ހުޅުމާލޭގައި ޑޭކެއާ ސެންޓަރެއް ހަދައިދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފި އެވެ.
ޑޭ ކެއާ ސެންޓަރު ހަދަން ނިންމާފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ބޯގަންވިލާ މަގު، ލޮޓު ނަންބަރު 10949 ގައެވެ.
އެޗްޑީސީން ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތަކަށް ތަން އިމާރާތްކޮށް ކުއްޔަށް ދިނުމުގެ ހައްގު އޮންނާނެ ކަމަށެވެ.
މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް އެހެން ހުށަހެޅުމަކާ އެކު ވެސް ޕްރޮޕޯސަލް ހުށަހެޅިދާނެ ކަމަށް ބުނެފައިވެ އެވެ. އެކަމަކު އެ ފަރާތަކަށާއި އެޗްޑީސީއަށް އެ ހުށަހެޅުމަކުން ލިބޭ ފައިދާތައް ސާފުކޮށް ބުނެދޭން ޖެހެ އެވެ.
ހުޅުމާލޭގައި ލައްކައަކާ ގާތްކުރާ އަދަދަކަށް މިހާރު މީހުން ދިރިއުޅޭނެ ކަމަށް ބެލެވޭއިރު މިވަގުތު ހުޅުމާލޭގައި ޑޭކެއާ ސެންޓަރެއް ނުހުރެ އެވެ. ނަމަވެސް ކުޑަކުދިން ބެލުމަށް ހާއްސަކޮށްގެން ތަންކޮޅެއް ކުރީގައި އައިޑިއާ ކިޑްސްގެ ނަމުގައި ތަނެއް ހިންގި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާފައިވާތީ އެ ސަރަހައްދުގައި އަސާސީ ހިދުމަތްތައް ލިބޭނެ އިންތިޒާމު ވެސް އެޗްޑީސީން މިހާރު ދަނީ ހަމަޖައްސަމުންނެވެ. އެގޮތުން އެ ސަރަހައްދުގައި މިހާރު ވަނީ މިސްކިތެއް އަޅައި ފިހާރަ އަކާއި ސެލޫނެއް ހުޅުވާފަ އެވެ. އަދި ދެވަނަ ފިޔަވައްސަށް ވަނީ ބަހުގެ ހިދުމަތް ފަށާފަ އެވެ.
ދެވަނަ ފިޔަވަހީގައި މިހާރު ދަނީ ސްކޫލުތަކާއި ޕްރީ ސްކޫލުތަކާއި އިތުރު މިސްކިތްތަކާއި ޕާކެއް ހެދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.