ރާއްޖޭގެ ތަރައްގީއަށް އިންޑިއާ އިން ފޯރުކޮށްދޭ އެހީތެރިކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން އިންޑިއާ އަށް ތާއީދުކޮށް އައްޑޫ ސިޓީގައި މިއަދު ވެހިކަލް ބުރެއް މިއަދު ބާއްވައިފި އެވެ.
އައްޑޫގެ ބައެއް ޓެކްސީ ޑްރައިވަރުން އިންތިޒާމު ކުރި ވެހިކަލް ބުރު މައިގަނޑު ގޮތެއްގައި ކުރިއަށް ގެންދިޔައީ ހިތަދޫގަ އެވެ.
ބައެއް ހިސާބުތަކަށް މަޑުކުރަމުން އިންޑިއާ އަށް ތާއީދުކޮށް އަޑުއުފުލަމުން ކުރިއަށް ގެންދިޔަ ވެހިކަލް ބުރުގައި އެހާ ގިނަ މީހުން ބައިވެރިވެފައެއް ނުވެ އެވެ.
އިންޑިއާ އަށް ތާއީދުކޮށް އެކި ޝިޔާރުތައް ލިޔެފައިވާ ޕޯސްޓަރުތަކެއް ހިފައިގެން ކުރިއަށް ގެންދިޔަ ވެހިކަލް ބުރުގައި އުޅުނު މީހުން ގޮވަމުން ދިޔައީ ރާއްޖެއަށް ބޭނުންވާ ބޭހާއި ބިދޭސީ ޓީޗަރުން ގެންނަނީ އިންޑިއާ އިން ކަމަށެވެ. އަދި ބަލިވީމާ ބޭސް ކުރަން ދަނީ ވެސް އިންޑިއާ އަށް ކަމަށާއި އައްޑޫގެ މަގުތައް ހެދުމުގެ މަސައްކަތް ކުރަނީ ވެސް އިންޑިއާ އިން ކަމަށެވެ. މީގެ އިތުރުން ގައުމުތަކާ އެކު ހާރިޖީ ގުޅުން ބޭއްވުމަށް ވެސް އެމީހުން ގޮވާލާފައިވެ އެވެ.
އިންޑިއާ އަށް ތާއީދުކޮށް އައްޑޫގައި ހިނގާލުމެއް ބާއްވާފައި މިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން މާލެ އާއި ބައެއް ރަށްރަށުގައި "އިންޑިއާ އައުޓް"ގެ ނަމުގައި ހަރަކާތްތަކެއް ކުރިއަށް ގެންދަނިކޮށެވެ.
އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް އަމާޒުކޮށްގެން ޑްރާފްޓްކޮށްފައިވާ ބިލެއް އަންނަ ހަފްތާ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން މިހާރު ވަނީ ނިންމާފަ އެވެ.
މަޖިލީހުގެ 241 ކޮމިޓީން ވެސް ގެންދަނީ އިންޑިއާ އައުޓް ހަރަކާތުގެ މައްސަލަ ބަލަމުންނެވެ. އެ މައްސަލަ ކޮމިޓީ އަށް ހުށަހެޅުއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ.