ބޮލީވުޑް

އެކްތާ، ކަރަން ޖޯހަރް އަދި ކަންގަނާ އަށް ޕަދްމާ ޝްރީ

ބޮލީވުޑްގައި މަސައްކަތްކުރާ ފަންނާނުންގެ ތެރެއިން ބަތަލާ ކަންގަނާ ރަނާވަތު އާއި ލަވަކިޔުންތެރިޔާ އަދްނާން ސާމީ، ޕްރޮޑިއުސަރު އެކްތާ ކަޕޫރު އަދި ޕްރޮޑިއުސަރު-ޑައިރެކްޓަރު އަށް މިއަހަރު ޕަދްމާ ޝްރީ އެވޯޑު ލިބޭކަން ޔަގީން ވެއްޖެ އެވެ. މި އެވޯޑު ލިބޭ މީހުންގެ ނަންތައް އިއުލާން ކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ރޭ އޮތް އިވެންޓެއްގަ އެވެ.

އިންޑިޔާ ރައްޔިތުންނަށް ދޭ ހަތަރު ވަނަ އަށް އެންމެ ފަޚުރުވެރި އެވޯޑު ޕަދްމާ ޝްރީ މި ފަންނާނުންނަށް ލިބޭކަން އިއުލާން ކުރުމާއެކު ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ދަނީ މި ހަތަރު ފަންނާނުންނަށް މަރުހަބާ ކިޔަމުންނެވެ.

އެގޮތުން އަނިލް ކަޕޫރުގެ މަރުހަބާ ރައްދުވީ އެކްތާ އަށާއި ކަރަން ޖޯހަރް އަށެވެ. އޭނާ ކުރި ޓުވީޓްގައި ބުނެފައިވާ ގޮތުގައި މިއީ އެކްތާ އާއި ކަރަން އަށް ހައްގު އެވޯޑެކެވެ. އަދި މިފަދަ ގިނަ ކާމިޔާބީތައް ކުރިޔަށް އޮތްތާނގައި އިތުރަށް ހާސިލުވުމަށް އެދޭ ކަމަށް އަނިލް ބުނެފައި ވެއެވެ.

ޑައިރެކްޓަރު މިލަޕް ޒަވޭރީ މަރުހަބާ ކިޔާފައިވަނީ ކަރަން އަށެވެ. އޭނާގެ ޓުވީޓްގައި ބުނެފައިވާ ގޮތުގައި "ކުޗް ކުޗް ހޯތާ ހޭ"އިން ފެށިގެން މިހާތަނާ ޖެހެންދެން ކަރަންގެ ދަތުރަކީ ތައުރީފު ހައްގު ދަތުރެކެވެ. އަދި މި އެވޯޑު ކަރަން އަށް ވަރަށް ހައްގުވާ ކަމަށް އޭނާ ބުނެފައި ވެއެވެ.

ކަންގަނާ އަށް މަރުހަބާ ކީ ފަންނާނުންގެ ތެރޭގައި އޭނާގެ "ޕަންގާ"ގެ ޑައިރެކްޓަރު އަޝްވިނީ އައްޔަރް ތިވާރީ ހިމެނެ އެވެ. އަޝްވިނީގެ ޓުވީޓްގައި ކަންގަނާގެ ބިރުކުޑަކަމާއި ކޮންމެ މީހަކާ ވެސް ކުރިމަތިލާން ކެރޭ ކަމަށް ތައުރީފު ކޮށްފައި ވެއެވެ.
އެކްތާ އާއި އަދުނާން، ކަރަން އާއި ކަންގަނާ އަށް ޕަދްމާ ޝްރީ އެވޯޑު ލިބިފައިވަނީ ޕާފޯމިން އާޓިސްގެ ބައިންނެވެ.