ބޮލީވުޑް

ފަރްހާނާއި ޝިބާނީގެ ކައިވެނި ފެބްރުއަރީ 21 ގައި

އެކްޓަރު-ޑައިރެކްޓަރު ފަރްހާން އަޚްތަރު އާއި ޑީޖޭ ޝިބާނީ ޑަންޑޭކަރްގެ ކައިވެނި މި މަހުގެ 21 ވަނަ ދުވަހު ކުރީ ގޮތަށް ހަމަޖެހިއްޖެ އެވެ.

ފަރްހާންގެ މަންމަ ހަނީ އިރާނީ ވަނީ މި ދެ ތަރިން އެ ދުވަހު ކައިވެނިކުރާކަން ޔަގީން ކޮށްދީފަ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ފަރްހާންގެ ބައްޕަ ޖާވީދު އަޚްތަރު ވެސް ވަނީ ފަރްހާން ކައިވެނިކުރަން އުޅޭ ކަމަށް ބުނެފަ އެވެ.

ފަރްހާންގެ މަންމަ ބުނި ގޮތުގައި މި ކައިވެނި ކުރެވޭތީ ފަރްހާނާއި ޝިބާނީ ތިބީ ވަރަށް އުފަލުންނެވެ.

ހަނީ ބުނި ގޮތުގައި ޝިބާނީ އަކީ ވަރަށް ލޯބި ކުއްޖެކެވެ. އަދި އާއިލާގެ އެންމެންނާ ވެސް ވަރަށް ގުޅޭ ހިތްހެޔޮ ކުއްޖެކެވެ. އެ ދެ މީހުން ކައިވެންޏާ މެދު ވަރަށް ސީރިއަސް ކަމަށް ވެސް ހަނީ ބުންޏެވެ.

ފަރްހާނާއި ޝިބާނީ ކައިވެނިކުރަން ނިންމާފައިވަނީ ރައްޓެހިވެގެން އުޅޭތާ ހަތަރު އަހަރު ދުވަސް ފަހުންނެވެ.

މިއީ ފަރްހާންގެ ދެވަނަ ކައިވެންޏެވެ. އޭނާގެ ކުރީގެ އަނބިމީހާ އަދުނާ ބަބާނީ އަށް ދެ ދަރިން ލިބި މިހާރު އެ ދެ ކުދިންނަކީ ވެސް ޓީންއޭޖް އުމުރުގެ ކުދިންނެވެ. ނަމަވެސް ޝިބާނީ ކައިވެނިކުރަނީ އަލަށެވެ.