ހުރިހާ ބާވަތެއްގެ ލައިސަންސް އެއްތަނަކުން ހެދޭނެ ސެންޓްރަލް ލައިސަންސް އޮތޯރިޓީއެއް އަންނަ އަހަރުގެ މެދު ތެރޭގައި އުފައްދާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ސިވިލް ސާވިސް ކޮމިޝަންގެ ފަރާތުން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުގެ މުއައްސަސާތަކުންދޭ ހިދުމަތް ހޯދުމުގައި ދަތިތައް ދިމާވާ ކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ވަރަށް ބޮޑަށް ލިބެމުންދާ ކަމަށެވެ. އެކަން އެގޮތަށް ދިމާވަނީ ހިދުމަތް ދިނުމުގައި ސަރުކާރުން މިހާރު ގެންގުޅޭ އުސޫލެއްގެ ސަބަބުން ކަމަށާއި އާންމުންނަށް މިހާރު ކުރިމަތިވާ އެންމެ ބޮޑު އެއް މައްސަލައަކީ، އެއް މޭޒަކުން ހޯދިދާނެ ގިނަ ހިދުމަތްތަކެއް ހޯދަން އެކި ތަންތަނަށް ދާންޖެހުން ކަމަށެވެ.
"ސަރުކާރުގެ އެކި އިދާރާތަކުގަ އެކި ވައްތަރުގެ ލައިސެންސިން އޮތޯރިޓީތައް އެބަހުރި. އެއް އޮފީހަކުން އެއް ލައިސެންސް ނަގާފަ އަނެއް އޮފީހަކުން އަނެއް ލައިސަންސް، އަނެއް މޭޒުން އަނެއް ލައިސަންސް ނަގަން ދާން އެބަޖެހޭ މިހާރު. އޭގެ ބަދަލުގަ ހުރިހާ ލައިސެންސްތަކެއް އެއްތަނަކުން ލިބޭ ސެންޓްރަލް ލައިސެންސިން އޮތޯރިޓީއެއް ނުވަތަ [ވަން ޝޮޕް] ސާވިސް ސެންޓަރެއް އުފެއްދިއްޖެ ނަމަ ވަރަށް ފަސޭހަވާނެ ހިދުމަތް ހޯދަން އަންނަ މީހުންނަށް،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސެންޓްރަލް ލައިސެންސިން އޮތޯރިޓީއެއް އުފައްދަން ވާންޖެހޭ ތައްޔާރީތައް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. ސެންޓާ ގާއިމްކުރުމަށް ތައްޔާރުކުރަންޖެހޭ ޑޮކިއުމަންޓް ތަކާއި، ކުރަންޖެހޭ ޓެކްނިކަލް މަސައްކަތްތައްވެސް މިހާރު ވަނީ ނިމުމަކާ ގާތްވެފައި ކަމަށް ރައީށް ވިދާޅުވި އެވެ. އަދި ވިދާޅުވީ، އަންނަ އަހަރުގެ މެދަކާ ހަމަޔަށް ދާއިރު ހުރިހާ ލައިންސަސް އެއް އެއްތަނަކުން ލިބޭ ގޮތަށް ސެންޓަރު ގާއިމްކޮށް ހިދުމަތްދޭން ފައްޓަވާނެ ކަމަށެވެ.
"އަންނަ އަހަރުގެ މެދާ ހަމަޔަށް ދާއިރު ސެންޓްރަލް ލައިސެންސިން އޮތޯރިޓީއެއް އުފައްދާނަން. އެކަމުގެ ހުރިހާ މަސައކަތެއްގެ ބްލޫ ޕްރިންޓް މިހާރު ވަނީ ނިމިފައި،" ރައީސް ވިދާޅުވި އެވެ.