އަކްޝޭ ކުމާރާއި ރަވީނާ ޓަންޑަން އަކީ އެއް އިރެއްގައި ދެ ލޯބިވެރިންނެވެ. "މޮހްރާ"ގެ މަޝްހޫރު ލަވަ "ޓިޕް ޓިޕް ބަރްސާ ޕާނީ" ޝޫޓްކޮށްފައިވަނީ މި ދެ މީހުންގެ ލޯބީގެ ގުޅުމުގެ އެންމެ ރަން ޒަމާނުގަ އެވެ.
ނުވަދިހައިގެ އަހަރުތަކުގައި އަކްޝޭ އާއި ރަވީނާގެ ކައިވެނީގެ ވާހަކަ ވެސް ވަރަށް ގަދަޔަށް ދެކެވުނެވެ. އަދި އެންގޭޖްވެ ކައިވެނި ކުރިކަމަށް ވެސް ބައެއް ނޫސްތަކުގައި ލިޔެފައި ވެއެވެ. މިހާރު މި ދެ އެކްޓަރުން ވެސް ތަފާތު ދެ މީހަކާ ކައިވެނިކޮށް އުފާވެެރި ހަޔާތެއް އުޅެމުންދާއިރު މީގެ އެތައް އަހަރެއް ކުރިން ރަވީނާ ވަނީ އޭނާ އާއި އަކްޝޭގެ ލޯބީގެ ދުވަސްވަރު ހިނގި ކަންތައްތައް ހިއްސާ ކޮށްފަ އެވެ.
ސިމީ ގަރެވާލް ޝޯގައި ބައިވެރިވެ ވާހަކަ ދައްކަމުން ރަވީނާ ބުނެފައިވަނީ އަކްޝޭ އޭނާ އާ ކައިވެނި ނުކުރީ ފިލްމީ ކެރިއަރު ދޫކޮށްލަން އެއްބަސް ނުވެގެންނެވެ. އެއީ މި ދެ އެކްޓަރުން 1994ގައި "މޮހޮރާ" ކުޅުނު ދުވަސްވަރު އެވެ. އަކްޝޭގެ އެދުމުގެ މަތިން އެ ދުވަސްވަރު ރަވީނާ ފިލްމުތަކުގައި ސޮއި ކުރުން ހުއްޓާލި ވެސް މެއެވެ.
ހަމަ އެ ދުވަސްވަރު އަކްޝޭ އާއި ކުރީގެ މަޝްހޫރު ބަތަލާ ރޭކާގެ ގުޅުމެއްގެ ވާހަކަ ވެސް ވަރަށް ގަދަޔަށް ދެކެވުނެވެ. ނަމަވެސް އެ ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އެއް އިރެއްގައި ވެސް ނޯންނަ ކަމަށް ރަވީނާ ބުންޏެވެ.
ރޭކާ އާއި އަކްޝޭގެ ލޯބީގެ ގުޅުމެއް އޮންނަކަމުގެ ވާހަކަތައް ފެއްޓުނީ ދެ ތަރިން އެކުގައި ކުޅުނީ "ކިލާޅިޔޯންކާ ކިލާޅީ" ކުޅުނުއިރު އެވެ. ރަވީނާ ބުނީ ރޭކާ އުޅުނީ އަކްޝޭ ފަހަތުން އަޅުވާލައިގެން ކަމަށާއި ރޭކާ އުޅޭ ވައްތަރަށް ކެތް ކޮށްލައިގެން އަކްޝޭ ހުރީ ފިލްމު ނިމެންދެން ކަމަށެވެ.
"އަހަންނަކަށް ހިއެއް ނުވޭ އެ ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އޮތް ހެނެއް. ރޭކާ ފެންނަ އިރަށް އަކްޝޭ ދުވެ ފިލާނެ. ރޭކާ އުޅޭނެ އޭނާގެ ގޭގައި މީރު ކާއެއްޗެތި ހަދައިގެން އަކްޝޭ އަށް ތަށިބަރި ގެނެސްދޭން ވެސް. އެ ކަންތައް މާ ގޯސްވާހެން ހީވުމުން އަހަރެން އެ ދޭތެރެ މެދަށް ވަދެ އެކަން ވެސް ހުއްޓުވީ،" ރަވީނާ ބުންޏެވެ.
ދެހާސް ދެ ވަނަ އަހަރު ދެއްކި ސިމީ ގަރެވާލް ޝޯގައި ރަވީނާ ބުނީ އަކްޝޭ އާއި އޭނާ ސިއްރުން ކައިވެނި ނުކުރާ ކަމަށާއި ނަމަވެސް ކެރިއަރު ދޫކޮށްލަން އަކްޝޭ އެދުނު ކަމަށެވެ. އަދި ދެ މީހުން އެންގޭޖްވީ ކަމަށް ވެސް ރަވީނާ ބުންޏެވެ.
"ދެ މީހުންގެ އާއިލާ ބައްދަލުކޮށް އަކްޝޭގެ އާއިލާއިން އަހަރެންގެ ބޮލުގައި ދޯޕައްޓާއެއް ބޭއްވި،" ރަވީނާ ބުންޏެވެ. މިއީ ބައެއް ހިންދޫން އެންގޭޖްމަންޓް ރަސްމިއްޔާތުގައި ކުރާ ކަމެކެވެ.
ރަވީނާ ބުނި ގޮތުގައި އަކްޝޭ ކައިވެނިކުރަން ވައުދުވުމުން އޭނާ ފިލްމު ކުޅުން ހުއްޓާލައިގެން ދެ އަހަރު ދުވަހު ހުއްޓެވެ. ނަމަވެސް އެ ދުވަސް ތެރޭގައި އަކްޝޭ އާއި ރޭކާގެ ގުޅުމެއް ވާހަކަ އާއި ޝިލްޕާ ޝެޓީ އާ ލޯބިވެގެން އުޅޭ ވާހަކައިގައި އަޑުތައް ފެތުރުނެވެ.
އޭރު ފެންނަހާ އަންހެނެއް ފަހަތުން ދުވަމުން ދިޔަ އަކްޝޭއަށް ވަފާތެރިކަމުގެ އެއްވެސް އަގެއް ނެތްކަން ޔަގީންވުމުން އޭނާއާ ވަކިވާން ނިންމީ ކަމަށް ރަވީނާ ބުންޏެވެ.
ފަހުން އަކްޝޭ ކައިވެނިކުރީ ޓްވިންކަލް ކަންނާ އާއެވެ. މި ދެމަފިރިންނަށް އަންހެންދަރިއަކާއި ފިރިހެން ދަރިއަކު ލިބިފައި ވެއެވެ. ރަވީނާ ކައިވެނިކުރީ ޕްރޮޑިއުސަރު އަނިލް ތަޑާނީ އާއެވެ. މި ދެ މީހުންގެ ވެސް ދެ ވައްތަރު ދެ ކުދިން އެބަތިއްބެވެ.