޖްމަންޓް ވެސް ކުރި އެވެ. ނަމަވެސް އެންގޭޖްމަންޓަށް ހަތަރު މަސް ފަހުން ކުއްލިއަކަށް ދެ މީހުންގެ ގުޅުން ކެނޑުނުކަން އިއުލާން ކުރި އެވެ. މިއަދާ ޖެހެން ދެން ވެސް އެ އެންގޭޖްމެންޓް ރޫޅެން މެދުވެރިވީ ސަބަބެއް އެކަކަށް ވެސް ނޭނގެ އެވެ. އެންމެން ވެސް ވާހަކަ ދައްކަނީ ހިތު ލަފަޔަށެވެ. އެއްބަޔަކު ބުނަނީ ކައިވެންޏަށްފަހު ކަރިޝްމާ ފިލްމު ކުޅުން ޖާޔާ ބައްޗަން މަނާ ކުރާނެތީ އޭނާ އެކަމާ ހިތްހަމަނުޖެހުނީ ކަމަށެވެ. އަދި މިނޫންވެސް ވަރަށް ގިނަ ވާހަކަތައް މިކަމާ ގުޅޭ ގޮތުން ދެކެވުނެވެ. ނަމަވެސް ދެ މީހުން ކުރެ މީހަކު މީގެ ހަގީގަތް ހާމައެއް ނުކުރެ އެވެ.
ސަލްމާން ޚާން އާއި ސަންގީތާ ބިޖިލާނީ އަކީ ވެސް އެންގޭޖްވެ ކައިވެންޏަށް ތައްޔާރުވީ ދެ ތަރިންނެވެ. އެ މީހުންގެ ކައިވެނީގެ ދައުވަތު ކާޑުތައް ވެސް ޗާޕް ކޮށްފައި ވެއެވެ. ސަލްމާނާއި އެކި އަންހެން ކުދިންނާ އަޅުވާ ކިޔައި ވަރަށް ގިނަ ޚަބަރުތައް ފެށުނީއްސުރެ ފެތުރިފައި ވެއެވެ. ނަމަވެސް އޭނާ ސީރިއަސް ކޮށް ކައިވެންޏާ މެދު ވިސްނާފައި ވަނީ ސަންގީތާ އާއެކު އެވެ.
ސަލްމާނާއި ސަންގީތާ އެންގޭޖްވެ ކައިވެނި ކުރަން ވަރަށް ކައިރިވެފައިވަނިކޮށް މިކަން ކެންސަލްކޮށްލި ސަބަބެއް ކަމަށް ސަންގީތާ ބުނެފައިވަނީ ސަލްމާން އެހެން އަންހެންކުއްޖަކާ އެކު ރެޑް-ހޭންޑް ކޮށް ހިފިގެން ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން ސަލްމާން އެއްވެސް އެއްޗެކޭ ނުބުނެ އެވެ. ސަލްމާނާ ވީ އެންގޭޖްމަންޓް ރޫޅާލުމަށްފަހު ސަންގީތާ ކައިވެނިކުރީ އެ ޒަމާނުގައި ވަރަށް މަޝްހޫރު ކްރިކެޓް ކުޅުންތެރިއެއް ކަމަށްވާ މުހައްމަދު އަޒްހަރުއްދީން އާއެވެ. ނަމަވެސް އެ ދެ މީހުން ވެސް 2010 ގައި ވަނީ ވަކިވެފަ އެވެ. އޭގެ ފަހުން ވެސް ސަލްމާނާއި ސަންގީތާ އާ ގާތް ގުޅުމެއް އޮވެ އެވެ. އެމީހުން ބުނާ ގޮތުގައި ފަހުން އުފެދިފައިވަނީ ގާތް އެކުވެރިކަމެކެވެ.
ރަވީނާ ޓަންޑަން އާއި އަކްޝޭ ކުމާރަކީ އެއް ދުވަސްވަރެއްގައި އެންމެ ލޯބިން އުޅުނު ޖޯޑެވެ. އެ ދެ މީހުން ސްކްރީނުގަ އާއި ސްކްރީނުން ބޭރުން ޒާތީ ދިރިއުޅުމުގައި ވެސް ވަރަށް ގަދަޔަށް ލޯބީގެ މާތައް ފޮޅުވި އެވެ. އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި މި ދެ ތަރިން ވަނީ ސިއްރު ސިއްރުން އެންގޭޖްވެސް ވެފަ އެވެ. ނަމަވެސް ފަހުން އެންގޭޖްމަންޓް އުވާލީ ރަވީނާ އަށް ބޭވަފާތެރިވެ އަކްޝޭ ވަރަށް ސިއްރު ސިއްރުން ޝިލްޕާ ޝެޓީ އާ ލޯބީގެ ގުޅުމެއް ހިންގިކަން ފަޅާ އަރައިގެންނެވެ. ނަމަވެސް މި ދެ ތަރިންނާ ރުޅީވެ އަކްޝޭ އެންމެ ފަހުން ކައިވެނިކުރީ ޓްވިންކަލް ކަންނާ އާއެވެ.
ވިވެކް އޮބްރޯއީ އާއި މޮޑެލް ގުރުޕްރީތު ގިލް ވެސް އެންގޭޖްވެ ކައިވެނި ކުރަން ތައްޔާރުވެފައި ވަނީ ވަކިވެފަ އެވެ. އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ގުރުޕްރީތު އާއި ވިވެކް ވަކިވީ އައިޝްވަރިޔާ ރާއީގެ އަވައިގައި ޖެހިގެންނެވެ. ވިވެކް އާއި އައިޝްވަރިޔާ އެކުގައި ފިލްމެއް ކުޅުނު ދުވަސްވަރަކީ އައިޝްވަރިޔާ އާއި ސަލްމާނާ ރައްޓެހިވެގެން އުޅެފައި ރުޅިވެގެން ހުރި ދުވަސް ވަރެކެވެ. އެހެންވެ ވިވެކް ހީކުރީ އެކަމުގެ ފައިދާ ނަގައިގެން އޭނާއަށް އައިޝްވަރިޔާ އާ ރައްޓެހިވެވިދާނެ ކަމަށެވެ. އެހެންވެ ގުރުޕްރީތު އާ ރުޅިވެ އައިޝްވަރިޔާ ފަހަތުން އަޅުވާލައިގެން އުޅުނީ އެވެ. ނަމަވެސް މަތިންބައިން ޖެހިގެން އުޅެ އުޅެ ވެސް އައިޝްވަރިޔާ އޭނާ އާ ރައްޓެއްސެއް ނުވި އެވެ. އެންމެ ފަހުން ވިވެކް ކައިވެނި ކުރީ މައިންބަފައިން ހޯދި މީހަކާ އެވެ.