އެޓްމޮސްފިއާ ހޮޓެލް އެންޑް ރިސޯޓުގެ ލަގްޒަރީ ބްރޭންޑުގެ އާ ރިސޯޓެއްގެ ގޮތުގައި އޮބްލޫ ސިލެކްޓް ލޯބިގިލި ބުރާސްފަތި ދުވަހު ހުޅުވާނެ އެވެ.
ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ބޭރުގެ މަޖައްލާ ތަކުގައިވާ ގޮތުން "އޮބްލޫ ސިލެކްޓް ލޯބިގިލި" ގެ ނަން ދީފައިވާ މެދުފަންތި އާއި މަތީ ފަންތީގެ ހިދުމަތްދެވޭ މި ރިސޯޓު ހުޅުވުމުގެ ގޮތުން ހުރިހާ ތައްޔާރީ ތަކެއް މިހާރު ވާނީ ވެފަ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން 15 މިނެޓުން ދެވޭ ރާސްތާގައި ފަޅެއް ހިއްކައިގެން ހަދާފައިވާ "އޮބްލޫ" ގެ ކުލަތައް ހިމެނޭ ފުރިހަމަ މި ރިސޯޓުގައި 68 މޫދު ކޮޓަރިއާއި ބީޗް ވިލާ ހުންނާނެ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާލެ އަތޮޅު ފަޅު ހިއްކައިގެން ރިސޯޓު ހަދަން ދޫކުރި ފަޅުތަކުގެ ތެރެއިން ފަޅެއްގައި ހުޅުވާ މި ރިސޯޓު ހަދާފައިވަނީ ބްރިޖަކުން އިތުރު ރިސޯޓަކާ ގުޅާލައިގެންނެވެ. ނަމަވެސް އެ ރިސޯޓު ހުޅުވަނީ މި އަހަރުގެ ފަހުކޮޅެވެ.
މި ރިސޯޓުގައި ހުރި ހާއްސަ ސިފަތަކުގެ ތެރޭގައި ރިސޯޓުގައި މޫދު އަޑީގައި ހަދާފައިވާ ރެސްޓޯރެންޓް ހިމެނެ އެވެ. މީގެ އިތުރުން މި ރިސޯޓުގެ އެކި ހިސާބުތަކުގައި 17 ގާޑިއާއެއް ބަހައްޓާފައިވެ އެވެ. މި ތަންތަން ފަރުމާކޮށްފައިވަނީ ދިވެހިން ކެއުމުުގައި ބޭނުންކުރާ ލުއި ކާނާ ވެސް ލިބޭ ގޮތަށެވެ.
އެޓްމޮސްފިއާގެ ކުންފުނިން ރާއްޖޭގައި ހަ ރިސޯޓެއް ހިންގަމުންދެ އެވެ. މިހާރު ހިންގާ ރިސޯޓުތަކުގެ ތެރެއިން އޮބްލޫ ސިލެކްޓް އެކްސްޕީރިއަންސް އަލިފުށި ނަމުގައި ވެސް ރިސޯޓެއް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ރިސޯޓު ހުޅުވަން ތައްޔާރު ވަނީ މި އަހަރުގެ މެއި މަހު އެވެ.