ބޮލީވުޑް

ޕޮންނިޔިން ސެލްވަން 2: އައިޝްވަރިޔާގެ ކެރިއަރުގެ އެންމެ މޮޅު ފިލްމު

މަނީ ރަތުނަމްގެ މަލްޓި-ލޭންގްއޭޖް ފިލްމު "ޕޮންނިޔިން ސެލްވަން 2" ރިލީޒްކޮށް ބޮކްސް އޮފީހުގައި ވަރަށް ރަނގަޅު ކާމިޔާބެއް ހޯދަމުން އެބަދެ އެވެ.

މި ފިލްމަށް ކްރިޓިކްސް އާއި ބެލުންތެރިންގެ ތައުރީފު އޮހެމުންދާއިރު އެންމެން ވެސް އެއްބަސްވާ ކަމަކީ މި ފިލްމުގައި އައިޝްވަރިޔާ ދައްކާފައިވަނީ އޭނާގެ ކެރިއަރުގެ ވެސް އެންމެ މޮޅު ޕާފޯމަންސް ކަމެވެ. މުޅި ފިލްމުގެ ރޫހަކީ އައިޝްވަރިޔާ ކަމަށް ބުނެފައިވަނީ ހަމައެކަނި އައިޝްވަރިޔާގެ ފޭނުން އެކަންޏެއް ނޫނެވެ.

އައިޝްވަރިޔާ އަށް ތައުރީފުކޮށް ސޯޝަލް މީޑިއާގައި މެސެޖު ޝެއާ ކުރި މީހުންގެ ތެރޭގައި އޭނާގެ ފިރިމީހާ އަބީޝެކް ބައްޗަން ވެސް ހިމެނެ އެވެ. ޚުދް އަބީޝެކް ވެސް ގަބޫލުކުރި ގޮތުގައި މި ފިލްމަކީ އައިޝްވަރިޔާގެ ކެރިއަރުގެ ބެސްޓް ޕާފޯމަންސެވެ.

އައިޝްވަރިޔާ އަށް ތައުރީފުކޮށް އަބީޝެކް ޕޯސްޓްކުރި މެސެޖާ ގުޅިގެން ފޭނުން ވަނީ އަބީޝެކް އަށް ވެސް ތައުރީފުކޮށްފަ އެވެ. އަދި އޭނާ ވަރުގެ ރަނގަޅު ފިރިއަކު ވަރަށް ނުލިބޭނެކަމަށް ބުނެ މީހުން ކޮމެންޓް ކޮށްފައި ވެއެވެ.

ކޮމެންޓުކުރި އެކަކު އަބީޝެކް އަށް ވަރަށް ރަނގަޅު ހުށަހެޅުމެއް ވެސް ހުށަހަޅާފައި ވެއެވެ. އައިޝްވަރިޔާ އާއި އަބީޝެކްގެ ހުރި ހަމައެކަނި ދަރިފުޅު އާރާދިޔާގެ ކަންކަން ބެލެހެއްޓުމާ އަބީޝެކް ހަވާލުވެފައި އައިޝްވަރިޔާ ތަންކޮޅެއް ގިނައިން ފިލްމު ކުޅެން ހުއްދަ ދިނުމަށް އެމީހާ އަބީޝެކްގެ ކިބައިން އެދިފައި ވެއެވެ.

މި މީހާއަށް އަބީޝެކް ވަރަށް މަޖާ ޖަވާބެއްވެސް ދީފައި ވެއެވެ. އަބީޝެކް ބުނީ އައިޝްވަރިޔާ އެއްވެސް ކަމެއް ކުރަން އޭނާގެ ހުއްދައަށް އެދެން ނުޖެހޭނެ ކަމަށެވެ.ޚާއްސަކޮށް އޭނާ އުފާވާ ކަންކުރަން ކުރަން އެއްގޮތަކަށް ވެސް ހުއްދަ ހޯދަން ނުޖެހޭނެ ކަމަށް ވެސް އަބީޝެކްގެ ކޮމެންޓުގައި ބުނެފައި ވެއެވެ.

އައިޝްވަރިޔާގެ ފަހުގެ އިންޓަވިއު ތަކުގައި އޭނާ ބުނެފައިވާ ގޮތުގައި އޭނާ މިހާރު ކޮންމެ ކޮންމެ ފިލްމެއްގައި ބައިވެރިވާކަށް ބޭނުމެއް ނޫނެވެ. އޭނާ ބޭނުންވަނީ ކިތަންމެ މަދު ފިލްމެއްގައި ނަމަވެސް އޭނާއަށް ރަނގަޅު ޕާފޯމަންސެއް ދެއްކޭ އަދި އޭނާއަށް އިތުބާރު ކުރެވޭ ޑައިރެކްޓަރުންނާއެކު އެކަނި މަސައްކަތް ކުރާށެވެ.

ކުރީ ޒަމާނުގެ ހާދިސާއަކަށް ތައްޔާރުކޮށްފައިވާ ޕޮންނިޔިން ސެލްވަން 2 ރިލީޒް ކުރި ފުރަތަމަ ދުވަހު 32 ކްރޯޑޫ ރުޕީސްގެ ވިޔަފާރި އިންޑިޔާ އިން އެކަނި ވެފައި ވެއެވެ. އަދި ދެ ވަނަ ދުވަހު 24 ކްރޯޑުގެ ވިޔަފާރި ވެފައި ވެއެވެ. މިއީ މިއަހަރު ރިލީޒްކޮށްފައިވާ ފިލްމުތަކުގެ ނަތީޖާއަށް ބަލާއިރު ފުދޭވަރެއްގެ ރަނގަޅު ރެކޯޑެކެވެ.