ދުނިޔެ

ޕްރިންސް މުހައްމަދަށް އިނގިރޭސި ބޮޑުވަޒީރުގެ ފޯންކޯލެއް

ސައޫދީ އަރަބިއްޔާގެ ވަލީއަހުދު، ޕްރިންސް މުހައްމަދު ބިން ސަލްމާނަށް އިނގިރޭސި ބޮޑުވަޒީރު، ބޮރިސް ޖޯންސަން ފޯނުން ގުޅުއްވައި ހާލުއަހުވާލު ބައްލަފައިފި އެވެ.

އިނގިރޭސި ބޮޑުވަޒީރު ޕްރިންސް މުހައްމަދަށް ފޯނުކުރެއްވި އަސްލު ސަބަބު މީޑިއާއަށް އެނގިފައި އަދި ނެތެވެ. އެހެން ނަމަވެސް، މެދުއިރުމަތީ މަސްލަހަތާ ގުޅޭ ގޮތުން ދެލީޑަރުން މަޝްވަރާ ކުރެއްވި ކަމަށް ޚަބަރުތައް ބުނެ އެވެ.

މެދުއިރުމަތީގައި ހޫތީންގެ އުނދަގޫ ބޮޑުވަމުން އަންނަ މިދަނޑިވަޅުގައި އެމެރިކާގެ ރައީސް، ޖޯ ބައިޑަން ވެސް ވަނީ ސައޫދީ ސަލްމާން ރަސްގެފާނަށް ފޯނުކުރައްވައި، ސައުދީގެ ދިފާއުގައި އެމެރިކާ އޮތްކަން ކަށަވަރުކޮށް ދެއްވާފަ އެވެ.

ބޮރިސް އާއި ޕްރިންސް މަޝްވަރާގެ ތެރެއިން ދެގައުމުގެ މަސްލަހަތަށް އަލިއަޅުއްވާލެއްވި އެވެ. އިގުތިސޯދީ ގޮތުން ދެގައުމުގައި ހުރި ފުރުސަތުތައް އަދި ތެލުގެ މާރުކެޓަށް ވެސް އަލިއަޅުއްވާލެއްވި އެވެ.

ގައުމުތަކުގެ މެދުގައި މިހާރު އުފެދިފައި ހުރި ނުތަނަވަސްކަން ހައްލުކުރުމަށް ދެގައުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން ވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ. މެދުއިރުމަތީގައި މިހާރު ހުރި މައްސަލަތަކުގައި ސައޫދީގެ ވިސްނުން ހުރި ގޮތާ ބެހޭ ގޮތުން ވެސް އިނގިރޭސި ބޮޑުވަޒީރު ސުވާލުކުރެއްވި އެވެ.

ސައޫދީ ޚަބަރުތައް ބުނާ ގޮތުން ޕްރިންސް މުހައްމަދު އިންޑޮނީޝިއާގެ ރައީސް، ޖޯކޯ ވިޑޯޑޯއަށް ފޯނުކުރައްވައި މަޝްވަރާ ކުރެއްވި އެވެ. އަދި ދެގައުމުގެ ގުޅުން ބަދަހިކޮށް ވިޔަފާރިގައި ހުރި ފުރުސަތުތައް ހިއްސާކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.