މުހައްމަދު ސައީދު

ރާއްޖެއާއި ޗައިނާ ދެމެދު މިނިވަން ވިޔަފާރީގެ މަޝްވަރާތައް ފަށައިފި

ރާއްޖެއާއި ޗައިނާ ދެމެދު ގާއިމް ކުރެވޭ ފްރީ ޓްރޭޑް އެގްރީމަންޓްގެ މަޝްވަރާތައް މިއަދު ހެނދުނު ބަނޑޮސް އައިލެންޑް ރިސޯޓްގައި ފަށައިފި އެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ރާއްޖެ ފަރާތުން ބައިވެރިވި ވަފުދުގައި ހިމެނެނީ އިކޮނޮމިކް ސެކްޓަރުގެ އިސް ބޭފުޅުންނާއި ބައެއް ސަރުކާރު ކުންފުނި ތަކުގެ އިސް ވެރިންނެވެ.

ޗައިނާ އާއި ރާއްޖެ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރަން ނިންމާފައި ވަނީ ދެގައުމު ދެމެދު ވިޔަފާރީގެ މުއާމަލާތު ކުރަން ފަސޭހަވެ އިންވެސްޓްމަންޓުތަކަށް އޮތް ފުރުސަތު އިތުރަށް ފުޅާ ވެގެންދާނެތީ އެވެ. އަދި މި އެއްބަސް ވުން ގާއިމް ކުރުމަށް ދެގައުމުން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާތީ، މަޝްވަރާތައް ފެށުމަށް މިދިޔަ ސެޕްޓެމްބަރު މަހު ވަނީ އެއްބަސް ވުމެއްގައި ސޮއިކޮށްފަ އެވެ.

ފްރީ ޓްރޭޑް އެގްރީމަންޓްގެ ފުރަތަމަ މަޝްވަރާ ބައްދަލުވުން ރަސްމީކޮށް ފެށުމުގެ ގޮތުން ވާހަކަދައްކަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރާއްޖެއާއި ޗައިނާ ފަދަ އިގްތިސޯދީ ގޮތުން ބޮޑެތި ތަފާތުތަކެއް ހުރި ދެ ގައުމު ދެމެދުގައި، މިނިވަން ވިޔަފާރި އެއްބަސް ވުމެއް ގާއިމް ކުރުމަށް މަޝްވަރާ ކުރަން ފެށުމުން ދޭހަވަނީ ރާއްޖެއާއި ޗައިނާ ދެމެދު ހުންނަ ގާތްކަން ކަމަށާއި އަދި އިގްތިސޯދީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ޒަމާންތަކެއް ވަންދެއް ދެގައުމު ގުޅުން ބާއްވާނެ ކަމަށެވެ.

"މި މަޝްވަރާތަކުން ދެގައުމުގެ އިގްތިސޯދަށްވެސް ހަމަހަމަ ފައިދާ ތަކެއް ކުރާނެ ކާމިޔާބު މަޝްވަރާއަކަށް ވާނެ ކަމަށް މި ސަރުކާރުން ވަރަށް ބޮޑައް އުންމީދު ކުރަން. އަދި މިއަދު މަޝްވަރާ ކުރެވޭ ކަންތަކަށް ވީހާވެސް އަވަހަކަށް ތަންފީޒު ކުރުމުގައި ރާއްޖެއިން ފުރިހަމައަށް އެއްބާރުލުން ދޭނެކަން އަޅުގަނޑު ޔަގީން ކަން ދެން،" ސައީދު ވިދާޅުވި އެވެ.

މިއަދުން ފެށިގެން ދެދުވަހުގެ މުއްދަތަކަށް ކުރިޔަށް ދާނެ މަޝްވަރާތަކުގައި ރާއްޖޭގެ މަސްވެރިންނަށް ލުއި ހަރަދު ކުޑަ ގޮތަކަށް އުފެއްދުންތައް ޗައިނާއަށް އެތެރެކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށާއި ފައިނޭންޝިއަލް ސެކްޓަރު އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާ ކުރުމަށް ވަނީ ހަމަ ޖެހިފަ އެވެ.

އެގޮތުން މިމަޝްވަރާތަކުގައި ރާއްޖެ ފަރާތުން ބައިވެރިވި ވަފުދުގައި ހިމެނެނީ:

މުހައްމަދު ސައީދު - އިކޮނޮމިކް މިނިސްޓްރީ
ސައީދާ އުމަރު - އިކޮނޮމިކް މިނިސްޓްރީ
ޔޫސުފް ރިޒާ - އިކޮނޮމިކް މިނިސްޓްރީ
އައިޝަތު ސަހްމާ - އިކޮނޮމިކް މިނިސްޓްރީ
އައިޝަތު އަޒީމާ - ފޮރިން މިނިސްޓްރީ
އަބްދުﷲ މުއްތަލިބު - ހައުސިން މިނިސްޓްރީ
ހަސަން ޒަމީރު - އެޑިއުކޭޝަން މިނިސްޓްރީ
ޝިފާއު އަލީ - މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)
އަހުމަދު ރިޒާ - ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)
އަބްދުﷲ ވަހީދު - މޯލްޑިވްސް ކަސްޓަމްސް ސާވިސް

ޗައިނާއާ ރައްޖެ ދެމެދު ވެވޭ ފްރީޓްރޭޑް އެގްރީމަންޓުގެ ދެވަނަ މަޝްވަރާ ބައްދަލު ވުން އޮންނާނީ މީގެ ދެ މަސް ފަހުން ޗައިނާގަ އެވެ. އަދި އެއަށްފަހު މަޝްވަރާ ކުރެވުނު ކަންތަކުގެ މައްޗައް ބިނާކޮށް މިނިވަން ވިޔަފާރީގެ އެއްބަސް ވުމުގައި ސޮއިކުރާނެ އެވެ. ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ކުރިން ވިދާޅުވެފައިވަނީ މި އެއްބަސް ވުމުގައި އަންނަ އަހަރު މެދުތެެރޭ ސޮއި ކުރެވޭނެކަމަޢށް ގަބޫލު ކުރެވޭ ކަމަށެވެ.