ބޮލީވުޑް

އައިޝްވަރިޔާ އާއި އަބީޝެކް ކޮންމެ ދުވަހަކު އަރާރުންވޭ!

އައިޝްވަރިޔާ ރާއީ އާއި އަބީޝެކް ބައްޗަން އަކީ ބޮލިވުޑްގެ އެންމެ މަގްބޫލު އެއް ޖޯޑެވެ. ދެމީހުންގެ ޒާތީ ދިރިއުޅުމުގެ ވާހަކަތައް ދައްކަން އެމީހުން އެހާ ހިތްހަމަނުޖެހުނަސް ބައެއް އިންޓަވިއު ތަކުގައި ކޮންމެވެސް ވަރަކަށް އެ ވާހަކަތައް މި ދެ ތަރިން ވެސް ވަނީ ކިޔައިދީފަ އެވެ.

އައިޝްވަރިޔާ އާއި އަބީޝެކް ކައިވެނި ކުރީ 2017 ގައެވެ. އަދި އެމީހުންނަށް އަންހެން ދަރިއަކުވެސް މިހާރު ވަނީ ލިބިފަ އެވެ.

ވޯގް އިންޑިއާ އަށް އަބީޝެކް އާއި އައިޝްވަރިޔާ ތަންކޮޅެއް ކުރިން ދީފައިވާ އިންޓަވިއު އެއްގައި ނޫސްވެރިއަކު ވަރަށް މަޖާ ސުވާލެއް އެމީހުންނަށް ހުށަހެޅި އެވެ. އާދައިގެ ދެމަފިރިން ގޮތަށް އެމީހުންވެސް ޒުވާބުކޮށް ހަދަން ހެއްޔެވެ.

ޖަވާބުގައި އައިޝްވަރިޔާ ބުނީ ކޮންމެ ދުވަހަކުވެސް އެ ދެ މީހުންގެ މެދުގައި ޒުވާބު ހިނގާ ކަމަށެވެ. ނަމަވެސް އަބީޝެކް ބުނީ އެއީ ޒުވާބު ނޫން ކަމަށާއި ޚިޔާލު ތަފާތުވުން ކަމަށެވެ. އަދި އެއީ ސީރިއަސް އަރާރުންތައް ނޫން ކަމަށާއި ސިއްހަތަށް ފައިދާހުރި ޒުވާބުތައް ކަމަށެވެ. އެއްގޮތަކަށް ވެސް ޒުވާބު ނުކޮށް އުޅުމަކީ ފޫހިކަމެއްގެ ގޮތުގައި އަބީޝެކް ސިފަ ކުރި އެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި ޒުވާބުކޮށްފައި އެންމެ އަވަހަށް ސޮރީ ބުނެ ސުލްހަވާން މަސައްކަތް ކުރަން ޖެހެނީ ވެސް އޭނާ އަށެވެ.

"އަންހެންވެރިން އެއްގޮތަކަށް ވެސް ސުލްހަވާން އިސް ނުނަގާނެ. އެކަމަކު އަހަރެމެން އޮންނާނީ ޒުވާބުކުރަން ވެސް ގަވާއިދެއް ހަދާފަ. އަހަރެމެން ޒުވާބުކޮށްގެން ރުޅިއައިސްގެން ތިބެ ނުނިދަން. ނިދަން އޮށޯންނައިރު އޮންނަން ޖެހޭނީ ޒުވާބުގެ ކަންތައް މުޅިން ނިމިފައި،" އަބީޝެކްގެ އިންޓަވިއުގައި ބުނެފައިވެ އެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި އަނބިމީހާއާ ކުރާ ޒުވާބު ސޮރީއަކުން ނިންމާލަން ޖެހެނީ ނިދި އައިސްގެން ގޮސް ހަލާކުވާއިރުވެސް ސޮރީ ނުބުނެ ނުނިދޭނެތީ އެވެ. އަދި އަންހެނުންނަކީ ދެ ޖިންސުގެ ތެރެއިން އެންމެ ބާރުގަދަ މީހުން ކަމަށާއި އެމީހުން އަބަދުވެސް ބުނާނީ ރަނގަޅަށް ކަމަށް ވެސް އަބީޝެކް ބުންޏެވެ.

ކައިވެނިކުރުމުގެ މާ ކުރިއްސުރެ އައިޝްވަރިޔާ އާއި އަބީޝެކް އަކީ ދެ އެކުވެރިންނެވެ. އެ މީހުން ލޯބީގެ ގޮތުން ގުޅުނީ ގިނަ ފިލްމުތަކެއް އެކުގައި ކުޅުމަށްފަހު "ގުރޫ" ކުޅުނު ދުވަސްވަރު އެވެ.