ޒަކާތް

އަހަރުގެ ފުރަތަމަ މަހު މުދަލު ޒަކާތަށް ހަތް މިލިއަން ރުފިޔާ

Feb 12, 2022

މުދަލު ޒަކާތުގެ ގޮތުގައި މިއަހަރުގެ ފުރަތަމަ މަހު -- ޖެނުއަރީގައި 7.03 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލިބުނު އަދަދާ އަޅާބަލާއިރު 3.4 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 3.7 މިލިއަން ރުފިޔާ އެވެ.

މިދިޔަ ޖެނުއަރީ މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދަށް ވުރެ މިދިޔަ ޑިސެމްބަރު މަހު ލިބުނު އަދަދު އިތުރެވެ. ޑިސެމްބަރު މަހު މުދަލު ޒަކާތުގެ ގޮތުގައި 11.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު 90.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރަކީ އެންމެ ގިނައިން މުދަލު ޒަކާތް ލިބުނު އަހަރެވެ.

މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު ލިބުނު 90.6 މިލިއަން ރުފިޔާ އަކީ 2020 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު 60.8 މިލިއަން ރުފިޔާއާ އަޅާބަލާއިރު 29.8 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މީރާގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް އަދި މީރާ އަށް ހާޒިރުވެގެން ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އިންތިޒާމު އެ އޮތޯރިޓީން އޮންނަނީ ހަމަޖައްސާފަ އެވެެ.

މުދަލު ޒަކާތް ކުރިން ދައްކަނީ އިސްލާމިކް މިނިސްޓްރީ އަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާ އަށް ބަދަލުކޮށްފަ އެވެ.

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު ކަނޑައަޅަނީ އިސްލާމިކް މިނިސްޓްރީންނެވެ. މުދަލު ޒަކާތުގެ ނިޞާބު އެންމެ ފަހުން ކަނޑައަޅާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް 20 ވަނަ ދުވަހު އެވެ. އެގޮތުން ރާއްޖޭގައި މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިސޯބުގެ އަދަދަކީ 6،961.50 ރުފިޔާ އެވެ.

ރާއްޖޭގައި މުދަލު ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭއިން ކަނޑައެޅުމުން އެ އަގުތަކަށް ބަލައިގެންނެވެ.