ބޮލީވުޑް

ކަންގަނާގެ ރުޅިގަނޑު މިފަހަރު އަމާޒުވީ އަޔާން މުކަރުޖީއަށް

އަޔާން މުކަރުޖީ ޑައިރެކްޓްކޮށްފައިވާ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރުގެ "ބްރަމަސްތުރަ" ރިލީޒްކުރުމާއެކު ބަތަލާ ކަންގަނާ ރަނާވަތުއަށް މި ފިލްމަށް ފާޑު ނުކިޔައެއް ނުހުރެވުނެވެ.

ކަންގަނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ޝެއާ ކުރި ޕޯސްޓެއްގައި ކަންގަނާ ވަނީ ފިލްމުގެ ޑައިރެކްޓަރު އަޔާން އަށާއި "ބްރަމަސްތުރަ"ގެ ޓީމުގައި ހިމެނޭ އެންމެންނަށް ވަރަށް ބޮޑަށް މަލާމާތްކޮށްފަ އެވެ.

"އަޔާން މުކަރުޖީ އަކީ ޖީނިއަސް އެކޭ ބުނާ ކޮންމެ މީހަކު ޖަލަން ލާން ޖެހޭ. އޭނާ މި ފިލްމު [ބްރަމަސްތުރަ] އުފައްދަން 12 އަހަރު ހޭދަކުރި. އަދި 14 ޑީއޯޕީ [ޑައިރެކްޓަރު އޮފް ފޮޓޯގްރަފީ] ބަދަލުކުރި. އަދި އޭނާ 400 އޭޑީ [އެސިސްޓެންޓް ޑައިރެކްޓަރުން] ބަދަލުކޮށް 600 ކްރޯޑަށް ވުރެ ގިނަ ރުފިޔާ އަނދާ އަޅިޔަށް ހަދާލި،" ކަންގަނާ ލިޔެފައިވެ އެވެ.

ކަންގަނާ މި ފިލްމު ދެކެ އެހާ ރުޅިގަދަވެގެން އުޅެނީ ފިލްމުގެ ޕްރޮޑިއުސަރަކީ ކަރަން ޖޯހަރަށް ވެފައި ކަންގަނާ އާއާ ކަރަންގެ މެދުގައި ވަރަށް ވަރުގަދަ ރުޅިވެރިކަމެއް އުފެދިފައި އޮތީމަ އެވެ. އަދި ކަރަން އަބަދާ އަބަދު އާލިއާ ޕްރޮމޯޓްކުރަން އުޅޭތީ ވެސް ކަންގަނާ މަލާމަތް ކުރި އެވެ.

ކަންގަނާ މި ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކާފައިވަނީ ފިލްމު ބެލުމަށްފަހު ކަމެއް އޭނާ ޝެއާ ކުރި ޕޯސްޓަކުން ނޭނގެ އެވެ.