ލައިފްސްޓައިލް

ބުލީކުރާ ކުދިންނަށް މެސެޑޯނިޔާގެ ރައީސްގެ މެސެޖެއް

ކޮންމެ އަހަރަކު އެމެރިކާގައި އެކަނިވެސް ޑައުން ސިންޑްރޯމް ބަލި ހުންނަ 6،000 ކުދިން އުފަންވެ އެވެ. މިއީ އެ ގައުމުގައި އުފަންވާ ކޮންމެ 700 ކުއްޖަކުން އެއް ކުއްޖެކެވެ. ސިއްހީ މާހިރުން ވިދާޅުވަނީ އުމުރުން ހަގު އަންހެނުންނަށް ވުރެ ދޮށީ އަންހެނުންނަށް މި މައްސަލަ ހުންނަ ކުދިން ލިބުމުގެ ފުރުސަތު ބޮޑެވެ.

އުފަންވާއިރު ޑައުން ސިންޑްރޯމް ހުންނަ ކުދިންނަށް އެހެން ކުދިންނާއި މީހުންގެ ފަރާތުން ބުލީ ކުރުމާއި އެނޫން ވެސް ތަފާތު އުނދަގޫތަކާ ކުރިމަތިލާން ޖެހެ އެވެ. މިފަދަ ކުދިންނަށް ބުލީ ކުރުން ފަދަ ކަންތައްތަކަކީ އެއްގޮތަކަށް ވެސް ބަލައިގަންނާނެ އަދި ގަބޫލު ކުރާނެ ކަންކަން ނޫންކަމަށް އަމަލުން ދައްކުވައިދިން އެއް ބޭފުޅަކީ ރިޕަބްލިކް އޮފް ނޯތު މެސެޑޯނިއާގެ ރައީސް ސްޓީވޯ ޕެންޑަރޯސްކީ އެވެ.

ގޮސްޓިވާގައި ދިރިއުޅޭ އެމްބްލާ އަޑޭމީއަކީ ޑައުން ސިންޑްރޯމްގެ މައްސަލަތައް ތަހައްމަލު ކުރަމުންދާ 11 އަހަރުގެ ކުއްޖެކެވެ. އެކުއްޖާގެ ސްކޫލު ތެރޭން ބުލީ ކުރުމުގެ މައްސަލަ ކުރިމަތިވާކަން ރައީސް ސްޓީވޯއަށް އެނގިވަޑައިގަތުމާއެކު ކަންތައްތައް ކުރެއްވީ ވަރަށް ޙިކުމަތްތެރިކަމާ އެކުގަ އެވެ. އެމަނިކުފާނު އެ ކުއްޖާ ހޯއްދަވައި ކުއްޖާ އާ ބައްދަލު ކުރެއްވި އެވެ. އަދި އޭނާ އަތުގައި ހިއްޕަވައިގެން އެ ކުއްޖާގެ ސްކޫލަށް ވަޑައިގަތެވެ. ކުއްޖާއަށް އެމަނިކުފާނު ތާއީދުކުރާ މިންވަރު ހާމަ ކޮށްދެއްވުމުގެ ގޮތުންނެވެ. އަދި ކުއްޖާއާ މެދު ގެންގުޅޭ ތަފާތު ކުރުންތައް ނައްތާލަން ހިތްވަރު ދެއްވުމުގެ ގޮތުންނެވެ.

މި ބައްދަލުވުމުގެ ވީޑީއޯ އިންސްޓަގްރާމްގައި ޝެއާ ކުރައްވަމުން މެސެޑޯނިޔާގެ ރައީސް ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ކުދިން ހިމާޔަތްކޮށް އެކުދިންނަށް ލޯތްބާއި އަޅާލުން ދިނުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމަށެވެ.

މި ކުދިންނަށް ރަހުމް ކުރުމަކީ ގައުމުގެ ހުރިހާ ފަރުދުންގެ ޒިންމާއެއް ކަމަށް މި ވީޑިއޯގައި ރައީސް ސްޓީވޯ ވިދާޅުވެފައި ވެއެވެ.