ފޮރިން އިންވެސްޓްމެންޓް

އަލަށް ދޫކުރާ ރަށްތަކަށް ބޮޑު ތަރުހީބެއް އެބައޮތް: ޓޫރިޒަމް

Feb 12, 2022
2

އަލަށް ރިސޯޓު ހަދަން އިއުލާނު ކުރި ރަަށްތަކަށް ލިބޭ ތަރުހީބު ބޮޑު ކަމަަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ރިސޯޓު ހަދަން އަލަށް ނެރޭ ރަށްތަކާ ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓްރީން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު އަލީ ޝިނާން ވިދާޅުވީ ރިސޯޓު ހަދަން ދޫކުރި ރަށްތަކަށް އިންކުއަރީ ލިބެމުންދާ ކަމަށެވެ. އަދި މި ފަހަރު ކުރީ ފަހަރުތަކަށް ވުރެ ތަރުހީބު ބޮޑުކަން އޭނާ ފާހަގަކުރެއްވި އެވެ.

ރިސޯޓުތަކެއް ތަރައްގީ ކުރަން ދެވަނަ ފަހަރަށް މި ސަރުކާރުން ރަށްތަކެއް އިއުލާނުކުރީ މިދިޔަ އަހަރު ދުބާއީގައި ކުރިއަށް ދިޔަ "ދުބާއީ އެކްސްޕޯ"ގައި އޮތް މޯލްޑިވިއަން އިންވެސްމަންޓް ފޯރަމްގަ އެވެ. އެފަހަރު 18 ރަށެއް އިއުލާނު ކުރި އެވެ. އަދި އެ 18 ރަށް ބީލަމަށް ހުޅުވާލީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ. ބީލަން ހުޅުވާލުމަށްފަހު ށ. އަތޮޅުގެ ތިން ރަށް ލިސްޓަށް ސަރުކާރުން ފަހުން އިތުރުކުރި އެެވެ. އެގޮތުން އިތުރުކުރި ރަށްތަަކަކީ ށ. ދިގުރަށާއި މެދުރަށް އަދި އެ އަތޮޅު މައިރަށެވެ.

ސަރުކާރުން ފަހުން ލިސްޓަށް އިތުރުކުރި ރަށްތަކާއި އެކު ޖުމްލަ 21 ރަށަށް ބީލަން ހުށަހަޅަން ހުޅުވާލީ މި މަހުގެ 27 އަދި 28 ވަނަ ދުވަހު އެެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީން ފަހުން ވަނީ ރަށްތަކަށް ބީލަން ހުށަހަޅަން ހުޅުވާލި މުއްދަތަށް 23 ދުވަސް އިތުރުކޮށް، ބިޑް ފޮތް ގަތުމަށް ވެސް އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފަ އެވެ.

ރަށްތަކަށް ބީލަން ހުށަހެޅުމަށް އިތުރު ވަގުތު ދިނީ ކޮވިޑުގެ އާ ވެރިއަންޓް އޮމިކުރޮންއާ ގުޅިގެން ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ދަތުރުފަތުރުކުރުމާއި ވިޔަފާރީގެ ބައެއް ކަންކަމަށް ހުރަސް އެޅިފައިވާތީ އިންވެސްޓަރުންނަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުން ކަމަށް މިނިސްޓްރީން ބުނެ އެވެ.

އަލަށް ރިސޯޓު ހަދަން ރަށްތަކެއް ނެރުނުއިރު 118 ރަށެއް އެބައޮތެވެ. މީގެތެރޭގައި 23 ފަޅެއް ވެސް ހިމެނެ އެވެ.