ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްއިން ފޭދޫގައި އިސްރަށްވެހިންނަށް ޕާކެއް

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ސ. ފޭދޫގައި އިސްރަށްވެހިންނަށް ހާއްސަ ޕާކެއް ހުޅުވައިފި އެވެ.

އެ ޕާކަށް ބީއެމްއެލްއިން ވަނީ " މާމަ ކާޕަ" މި ނަން ދީފަ އެވެ. މި ޕްރޮޖެކްޓް ގެ މަގްސަދަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއަޅައި އިޖްތިމާއީ ހަރަކާތްތަކުގައި އިސްރަށްވެހިންގެ ބައިވެރިވުން އިތުރުކޮށް ގުޅުން ބަދަހިކޮށް އެއްބައިވަންތަ މުޖުތަމަޢުއެއް ބިނާކުރުން ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

އެ ޕާކުގައި ވަނީ ހިޔާވާނެ ގޮތަށް ބެންޗު ބަހައްޓައި ޕާކަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ކެރަމް، ތާސް އަދި ޗެސް ފަދަ ކުޅިވަރުތައް ކުޅެވޭނެހެން މޭޒާއި ގޮނޑި ބަހައްޓާފަ އެވެ. ފޭދޫއަށް ނިސްބަތްވާ ޖަމިއްޔާތަކާއި ގުޅިގެން ހެލްތް ޗެކަޕް ފަދަ ހަރަކާތްތަކާއި ހޭލުންތެރިކުރުމުގެ ގިނަ ޕްރޮގްރާމްތައް ޕާކުގައި ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބީއެމްއެލްއިން ބުނެ އެވެ.

މި ޕްރޮޖެކްޓް ކާމިޔާބުކުރި ޝިމްލާ އަހްމަދު ބުނީ "މާމަ ކާފަ" ޕާކަކީ މާމަ އަދި ކާފަމެނަށް އާއިލާ އާއި ރައްޓެހިންނާއެކު ވަގުތު ހޭދަކޮށްލާ ގުޅުން ބަދަހި ކުރުމަށް މާހައުލެއް ހޯދާދިނުމުގެ ގޮތުން ތަރައްގީ ކުރެވުނު ޕާކެއް ކަމަށެވެ.

"މިއީ މިރަށުގެ އިސްރަށްވެހިންނަށް ހާއްސަކޮށް ހުޅުވުނު ޕާކެއް ކަމުން އަޅުގަނޑުމެންގެ އުންމީދަކީ އުފާވެރި ހެލިފެލިވެ އުޅޭ މާމާ މެންނާއި ކާފަމެން މި ޕާކުން ގިނައިން ފެނުން." ޝިމްލާ އަހްމަދު ބުންޏެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް 60 ޕްރޮޖެކްޓެއް ހިންގުމަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.