ބޮލީވުޑް

ކަރަންގެ ފިލްމަށް ކަންގަނާ މަލާމާތްކޮށްފި

އިންސްޓަގްރާމްގައި ކަންގަނާ ރަނާވަތު އިއްޔެ ޝެއާ ކޮށްފައިވާ މެސެޖެއްގައި ކަރަން ޖޯހަރް ޕްރޮޑިއުސް ކޮށްފައިވާ "ގެހެރާއިޔާން" އަށް ވަރަށް ބޮޑަށް މަލާމާތް ކޮށްފި އެވެ.

ކަންގަނާ ވަނީ 1965 ގައި ރިލީޒްކުރި "ހިމާލޭ ކީ ގޯދް މޭ" ކިޔާ ފިލްމެއްގެ ވިޑީއޯ ކްލިޕެއް ޝެއާކޮށް އެވެ. މި ވީޑީއޯ ކްލިޕް އާއެކު ލިޔެފައިވާ މެސެޖުގައި ކަންގަނާ ބުނެފައި ވަނީ އޭނާއަކީ ވެސް މިޒަމާނުގެ މީހެއް ކަމަށެވެ. ނަމަވެސް ފިލްމުގައި ދައްކާފައިވާ ޒަމާނީ ތަހުޒީބު އާއި ރޮމޭންސް އޭނާއަށް ނުވިސްނޭ ކަމަށާއި މިކަހަލަ "ކުނިގޮނޑު' މިހާރު ނުވިކޭނެ ކަމަށެވެ.

"ހަޑި ފިލްމެއް ވާނީ ހަޑި ފިލްމަކަށް. ކިތަންމެ ނިވާކަން ކުޑަ ހެދުން އަޅައިގެން ވިޔާނުދާ މަންޒަރުތައް ދެއްކިޔަސް އެފަދަ ފިލްމެއް ސަލާމަތެއް ނުވާނެ. ހަގީގަތަކީ އެއްވެސް ކަހަލަ "ގެހެރާއިޔާން" [ފުންކަމެއް] ފިލްމުގައި ނެތް،" ދީޕިކާ ޕަދުކޯން ބަތަލާގެ ބައި ކުޅެފައިވާ މި ފިލްމަށް މަލާމާތް ކުރަމުން ކަންގަނާ ލިޔެފައި ވެއެވެ.

ކަންގަނާ ނޫނަސް ވަރަށް ގިނަ ބަޔަކަށް "ގެހެރާއިޔާން" ކަމުނުގޮސްގެން ސޯޝަލް މީޑިއާގައި ވަރަށް އެއްޗެތި ކިޔާފައި ވެއެވެ. ނަމަވެސް އަނެއްބަޔަކު ބުނަނީ ފިލްމަކީ ބަލާލަން ކަމުދާ ރީތި ފިލްމެއް ކަމަށެވެ.

ދީޕިކާގެ އިތުރުން "ގެހެރާއިޔާން" ގައި މުހިއްމު ރޯލުތައް ކުޅެފައިވަނީ ސިދާންތު ޗަތުރަވޭދީ އާއި އަނަންޔާ ޕާންޑޭ އެވެ.