ބޮލީވުޑް

ކާރްތިކް އަށް ކަންގަނާ: ކަރަން ދެކެ ބިރު ނުގަންނާތި!

ކާރްތިކް އާރްޔަން ދެކެ ކަރަން ޖޯހަރް ރުޅިއައިސްގެން "ދޯސްތާނާ 2"އިން ވަކިކޮށްފިކަމަށް ޚަބަރުތައް ފެތުރެން ފެށިތާ ކުޑަ އިރުކޮޅެއް ތެރޭގައި ބަތަލާ ކަންގަނާ ރަނާވަތު ވަނީ މިކަމާ ގުޅޭ ގޮތުން ޓުވީޓެއް ކޮށްފަ އެވެ. ކަންގަނާގެ ޓުވީޓުގައި ކަރަން ދެކެ ބިރު ނުގަންނަން ކާރްތިކް އަށް ނަސޭހަތް ދީފައި ވެއެވެ.

ކާރްތިކް އަށް ތާއީދުކޮށް ކަންގަނާ ކުރި ޓުވީޓުގައި ބުނެފައިވަނީ ފިލްމީ ކެރިއަރުގެ މި ހިސާބަށް ކާރްތިކް އައިސްފައިވަނީ އޭނާގެ އަމިއްލަ މަސައްކަތުން ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ވެސް އޭނާ ކުރިޔަށް ދާނީ ހަމަ އެގޮތަށެވެ.

"ޕާޕާ ޖޯ (ކަރަން އަށް ކަންގަނާ ކިޔާ ނަމެއް) އާއި ނެޕޯ ގޭންގް ކްލަބް ކައިރީ އަހަރެން ބުނަން ބޭނުމީ ސުޝާންތަށް ހެދި ގޮތަށް ކާރްތިކް އަށް ނަހަދައްޗޭ. އޭނާ އުޅޭނެގޮތަކަށް އުޅެން ދޫކޮށްލާށޭ. ކާރްތިކް އެއްގޮތަކަށް ވެސް ބިރުގަންނާނެކަމެއް ނެތް މި މީހުން ދެކެޔެއް. ކާރްތިކް އޭ ކިޔައިގެން ދޮގު ވާހަކަތައް ލިޔެ އެކި ލިޔުންތައް ޗާޕް ކުރުވައިގެން އެމީހުން އުޅެނީ ކާރްތިކްގެ ދުވަސް ދުއްވާލަން. އެމީހުން ސުޝާންތޭ ކިޔައިގެން ވެސް ދެއްކި ކަހަލަ ވާހަކަތައް ކާރްތިކް އޭ ކިޔައިގެން ވެސް ދައްކަނީ،" ކަންގަނާގެ ޓުވީޓުގައި ލިޔެފައި ވެއެވެ.

ކަންގަނާގެ އިތުރު ޓުވީޓެއްގައި ކާރްތިކް އާއެކު އެމީހުން ތިބިކަމަށް ބުނެފައި ވެއެވެ.

"ކަލެއަކީ މީހެއް އުފެއްދުމެއް ނޫން. އެހެންވީމަ މީހަކަށް ކަލޭ ހަލާކުކޮށެއް ވެސް ނުލެވޭނެ. މިއަދު ކަލެއަށް އެކަނިވެރިކަމުގެ އިހްސާސް ކުރެވޭނެ. އަދި ހުރިހާ ދިމާލަކުން އެންމެން ކަލެއާ ދިމާކޮށްލައިގެން އުޅޭހެން ހީވާނެ. އެކަމާ އަޅާލާނެ ކަމެއް ނެތް. އެންމެންނަށް ވެސް އެނގޭ ޑްރާމާ ކުއީން ޖޯ. ކަލެއަށް ރަނގަޅު ކާމިޔާބެއް ލިބޭނެ. އަމިއްލަ ނަފްސަށް އިތުބާރުކޮށް ރަނގަޅު އަހްލާގެއްގައި ކުރިޔަށްދޭ،' ކާރްތިކް އާ މުޚާތަބުކޮށް ކަންގަނާގެ ދެ ވަނަ ޓުވީޓުގައި ލިޔެފައި ވެއެވެ.

ކަންގަނާގެ ޓުވީޓުތަކުގައި ސުޝާންތުގެ ނަން ބޭނުންކޮށްފައި ވުމުން ގިނަ ބަޔަކު އެކަމާ ހިތްހަމަނުޖެހިގެން ކަންގަނާ އަށް ރައްދު ދީ ޓުވީޓުތައް ކޮށްފައި ވެއެވެ. އަދި ސުޝާންތުގެ މަރަކީ ވަރަށް ސެންސިޓިވް ކޭސް އެއް ކަމަށާއި މި މައްސަލަ ތަހުގީގީ މަރުހަލާގައި އަދިވެސް އޮތުމުން މިކަމާ އެހެން ކަންކަމާ ނުގުޅުވަން ސުޝާންތުގެ ފޭނުން ކަންގަނާ އަށް އިލްތިމާސް ކޮށްފައި ވެއެވެ.

ކާރްތިކް "ދޯސްތާނާ 2" އިން ވަކިކުރީ އޭނާ 'އަންޕްރޮފެޝަނަލް' ކަމުން ކަމުން ފިލްމު އުފައްދާ މީހުން އޭނާއާ ހިތްހަމަނުޖެހިގެން ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައި ވެއެވެ. އެއާއެކު ޓުވިޓާގައި ގިނަ ބަޔަކު ކާރްތިކް އަށް ތާއީދުކުރާ ކަމަށް ބުނެ މެސެޖުތައް ޝެއާ ކުރަމުން އެބަ ދެއެވެ.

މިކަމާ ގުޅޭ ގޮތުން "ދޯސްތާނާ 2"ގެ ޕްރޮޑިއުސަރުން ކަމަށްވާ ދަރްމާ ޕްރޮޑަކްޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފިލްމުގެ ކާސްޓް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ފިލްމުގައި ބައިވެރިކޮށްފައިވާ ތަރިންގެ ތެރެއިން ވަކިކުރަނީ ކޮން ތަރިންނެއް ކަމެއް ބުނެފައެއް ނެތެވެ. މިކަމާ ގުޅޭ ގޮތުން އިތުރު ވާހަކައެއް ދައްކަން ބޭނުންނުވާ ކަމަށް އެބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި ޚުދް ކާރްތިކް ވެސް މިކަމާ ގުޅޭ ގޮތުން މިހާތަނަށް އެއްޗެކޭ ބުނެފައެއް ނެތެވެ.